ފަނޑިޔާރުން ޗުއްޓީ ނަގަން ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭ އުސޫލު އުވާލައިފި
ފަނޑިޔާރުން ޗުއްޓީ ނަގަން ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭ އުސޫލު އުވާލައިފި

ހައި ކޯޓާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޗުއްޓީ ހަމަޖެއްސުމުގައި ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އޮތް އޮތުން ސުޕްރީމް ކޯޓުން އިއްޔެ އުވާލައިފި އެވެ.

ސުޕްރީމް ކޯޓުން 2016 ގައި ނެރުނު އާންމު ސިޓީއެއްގެ ދަށުން ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް ޗުއްޓީ އަށް ދެވޭނީ އެކަމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ކޯޓުގެ ހުއްދަ ލިބިގެންނެވެ. އެކަމަކު އިއްޔެ ސުޕްރީމް ކޯޓުން ނެެރުނު އާންމު ސިޓީއަކުން ވަނީ ކުރީގެ އާންމު ސިޓީ އުވާލައިފަ އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އާންމު ސިޓީގައިވާ ގޮތުން ޗުއްޓީ އަށް ދިއުމުގައި ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭނީ ހައި ކޯޓާއި ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުން ނުވަތަ ކޯޓު ހިންގުމާ ހަވާލުވެ ތިއްބަވާ ފަނޑިޔާރުންނާއި ޖުޑިޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން އެކަންޏެވެ.

އެހެން ފަނޑިޔާރުންގެ ޗުއްޓީ ހަމަޖައްސާނީ އެ ސިޓީގައިވާ ގޮތުން އެ ކޯޓެއްގެ އިސް ފަނޑިޔާރު ނުވަތަ ހިންގުމާ ހަވާލުވެ ހުންނަވާ ފަނޑިޔާރެކެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން އެންމެ މެޖިސްޓްރޭޓަކު ހުންނަވާ ކޯޓުތަކުގައި އެ މެޖިސްޓްރޭޓުގެ ޗުއްޓީ ހަމަޖައްސާނީ އެ ކޯޓު ނިސްބަތްވާ ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓެވެ.

އެ ސިޓީގައިވާ ގޮތުން ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ ޗުއްޓީ ހަމަޖެއްސުމުގައި ހިނގަމުންދާ މައްސަލަތައް ކުރިއަށް ގެންދިއުމަށާއި އާންމުންނަށް ދޭ ޚިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް ރިއާޔަތް ކުރަން ޖެހޭނެ އެވެ.