ސިމެންތި ޖަހަން އަރާ ހުރި އަށި ވެއްޓި ދިވެއްސެއްގެ ފައި ބިނދިއްޖެ
ސިމެންތި ޖަހަން އަރާ ހުރި އަށި ވެއްޓި ދިވެއްސެއްގެ ފައި ބިނދިއްޖެ

ތ. މަޑިފުށީގައި ހަދަމުން އަންނަ ގެސްޓް ހައުސެއްގެ ތިން ވަނަ ބުރީގައި ސިމެންތި ޖަހަންވެގެން އަރާ ހުރި އަށި ވެއްޓި، ދިވެއްސެއްގެ ފައި މިއަދު ބިނދިއްޖެ އެވެ.

މިއަދު ހެނދުނު 9:30 ހާއިރު އިރު ހިނގި މި ހާދިސާގައި ބިދޭސީއަކު ވެސް ވެއްޓުނެވެ. ނަމަވެސް އޭނާއަށް މާ ބޮޑު ގެއްލުމެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.

ހަތަރު ބުރިއަށް ހަދަމުން އަންނަ ގެސްޓްހައުސްގެ ސިމެންތި ޖެހުމުގެ މަސައްކަތުގައި އުޅެނިކޮށް މުހައްމަދު މުފީދު، 59، ވެއްޓުނީ ސީދާ ބިންމައްޗަށެވެ. އެކަމަކު ބިދޭސީ މީހާއަށް މާ ބޮޑު އަނިޔާއެއް ނުލިބުނީ ގަހެއްގެ ތެރެއަށް ވެއްޓުމުން ކަމަށް، ރަށު ކައުންސިލްގެ މެމްބަރު އައްބާސް އަހުމަދު ވިދާޅުވި އެވެ.

"ދެ މީހުން ވެސް ތިން ވަނަ ބުރީގައި ހަދާފައި ހުރި އައްޓެއްގެ މަތީގައި ތިއްބާ އަށި ބިންދައިގެން ގޮސް ވެއްޓުނީ،" އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުފީދުގެ ހާލު ސީރިއަސް އެވެ. އެހެންކަމުން އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ދިވެހި މީހާގެ ފަލަމަސްގަނޑު ކައިރިން ބިންދައިގެން ގޮސްފައި ހުރީ،" އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުފީދު މާލެ ފޮނުވަނީ، ފައި ބިނދުން ފިޔަވައި އިތުރު ގެއްލުމެއް ބޭރުން ފެންނަން ނެތަސް، އެހާ މަތިން ވެއްޓުމުން އެތެރެހައްޓަށް ގެއްލުމެއް ލިބިފައިވޭތޯ ނުވަތަ ނޫންތޯ ކަށަވަރުކުރާށެވެ.