28 މާޗް 2018 - 08:52

މާލޭގެ މަގުތަކުގެ ދަތިކަމުގެ މައްސަލަ އަށް ހައްލެއް ގެނައުމުގެ މަގުސަދުގައި ކަމަށް ބުނެ، މުދާ އުފުލުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ހަގީގަތަކީ މިއަދު މާލޭގައި ދުއްވަން ލައިސަންސް ދޫކޮށްފައިވާ ހުރިހާ އެއްގަމު އުޅަނދުތައް އެއްފަހަރާ ނުކުމެ މާލޭގެ މަގުތަކުގައި ދުއްވެން ނެތްކަމެވެ. އަމިއްލަ ބޭނުމަށް ދުއްވާ ސައިކަލާއި، ކާރައި، ވިޔަފާރި މުދާ އެއް ތަނުން އަނެއް ތަނަށް ގެންދަން ދުއްވާ ކުދި ޕިކަޕާއި، ބޮޑެތި ލޯރިތަކާއި، އަސާސީ ބޭނުންތަކަށް ބޭނުންވާ ފެނާއި، ގޭސް ރައްދުކޮށްދޭ އުޅަނދާއި، ޓެކްސީ ކުރާ ކާރާއި ޕިކަޕްތައް، އެއްފަހަރާ، އެއް ވަގުތެއްގައި ނެރެ މިއަދު މާލޭގައި ދުއްވޭކަށް ނެތެވެ. ބޮޑު ކަމެއް ދިމާވެގެން ސައިރަން އަޅާފައި ބާރަށް، އަވަހަށް ދާން ޖެހޭ އެންބިޔުލަންސާއި، އަލިފާން ނިންވާ ލޯރިތަކުގެ ވާހަކަ އިހަށް އެއްކިބާ ކުރަމާ ހެއްޔެވެ؟
މިއީ މާލޭގައި ދިރިއުޅޭ އެންމެން ވެސް މިއަދު ގަބޫލު ކުރާނޭ ޙަޤީޤަތެކެވެ. މި ހުރިހާ އުޅަނދެއް އެއްފަހަރާ ނުކުމެ، އެ އުޅަނދެއް އެތެރެކުރި މަޤްޞަދާއިގެން މާލޭގައި ދުއްވަން ޖެހުމުން ދިމާވާ ދައްޗާއި، އުދަނގުލުގެ ވާހަކަ ހިފައިގެން މީހަކު ގާތަށް ދާކަށް މިއަދަކު ނުޖެހެ އެވެ.
އެހެންކަމުން މި ވަގުތަށް މުހިންމީ ޓްރާންސްޕޯޓް އޮތޯރިޓީގެ އާ ޤަވާއިދަކީ މިކަމަށް އޮތް އެންމެ ރަނގަޅު ޙައްލުތޯ ސުވާލުކުރުމުވެ. އަދި އެއީ އެންމެ ރަނގަޅު ޙައްލު ކަމަށް ނުވަނީ ނަމަ ދެން ހަދަންވީ ކިހިނަކުންކަން ނިންމުމެވެ.
1- މުދާ އުފުލާ ގަޑިތައް ބަދލުކުރަން ހަމަޖެއްސި ޢުޞޫލަކީ މިކަމަށް އޮތް އެންމެ ރަނގަޅު ޙައްލުތޯ އެވެ؟
މުދާ އުފުލާ ގަޑިތައް ބަދަލުކޮށް ޓްރާންސްޕޯޓް އޮތޯރިޓީން 21 މާޗްގައި ނެރުނު އިޢުލާނަށް ޢަމަލު ކުރުން 24 މާޗްގެ ބަދަލުގައި 1 އެޕްރީލަށް ފަސްކުރުމުން، އެ އިޢުލާނަކީ ހުރިހާ މިންގަނޑުތަކަށް ދޮންވެ ފައްކާވެފައި ނެތް އިއުލާނެއްކަން ދޭހަވެ އެވެ.
ނަމަވެސް ދައުލަތުގެ އިދާރާތަކުން ބުނާ ގޮތުގައި އެކަމާ ބެހޭ ގޮތުން ގިނަ ފަރާތްތަކަކާ މަޝްވަރާކުރި އެވެ. އެގޮތުން މަޝްވަރާކުރީ ކޮން ބަޔަކާ ކަމާއި "ގިނަ" ވަނީ ކިތައް ފަރާތާ މަޝްވަރާކޮށްގެން ކަން، ނޭނގުނު ކަމަށް ވިޔަސް، އެއްފަހަރާ ކުރާ އިޢުލާނަކުން މި މައްސަލައަށް އެއް ލަކިން ޙައްލެއް ހޯދުމަކީ ނާދިރު ކަމަކެވެ.
މާލޭގައި ވިޔާފާރި ކުރާ ހުރިހާ ފަރާތްތަކާއި މާލޭގައި ދިރިއުޅޭ ރަށްވެހިންނާއި ފަތުރުވެރިންނާއި ދަތުރުވެރިންނާއި އެންމެން އެކުލެވޭ ގޮތުން މި ހުރިހާ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ މި މައްސަލަ ޙައްލުކުރެވޭނީ ސާބިތުކަމާއި ކެތްތެރިކަމާ އެކު މަސައްކަތް ކޮށްގެން، ގިނަ ދުވަހުންނެވެ.
2- މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަ، މާލޭގައި މުދާ އުފުލާ ގަޑި ބަދަލުކުރުމުން، ޙައްލު ކުރެވޭނެ ބާވަ އެވެ؟
ޝައްކެއް ވެސް ނެތް ގޮތުގައި މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަ، ހަމައެކަނި މުދާ އުފުލާ ގަޑި ބަދަލު ކުރުމަކުން ޙައްލެއް ނުކުރެވޭނެ އެވެ.
މާލޭގައި ބޭނުންކުރާ ބައެއް އުޅަނދުތައް، ޑޭވިޑް ކޮޕަފީލްޑް ފަދަ ޖާދޫގަރެއްގެ އެހީގައި، ދުވާލަށް ކަޝްފު ކުރިކަމަށް ވިޔަސް، މާލެއަށް، އުޅަނދު އަރުވާ މިންވަރު ކޮންޓްރޯލް ކޮށްގެން މެނުވީ، މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ނުލިބޭނެ އެވެ.
މާލޭގައި ދުއްވާ އެއްޗެތި ގިނަވެގެން ޙައްލެއް ހޯދުމުގެ މަޤްޞަދުގައި، މީގެ އެތައް އަހަރެއް ކުރިން، މާލޭގެ ގިނަ މަގުތައް 'ވަންވޭ" ގެ ގޮތުގައި ކަނޑައެޅި އެވެ. ނަތީޖާއަކަށް ވީ އެއްކޮޅަށް ދުއްވަން ފެށުމާ އެކު، މައްސަލަ ޙައްލުވީ ކަމަށް ދެކި، އެ ހިސާބަށް އުޅަނދު އެތެރެނުކޮށް ތިބި ފަރާތްތައް ވެސް އުޅަނދު އެތެރެ ކުރުމެވެ. މީގެ އިތުރުން އިޤްތިޞާދު ފުޅާވެ، ފޯރުންތެރިކަން އިތުރުވުމުގެ ސަބަބުން، ދިގު މުއްދަތުގައި މާލޭގައި އުޅަނދު ވީ ގިނަ އެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި އުޅަނދު ކޮންޓްރޯލް ކުރެވިގެން މެނުވީ ސިޓީތަކުގެ ޓްރެފިކް މައްސަލައަށް ޙައްލެއް ލިބިފައެއް ނުވެ އެވެ.
ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ރިންގްރޯޑް، އަންޑަގްރައުންޑް އަދި އަބައުވް ގްރައުންޑް ޕަބްލިކް ޓްރާންސްޕޯޓް ނިޒާމުތަކުން ވަގުތީ ޙައްލު ހޯދި ނަމަވެސް، އާޚިރުގައި ދުއްވަން ހުއްދަކުރެވޭ އަދަދު ކޮންޓްރޯލް ކޮށްގެން މެނުވީ ދާއިމީ ޙައްލެއް ލިބިފައެއް ނުވެ އެވެ. ސިންގަޕޫރަށް ނިސްބަތްކޮށް ގިނަ ބަޔަކު މުސްތަޤްބަލު ކުރަހަމުން ދާއިރުގައި، ސިންގަޕޫރުގެ ޓްރެފިކް މައްސަލަ ޙައްލުކުރަން ތަފާތު ގޮތްގޮތުން، އެތައް އަހަރެއް ވަންދެން މަސައްކަތް ކުރުމަށް ފަހު، އޮކްޓޯބަރު 23، 2017 ގައި ކުރި ޢިޢުލާނަކުން ވިޔަފާރި ބޭނުމަށް ފިޔަވައި، އަމިއްލަ ބޭނުމަށް އިތުރު އުޅަނދު ދުއްވުން ސިންގަޕޫރުން ހުއްދަ ނުދޭނެ ކަމަށް ވަނީ އިޢުލާނުކޮށްފަ އެވެ.
އަޅުގަނޑުމެންގެ ޖިއޮގްރަފީ އާއި ތަނަވަސްކަން ނިޔާކުރާ ގޮތުން މިދެންނެވި ފަދަ ޙައްލުތަކެއް އަޅުގަނޑުމެންގެ އަތްފޯރާ ފަށަކު ނުވެ އެވެ. ހުޅުމާލެއަށް ގެނެވޭ، އަދި ގެންނަން އިޢުލާން ކޮށްފައިވާ ތަރައްޤީގައި ކުލަޖެހެމުން ދާއިރު، މާލެ-ހުޅުމާލެ ބްރިޖަކީ ވެސް މާލޭގެ ޓްރެފިކަށް އޮތް ޙައްލެއް ކަމަށް ޤަބޫލެއް ނުކުރެވެ އެވެ.
އެހެންކަމުން މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ، ދުވާލުގެ ވަގުތުތަކުގައި، ބައެއް އުޅަނދުތައް "ފޮރުވައިގެން"، ޙައްލުކުރެވޭނެ ކަމަކަށް ގަބޫލެއްނުކުރެވެ އެވެ. މުދާ އުފުލުމުގެ ނިޒާމަށް އެޕްރީލް 1 ގައި އަމަލްކުރަން ފެށުމަކީ، "އެޕްރީލް ފޫލެއް" ހެދުން ކަމަށް ނޫނީ ނުވާނެ އެވެ.
އާތިފަކީ އެމްޓީސީސީ އާއި މިފްކޯ އަދި އެމްއެމްއޭގައި މަތީ މަގާމުތައް ފުރުއްވާފައިވާ، އަދި އިގުތިސާދީ ދާއިރާގެ މައްސަލަތަކަށް ދޭތެރެ ދޭތެއިން ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ.