އަސާންޖަށް އިންޓަނެޓުގެ ޚިދުމަތް ކަނޑާލައިފި
އަސާންޖަށް އިންޓަނެޓުގެ ޚިދުމަތް ކަނޑާލައިފި

ލަންޑަން (މާޗް 28) - ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީން ހިމާޔަތް ހޯދައިފައިވާ ޖޫލިއަން އަސާންޖަށް އިންޓަނެޓުގެ ޚިދުމަތް ކަނޑާލައިފި އެވެ.

އިކުއެޑޯ އިން މި އެޅި ފިޔަވަޅާ ގުޅިގެން ބޭރު ދުނިޔެއާ މުވާސަލާތު ކުރުމުގެ ފުރުސަތު އަސާންޖަށް ވަނީ ބަންދުވެފަ އެވެ. އިކުއެޑޯ އިން ބުނީ މިއީ އެހެން ގައުމުތަކުގެ ކަންކަމާ ވިކިލީކްސްގެ ބާނީ ބެހުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

އަސާންޖަށް އިންޓަނެޓުގެ ޚިދުމަތް ކަނޑާލިއިރު، އިނގިރޭސި ވިލާތުގައި ރަޝިޔާގެ ކުރީގެ ޖާސޫސީ އެޖެންޓަށް ވިހަ ދިނީ ރަޝިޔާ އިން ކަމަށް ކުރާ ތުހުމަތުތަކަށް ސުވާލު ސުވާލު އުފައްދާ އަސާންޖް ވަނީ ހޯމަ ދުވަހު ޓްވީޓެއް ކޮށްފަ އެވެ.

ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީން އަސާންޖަށް ހިމާޔަތް ދީފައި ވަނީ 2012 ވަނަ އަހަރު އެވެ. އޭނާ ލަންޑަން އެމްބަސީގައި ބަހައްޓާފައި ހުރީ ސްވިޑަން އަށް ފޮނުވާލަފާނެތީ އެވެ. އެއީ ޖިންސީ ގޯނާގެ މައްސަލައެއްގައި ސުވާލު ކުރުމަށެވެ. ނަމަވެސް ސްވިޑަން އިން މިހާރު ވަނީ އެ މައްސަލަ ދޫކޮށްލައިފަ އެވެ. އެކަމަކު އަސާންޖް ގަބޫލް ކުރަނީ އޭނާ އެމްބަސީން ނުކުމެއްޖެ ނަމަ އެމެރިކާއާ ހަވާލު ކުރާނެ ކަމުގެ ބިރު ބޮޑު ކަމަށެވެ. އެއީ ވިކިލީކްސް އިން އާއްމުކުރި މައުލޫމާތާ ގުޅިގެންނެވެ.

އިކުއެޑޯ އިން 2016 ވަނަ އަހަރު ވެސް ވަނީ އަސާންޖަށް އިންޓަނެޓުގެ ޚިދުމަތް ކަނޑާލައިފަ އެވެ. އެފަހަރު ޚިދުމަތް ކަނޑާލީ ހިލަރީ ކްލިންޓަނުގެ ކެމްޕޭން ޓީމުން ހެކްކުރި އީމެއިލްތަކެއް އާއްމު ކުރުމުންނެވެ.