އެސްއޯއީ އުވާލި ނަމަކަށް، ހާލަތު އަދިވެސް ބަދަލެއް ނުވޭ: އިދިކޮޅު
އެސްއޯއީ އުވާލި ނަމަކަށް، ހާލަތު އަދިވެސް ބަދަލެއް ނުވޭ: އިދިކޮޅު

ކުއްލި ނުރައްކަލުގެ ހާލަތު އުވާލީ ނަމަކަށް ކަމަށާއި އަދިވެސް ރާއްޖެ އޮތީ ކުރިން އޮތް ހާލަތުގައި ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު މިއަދު މެންދުރު 12 އިން ފެށިގެން ވަނީ އުވާލައިފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކުރީ މުއައްސަސާތަކުގެ ކޮންޓްރޯލް ހޯދުމަށާއި އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކަމަށެވެ. އެ ހާލަތު އުވާލިއިރު ސިޔާސީ ބޭފުޅުންނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދިވެސް ތިއްބެވީ ޖަލުގައި ކަމަށާއި މީގެކުރިން 2015 ގައި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ވާދަވެރިންނާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަހަރު ހެއްދެވި އެއްޗަކީ ބާކީ ތިއްބެވި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންނާއި އަދި އޭގެ އިތުރަށް ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވެސް އެ ބޭފުޅުންގެ ބާރުގެ ދަށަށް ގެންދެވީ،" އަނަސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ވިދާޅުވީ މިއަދު ފެންނަނީ ސަރުކާރާ އެކު މަދު ބަޔަކު ބައިވެރިވެގެން ނިކުމެ، ގައުމުގެ ބަތަލުންނަށް ޓެރަރިސްޓުންގެ ލަގަބު ދެމުން ކަމަށާއި އެކަން ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް އަރީފް ވިދާޅުވި އެވެ. ގައުމުގެ ހައްގުގައި ބަހެއް ބުނާ ކޮންމެ މީހެއްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާ ކަމަށާއި އެކަމާ ދެކޮޅަށް ރައްޔިތުން އިހްތިޖާޖަށް ނިކުންނަން ޖެހޭ ކަމަށް އަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހަމަ ޔަގީން އަޅުގަނޑުމެންގެ ހުރިހާ ބޭފުޅުން އަޅުގަނޑުމެންގެ ގާތަށް ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަން،" އަރީފް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އުވާލީ ރައްޔިތުންގެ ޕްރެޝަރުތަކާ ހެދި ކެތް ނުކުރެވިގެން ކަމަށާއި އެކަމަކު އެކަން ކުރީ ނަމަކަށް ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ކުރިމަތިކުރި ކަންކަން އަދިވެސް އޮތީ އެގޮތުގައި ކަމަށާއި ގައުމުގެ ހާލަތު އަދިވެސް ރަނގަޅު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ސިޔާސީ އިސް ބޭފުޅުން އަދިވެސް ޖަލުގައި ތިބި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ނަމަކަށް އުވާލިއިރު މި ރާއްޖެއަށް ހާސިލްވި އެއްވެސް ކަމެއް ނެތް. ދިވެހި ރައްޔިތުންނަށް ލިބުނު އެއްވެސް މަންފާއެއް ނެތް. މެދުވެރިވެފައި މިއޮތީ އިތުރު ދަތިތައް. އިތުރު ނުތަނަވަސްކަން،" ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ގައުމުގެ ހާލަތު ބަދަލު ކުރަން ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ހުއްޓާލާނީ މިދިޔަ މަހުުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ފަހު ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެ ނޫން ވެސް ބޭފުޅުންގެ މައްޗަށް ވަނީ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.