ފައިނަލުގައި ސިފައިންނާ ދެކޮޅަށް މޯލްޑިވިއަން
ފައިނަލުގައި ސިފައިންނާ ދެކޮޅަށް މޯލްޑިވިއަން

ސަލްސާ ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބާ ވާދަކުރުމުގެ ފުރުސަތު މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް ހޯދައިފި އެވެ.

މުބާރާތުގެ ލީގު ބުރުގައި އަދި ސެމީ ފައިނަލުގެ ދެ ވަނަ މެޗުން ސިފައިން އަތުން ބަލިވި މޯލްޑިވިއަން ފައިނަލުން ޖާގަ ހޯދީ ފުރަތަމަ ސެމީ ފައިނަލުން މޮޅުވި ޕޮލިސް ކްލަބާ ދެކޮޅަށް ރޭ ކުޅުނު ތިން ވަނަ ސެމީ ފައިނަލް ކާމިޔާބުކޮށްގެންނެވެ. މޯލްޑިވިއަން އިން މެޗު ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރަތަމަ ސެޓު މޯލްޑިވިއަން ވަނީ 25-18 އިން ކާމިޔާބުކޮށްފަ އެވެ. އެކަމަކު އަނެއް ދެ ސެޓު ކާމިޔާބުކޮށް ޕޮލިހުން ލީޑު ނެގި އެވެ. ސެޓުތައް ގެންދިޔައީ 22-25 އަދި 23-25 އިންނެވެ. ޕޮލިހަށް މޮޅުވާން ފުރުސަތު ލިބުނު ނަމަވެސް މޯލްޑިވިއަން ވަނީ ހަތަރު ވަނަ ސެޓު 25-22 އިން ކާމިޔާބުކޮށް އެއްވަރުކޮށްފަ އެވެ. އަދި ފަހު ސެޓު ފަސޭހަކަމާ އެކު 15-7 އިން ކާމިޔާބުކޮށް މޯލްޑިވިއަން މެޗު ކާމިޔާބުކުރި އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމް ހަތަރު ފަހަރު ހޯދާފައިވާ، މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

މޯލްޑިވިއަން އާއި ސިފައިން ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މާދަމާރެ އެވެ.