29 މާޗް 2018 - 16:35

ގާހިރާ (މާޗް 29) - މިސްރުގެ ރައީސްކަމުގެ ދެ ވަނަ ދައުރު ރައީސް އަބްދުލް ފައްތާހު ސީސީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެކަން މިހާތަނަށް ސާފުކުރި ނަތީޖާތަކުން ޔަގީންވެއްޖެ އެވެ.
މިސްރުގައި ތިން ދުވަހުގެ މުއްދަތަށް ބޭއްވި އިންތިޚާބުގައި މިހާތަނަށް ގުނި 25 ވޯޓުގެ ތެރޭން ސީސީ ވަނީ 92 ޕަސެންޓް ކާމިޔާބު ކުރައްވައިފަ އެވެ. ސީސީއާ ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓަކީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ މޫސާ މުސްތަފާ މޫސާ އެވެ. އިންތިޚާބަށް ނަން ހުށަހެޅުމުގެ ވަގުތު ހަމަވާން ކައިރިވަނިކޮށް ފޯމު ހުށަހެޅި މޫސާ މުސްތަފާ ވެސް ވިދާޅުވެފައި ވަނީ ދެ ވަނަ ދައުރަކަށް ސީސީ އިންތިޚާބުވުމަށް އޭނާ ވެސް ތާއީދު ކުރާ ކަމަށެވެ.
އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރި އެހެން ފަރާތްތަކަށް ބިރު ދައްކައިގެން ނަން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އަނެއް ބައި ކެންޑިޑޭޓުން ވަނީ ބަންދުކޮށްފަ އެވެ.
ސީސީ ވެރިކަމަށް ވަޑައިގެންނެވީ މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލުމަށް ފަހު އެވެ.
މިދިޔަ ހޯމަ ދުވަހު މިސްރުގެ އިންތިޚާބުގައި ވޯޓުލުމުގެ ކުރިން ވެސް ވަނީ ސީސީ ދެ ވަނަ ދައުރެއް ކާމިޔާބު ކުރާނެކަން ޔަގީންވެފަ އެވެ. ގިނަ ބަޔަކު ބުނަނީ ސީސީ އަށް ތާއީދު އޮތްވަރު އެނގޭނީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދުން ކަމަށެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ވޯޓުލާން ނުކުމެފައި ވަނީ 47 ޕަސެންޓް މީހުންނެވެ. އެ ފަހަރު ސީސީ ކާމިޔާބު ކުރެއްވީ ވޯޓުގެ 97 ޕަސެންޓުންނެވެ. އެކަމަކު މިސްރުގެ އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓު ނުލާ މީހުން 500 މިސްރު ޕައުންޑް (28 ޑޮލަރު) އިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. ވޯޓުލުން ބަންދުކުރާ ގަޑި ވެސް ފަހުން ވަނީ އިތުރުކޮށްފަ އެވެ. ވޯޓުލާން ނުކުންނަ މަތިން ބައެއް މީހުންނަށް ހަދިޔާ ދިންކަމުގެ ރިޕޯޓްތައް ވެސް ވަނީ އާއްމުވެފަ އެވެ.
މިސްރުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނީ އަންނަ ހޯމަ ދުވަހު އެވެ.