19 ޖުލައި 2016 - 09:45

ފުލުހުންނަށް ހުރަސް އެޅިކަން ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ހަލަބޮލިވެއްޖެ އެވެ.
ޖަލްސާ ފެށުމާ އެކު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މަޖިލިސް ތަޅުމުގައި އަޑުގަދަ ކުރައްވައިފަ އެވެ. އެގޮތުން މަހްލޫފާ ނުލައި މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށް އެ މެމްބަރުން ވިދާޅުވަމުން ގެންދެވި އެވެ.
އެގޮތުން މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މަޖިލީހުގެ ރައީސް އިންނަވާ މޭޒު ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރެއްވި އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވާހަކަ ދައްކަވަން ފެއްޓުމުން ބައެއް މެމްބަރުން ވަނީ އެ ދެ ބޭފުޅުން އިންނަވާ ގޮނޑި ކައިރިއަށް ވަޑައިގެން މަހްލޫފް ދޫކޮށްލުމަށާއި ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވައިފަ އެވެ.
މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރަކު މިއަދު ވިދާޅުވީ މަހްލޫފްގެ މައްޗަށް ކުރީ "ޣައިރު ގާނޫނީ ހުކުމެއް" ކަމަށެވެ. އެހެންވެ މަހްލޫފް ދޫކޮށްލަން ޖެހޭ ކަމަށާއި މަހްލޫފްގެ ދިފާއުގައި މަޖިލީހުގެ ތަޅުމުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ. އަދި މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމެޓީން އަލުން މުރާޖައާކޮށް ނިންމި ގޮތުގެ ރިޕޯޓު ވެސް ވަނީ ހުށަހަޅައިފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހުރި ކަންކަން ވީހާވެސް އަވަހަކަށް ނިންމެވުމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަސައްކަތް ކުރެއްވި ތަން ފެނުނެވެ. އެގޮތުން ނިހާން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް މަސީހު ވަނީ އިޝާރާތުން އަވަސް ކުރުމަށް އެދިވަޑައިގެންފަ އެވެ.
މަޖިލީހުގެ ޖަލްސާ މެދުކަނޑާލައި، މަޖިލިސް އަލުން ފަށާނީ މިއަދު މެންދުރުފަހު 1:30 ގަ އެވެ. އެގޮތުން މާލިއްޔަތު ކޮމެޓީން ހުށަހެޅި ރިޕޯޓަށް ވޯޓަށް އަހާނެ އެވެ.