27 މާޗް 2018 - 07:08

ދެހާސް ފަނަރާގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ޕީކޫ" ގެ ކުރިން ޑައިރެކްޓަރު ސުޖިތު ސިރްކާސް އާއި އަމީތާބު ބައްޗަން އެކުގައި މަސައްކަތް ކުރި ފިލްމަކީ "ޝޫބައިޓް" އެވެ. އެކަމަކު އެ ފިލްމް އުފެއްދި ސްޓޫޑިއޯތަކުގެ މެދުގައި ޖެހުނު ތަފާތު މައްސަލަތަކާ ހެދި "ޝޫބައިޓް" ސިނަމާ އަށް ނުގެނެވި އެތައް އަހަރެއް ފާއިތުވެއްޖެ އެވެ.
ދެހާސް ބާރައިގައި ރިލީޒް ކުރަން އޮތް ފިލްމް ޕްރޮޑިއުސް ކުރީ ކުރިން ވަކިވަކި ސްޓޫޑިއޯތަކެއްގެ ގޮތުގައި ހަރަކާތްތެރިވި ޑިޒްނީ އާއި ޔޫޓީވީންނެވެ. އެކަމަކު މިހާރު އެއީ އެކުގައި މަސައްކަތް ކުރަމުން އަންނަ ސްޓޫޑިއޯތަކެވެ. މީގެ ތެރެއަށް މިހާރު ފޮކްސް ސްޓާ ސްޓޫޑިއޯ ވެސް ވަނީ ވަދެފަ އެވެ. ފިލްމް ރިލީޒް ނުކުރެވި އޮތީ މި ސްޓޫޑިއޯތަކުގެ މެދުގައި ފިލްމްގެ މިލްކުވެރިކަމާ މެދު އުފެދުނު ގާނޫނީ މައްސަލަތަކާ ހެދި އެވެ.
އަމީތާބް ކުރި ޓްވީޓްތަކެއްގައި ވަނީ "ޝޫބައިޓް" ގެ ޕްރޮޑިއުސަރުން މެދުގައި ބަހުސްތައް ކުރުން ހުއްޓާލައި ފިލްމް ރިލީޒްކޮށް ދޭން އާދޭސްކޮށްފަ އެވެ. އެ ފިލްމަކީ އެތައް ބައެއްގެ މަސައްކަތް ކަމަށާއި އެ މީހުންގެ މަސައްކަތް ފެނަށް ދުއްވައި ނުލަން ވަނީ ގޮވާލައިފަ އެވެ.
"ޔޫޓީވީއަކަސް، ޑިޒްނީއަކަސް އަދި ކޮންމެ ބަޔަކު ކަމަށް ވިޔަސް، އަހަރެން އާދޭސްކޮށްފައި މި ބުނަނީ ޝޫބައިޓް ރިލީޒްކޮށް ދޭށޭ،" އަމީތާބް ބުންޏެވެ.
ސުޖިތު ވެސް ވަނީ ފިލްމް ރިލީޒްކޮށް ދޭން އެދިފަ އެވެ. އޭނާ ބުނީ "ޝޫބައިޓް" ގެ ޕްރޮޑިއުސަރުންގެ ތެރޭގައި މިހާރު ފޮކްސްގެ ރޯނީ ސްކްރޫވާލާ ވެސް ހިމެނޭތީ، އޭނާގެ ކިބައިން ފިލްމް ސިނަމާތަކަށް ގެނެސްދޭން މަސައްކަތްކޮށް ދިނުމަށް އެދޭ ކަމަށެވެ.
"މިހާރު މާލީ ދަތިކަމެއް ހުރެގެން ޕްރޮޑިއުސަރުންނަށް މި ފިލްމް ރިލީޒް ނުކުރެވިގެން އުޅޭ ކަމަށް ވަންޏާ އަހަރެން މިހިރީ އަމިއްލަ ގެ ވެސް ވިއްކާލައިގެން، ފިލްމް ރިލީޒްކޮށް ދިނުމަށް އެހީވާން ތައްޔާރަށް،" އަންނަ މަހުގެ 13 ގައި ރިލީޒް ކުރާ "އޮކްޓޯބާ" ގެ ޑައިރެކްޓަރު ބުންޏެވެ.
އުމުރުން 60 އަހަރުގެ މީހެއްގެ ވާހަކަ ކިޔައިދޭ "ޝޫބައިޓް" އަކީ "ސަ ސިކްސްތު ސެންސް" ފަދަ ހޮލީވުޑްގެ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ އެމް ނައިޓް ޝިއަމަލަންގެ ވާހަކަ "ލޭބާ އޮފް ލަވް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ދިއާ މިރްޒާ، ޖިމީ ޝެރްގިލް، ނަވާޒުއްދީން ސިއްދީގީ އަދި ސާރިކާ ހިމެނެ އެވެ.