28 މާޗް 2018 - 06:53

ކުޑައިރު ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ބުނެފި އެވެ.
ކުރީގެ ހަނދާންތައް އާ ކުރަމުން 50 އަހަރުގެ އެކްޓަރު އަދި ދެ ކުދިންގެ ބައްޕަ ބުނީ ފިރިހެނެއްގެ ފަރާތުން އޭނާ އަށް ޖިންސީ ގޯނާތަކާ ކުރިމަތިލާން ޖެހުނީ އުމުރުން އެންމެ ހަ އަހަރުގައި ކަމަށެވެ.
"އެ ހާދިސާ އަށް ފަހު އަހަރެން ވަރަށް ބިރުގެންފައި ހުންނަނީ. ވަރަށް ބިރުގަނޭ މީހުންގެ ތެރެއަށް ނުކުންނަން ވެސް،" ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ ފިރިމީހާ ބުންޏެވެ. "ވަރަށް ގިނަ ދުވަހުން އެކަމުން އަރައި ގަނެވުނީ."
އަކްޝޭ ބުނީ ޖިންސީ ފުރައްސަ ލިބޭ ނަމަ އެފަދަ ކަންކަން ސިއްރުކޮށްގެން ނުތިބެ، އެ ވާހަކަތައް ދައްކަން ޖެހޭ ކަމަށެވެ. އަދި އޭނާ ކުޑައިރުގެ ހާލަތާއި މިހާރުގެ ހާލަތު ވަރަށް ބޮޑަށް ތަފާތު ކަމަށް ބުންޏެވެ.
"އެފަދަ ވާހަކަތައް ނުދައްކައި ސިއްރުކުރާ ކަމަށް ވަންޏާ އެއީ އެފަދަ އަމަލުތައް ހިންގާ މީހުންނަށް ދެވޭ ހިތްވަރަކަށް ވާނީ. މި ޒަމާނަކީ ތަފާތު އެކި ކަހަލަ ފުރައްސާރަތަކާ ދެކޮޅަށް ކެމްޕޭން ކުރަމުން އަންނަ ޒަމާނަކަށްވާތީ، ގޯނާ ލިބޭ މީހުންނަށް އެ ވާހަކަތައް ކިޔައި ދޭން ވެސް މިހާރު ފަސޭހަ ވާނެ،" ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރު ބުންޏެވެ. "އެ ހިތްވަރުގެ މި ޒަމާނުގެ މީހުންގެ ކިބައިގައި ހުންނަން ވާނެ."
ދާދި ފަހުން ރިލީޒް ކުރި "ޕެޑްމޭން" އަށް ފަހު، އަކްޝޭގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ގޯލްޑް"، "2.0"، "ކެސަރީ" އަދި "ހައުސްފުލް 4" ހިމެނެ އެވެ.
ބޮލީވުޑް ބަތަލާއިންގެ ތެރެއިން ސޯނަމް ކަޕޫރާއި ކަލްކީ ކޮޗްލިން ފަދަ ތަރިން ބުނެފައިވާ ގޮތުގައި އެ މީހުންނަކީ ވެސް ކުޑައިރު ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވެފައިވާ ބައެކެވެ.