ފުށިދިއްގަރު ފަރަށް ދެ އުޅަނދެއް އެރި މައްސަލާގައި 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
ފުށިދިއްގަރު ފަރަށް ދެ އުޅަނދެއް އެރި މައްސަލާގައި 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ކ. ފުށިދިއްގަރު ފަރަށް 2015 ގައި ބާޖަކާއި ޓަގު ބޯޓެއް އަރައި، އެ ފަރަށް ގެއްލުންތަކެއް ލިބުނު މައްސަލާގައި އެ ދެ އުޅަނދުގެ ލޯކަލް އޭޖެންޓް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

މުތާ ރޯޔަލް ނަމަކަށް ކިޔާ ޓަގު ބޯޓާއި މުތާ ގްރޭސް ނަމަކަށް ކިޔާ ބާޖު ޑިސެމްބަރު، 2015 ގައި ފުށިދިއްގަރު ފަރަށް އެރި މައްސަލާގައި ކުރި ޖޫރިމަނާއަކީ ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާ އެވެ.

އެ ހާދިސާގައި އެ ދެ އުޅަނދު ފުން ކުރެވުނީ މާޗް، 2016 ގަ އެވެ. އޭރު އެ ދެ އުޅަނދުގެ ލޯކަލް އޭޖެންޓުގެ ގޮތުގައި ހަރަކާތްތެރިވަމުން އައި މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑެވެ.

އެ މައްސަލާގައި 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން މިމަހުގެ 14 ވަނަ ދުވަހު ނިންމީ އެ ފަރަށް ލިބުނު ގެއްލުންތަކަށް ބެލުމަށް ފަހު ކަމަށް އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައިވެ އެވެ. އެ ހާދިސާގައި އެ ފަރުގެ 4،370 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތައް ލިބިފައި ހުރި ކަމަށާއި އެ ގެއްލުންތަކުގެ އަގު ވަޒަން ކުރުމުން ޖޫރިމަނާގެ އަސްލު އަދަދު 110 މިލިއަނަށް އަރާ ކަމަށް އީޕީއޭ އިން ބުންޏެވެ.

އެކަމަކު ތިމާވެށްޓާބެހޭ ގާނޫނުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާއަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ ޖޫރިމަނާގެ އަދަދު 100 މިލިއަން ރުފިޔާއަށް ދަށްވީ ކަމަށް އީޕީއޭގެ އިއުލާނުގައިވެ އެވެ. މެއިންލޭންޑް ޝިޕިންއަށް އީޕީއޭ އިން އަންގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދެއްކުމަށެވެ.