24 މާޗް 2018 - 18:58

ބާސެލޯނާ (މާޗް 24) - ކެޓަލޯނިއާގައި މިނިވަންކަން އިއުލާންކުރި ލީޑަރުންނާ ދެކޮޅަށް ސްޕޭނުގެ ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ބާސެލޯނާގައި ހަމަނުޖެހުންތައް އިތުރުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ކެޓަލޯނިއާގެ 25 ލީޑަރަކާ ދެކޮޅަށް ގައުމަށް ޣައްދާރުވުމުގެ ދައުވާ ކުރުމަށް ބުނެފަ އެވެ. އެ ކުށުގެ އަދަބަކީ މަދުވެގެން 30 އަހަރަށް ޖަލަށްލުމެވެ. ސުޕްރީމް ކޯޓުން ވަނީ ކެޓަލޯނިއާގެ އިތުރު ފަސް ލީޑަރަކު ހައްޔަރު ކުރުމަށް ވެސް އަމުރުކޮށްފަ އެވެ.
ބާސެލޯނާގައި ހިންގި ހަމަނުޖެހުންތަކުގައި ވަނީ 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. ކެޓަލޯނިއާގެ އެހެން ހިސާބުތަކުގައި ވެސް ވަނީ ހަމަނުޖެހުންތައް ހިންގައިފަ އެވެ. ހަމަނުޖެހުމުގައި ބައިވެރިވި މީހަކު ބުނީ ކެޓަލޯނިއާ ސްޕޭނާ ވަކިވާން ބޭނުންވާ ދެ މިލިއަަން މީހުން އެބަތިބި ކަމަށާއި އެ އެންމެން ޖަލަށް ނުލެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަކާ ޚިލާފަށް މިދިޔަ އަހަރު ވަނީ ސްޕޭނުގެ ބާރުގެ ދަށުން މިނިވަންވާން ފެނޭތޯ ބެލުމަށް ކެޓަލޯނިއާގައި ވޯޓެއް ނަގައިފަ އެވެ. ކެޓަލޯނިއާގެ ރައްޔިތުން މިނިވަން ކަމަށް ތާއީދު ކުރި ނަމަވެސް އެ ވޯޓު ބާތިލްކޮށް ޕާލަމެންޓް ވެސް ވަނީ އުވާލައިފަ އެވެ. ކެޓަލޯނިއާގެ ރައީސް ކާލްސް ޕުޖްޑެމޮން މިހާރު ދިރިއުޅުއްވަނީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ބެލްޖިއަމްގަ އެވެ.