26 މާޗް 2018 - 06:29

މަސައްކަތްކުރާ ތަނުގައި ކޮންމެ ދުވަހަކު ވެސް ޕިއްޒާ ކާލައި، އެންމެން އެއްކޮށް ކުޑަކޮށް ސަކަރާތް ޖަހާލަން ވަގުތުކޮޅެއް ދުއްވާލުމަކީ ބޭކަރު ކަމެއްގެ ގޮތުގައި ނުދެކޭށެވެ. ހާއްސަކޮށް އޮފީސްތަކުގެ ވެރިން މިކަމާ ދޭތެރޭ މާ ބޮޑަށް ވެސް ވިސްނާލަން ޖެހެ އެވެ.

ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން ކޮންމެ ދުވަހަކު ވެސް މަސައްކަތުން ބްރޭކެއް ނަގައި، އެންމެން އެކީގައި ޕިއްޒާ ކެއުމަކީ މަސައްކަތުގެ ރޫހު އިތުރުކޮށްދީ، އުފެއްދުންތެރިކަމަށް ވެސް ބާރު އަޅާ ކަމެކެވެ. އެހެންވެ މުވައްޒަފުން މޯޓިވޭޓްކުރަން ޕިއްޒާ ދީގެން އަޖުމަ ބަލައިލަން ހަމަ ރަނގަޅުވާނެ އެވެ.

ސައިކޮލިޖިސްޓެއް ކަމަށްވާ ޑޭން އެރިއެލީ ލިޔެފައިވާ ފޮތް "ޕޭއޮފް: ދި ހިޑެން ލޮޖިކް ދެޓް ޝޭޕްސް މޯޓިވޭޝަން" ގައި ބުނެފައިވާ ގޮތުގައި އޮފީހުގެ ވެރިންގެ ފަރާތުން މުވައްޒަފުންނަށް ހިލޭ ޕިއްޒާ ކާލަން ލިބުމަކީ އެ މީހުންގެ ބޯނަސް އިތުރު ކުރުމަށް ވުރެ ބޮޑަށް މަސައްކަތުގެ ކޮލިޓީ ރަނގަޅުވެ، އުފެއްދުންތެރިކަން އިތުރުކޮށްދޭ ކަމެކެވެ.
މި ދިރާސާ ހެދުމަށް ބޭނުން ކުރި ފެކްޓްރީއެއްގެ މުވައްޒަފުންނަށް ދިނީ ތިން އިހުތިޔާރެކެވެ. އެއް ކަމަކީ މުސާރައިގެ ތެރެއަށް އެއް ދުވަހަށް ތިރީހަކަށް ޑޮލަރުގެ ބޯނަހެއް އިތުރުކޮށް ދިނުމެވެ. ދެވަނަ ކަމަކީ މުވައްޒަފުން ކުރާ މަސައްކަތް ވެރިން ބަލައިގަނެ އެކަމަށް ތައުރީފު ކުރުމެވެ. ތިން ވަނަ ކަމަކީ ކޮންމެ ދުވަހަކު ވެސް މަސައްކަތުގެ ގަޑީގައި ހިލޭ ޕިއްޒާ ކާން ލިބުމެވެ.
މި ތިން އިހުތިޔާރު މުވައްޒަފުންނަށް ދޫކޮށްލުމުން އަޣުލަބިއްޔަތު ލިބުނީ ޕިއްޒާ ލިބުމަށެވެ. ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 6.7 ޕަސަންޓް މީހުން ބޭނުން ވަނީ މަސައްކަތު ގަޑީގައި ޕިއްޒާ ކާށެވެ. ބޯނަހެއް ދޭތީ މަސައްކަތަށް މޯޓިވޭޓްވާ ކަމަށް ބުނީ 4.9 ޕަސަންޓް މުވައްޒަފުންނެވެ. އަދި މަސައްކަތަށް ތައުރީފު ކުރުމުން މޯޓިވޭޓްވާ ކަމަށް ބުނީ 6.6 ޕަސަންޓް މީހުންނެވެ.
އެހެންވެ މި ދިރާސާއަކީ ވަޒީފާ ދޭ މީހުންނަށް އޮތް އުފާވެރި ކަމަކަށް ވެދާނެ އެވެ. ޕިއްޒާއެއް މުވައްޒަފުންނަށް ކާލަން ދިނުމަކީ ބަޖެޓަށް އޮތް ބުރައަކަށް ގައިމު ވެސް ނުވާނެ އެވެ. ހަމަމިއާ އެކު މަސައްކަތުގެ ފެންވަރު ރަނގަޅުވެ، މަސައްކަތް ކުރުމުގެ ޖޯޝް ވެސް މުވައްޒަފުންގެ މެދުގައި ޕިއްޒާއަކުން އިތުރުކޮށްލެވި ދާނެ އެވެ.