އައްޑޫ ކްލިނިކެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ހައްޔަރުކޮށްފި
އައްޑޫ ކްލިނިކެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ހައްޔަރުކޮށްފި

އައްޑޫ ކްލިނިކެއްގައި މަސައްކަތް ކުރަމުން އައި ބިދޭސީއަކު، ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފި އެވެ.

އައްޑޫ ކްލިނިކެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ހައްޔަރުކޮށްފި
އައްޑޫ ކްލިނިކެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ހައްޔަރުކޮށްފި

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގަ އެވެ. ނަމަވެސް ބިދޭސީ މީހާ ހައްޔަރު ކުރީ ތަހުގީގު ކުރާ ކޮން ކަހަލަ މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރި އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ގުރްރާޖު ކިޝޯރު ހައްޔަރުކުރީ އޭނާއަކީ މީހަކު މަރާލައިފައިވާ މީހެއް ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އެނގިފައިވާ ގޮތުގައި ގުރްރާޖް 2014 ހިތަދޫ އައިއެމްޑީސީގެ ލެބޯރެޓަރީ ޓެކްނިޝަނެއްގެ ގޮތުގައި މަސައްކަތް ކުރަން އައީ އަސްލު ނަން ވެސް އޮޅުވާލައިގެން ހަދާފައިވާ ޑޮކިއުމަންޓްތަކެއް ބޭނުން ކޮށްގެންނެވެ. އޭނާގެ އަސްލު ނަމަކީ ގުރްރާޖް ކިޝޯރް ކަމަށް ވިޔަސް ރާއްޖޭގައި މަސައްކަތް ކުރަން އައީ ބާސްކަރު ސްރިވަސްތާގެ ނަމުގައި ހަދާފައިވާ ޑޮކިއުމަންޓްތަކާ އެކުގަ އެވެ.

އައިއެމްޑީސީގައި މަސައްކަތް ކުރުމަށް ފަހު ގުރްރާޖް ފަހުން 2016 ގައި ބަދަލުވެފައި ވަނީ ފޭދޫ އެއިމްސް ކްލިނަކަށެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ އެ ތަނުގައި މަސައްކަތް ކުރަމުން އަންނަނިކޮށެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އެއިމްސްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ގުރްރާޖް ވަނީ 2006 ގައި އޭރުގެ އޭނަގެ ލޯބިވެރިޔާ ތާނިޔާ ބެނަޖީ ބެންގަލޯރްގައި މަރާލި ކަމަށް އެއްބަސްވެފައި ކަމަށް އިންޑިއާގެ ހިންދޫ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ. އެ ނޫހުން ޖުލައި، 28، 2006 ގައި އެ ހާދިސާ ރިޕޯޓް ކުރަމުން ބުނެފައި ވަނީ ތާނިއާގެ ހަށިގަނޑުގެ 35 ތަނަކަށް ގުރްރާޖް ވަޅިއަކުން ހަމަލާ ދީފައިވާ ކަމަށެވެ.

ނޫހުގައި ގުރްރާޖްގެ ފޮޓޯ ވެސް ޖަހާފައިވެ އެވެ.