06 އެޕްރީލް 2018 - 10:03

އިރާގުގެ ބަސަރާގެ ވާހަކަ ބުނެފި ނަމަ ގިނަ ބައެއްގެ ސިކުނޑި އަށް މިހާރު އެންމެ ފުރަތަމަ ވެސް އަންނާނީ ހަނގުރާމަ އާއި ވީރާނާ ކަމެވެ. އެކަމަކު އެ ހާލަތުގެ ތެރެއިން ވެސް މިއީ ވަރަށް ތަފާތު ވާހަކައެކެވެ. ހާއްސަކޮށް، އޮޅުކޮށްގެން ބުޅާ ގެންގުޅޭ މީހުންނަށް ބަސަރާގައި މިހާރު އަންނަނީ އާ ހިދުމަތެއް ދެމުންނެވެ.
ޖަނަވާރުންގެ ޑޮކްޓަރަކަށް ވާން ކިޔަވަމުން އަންނަ ޒުވާނެއް ކަމަށްވާ އަހުމަދު ތާހިރް މާކީ، 24، މި ވަނީ ބުޅާތަކަށް ހާއްސަ ހޮޓަލެއް ހުޅުވައި ހިދުމަތް ދޭން ފަށައިފަ އެވެ. އޭނާ މިތަން ހިންގަނީ ދިރިއުޅޭ ގޭގެ ބައެއްގަ އެވެ.
ބުޅާ ހޮޓަލުން ހިދުމަތް ހޯދަން ދުވާލަކަށް ހޭދަކުރަން ޖެހެނީ 5،000 އިރާގީ ދިނާރް (4.20 ޑޮލަރު) އެވެ. މި ހޮޓަލުގެ ހާއްސަކަމަކީ ވަޒީފާތަކަށް ދާ މީހުންނާއި ދަތުރުވަރެއްގައި ރަށުން ބޭރަށް ކުރު މުއްދަތަކަށް ދާންޖެހޭ ނަމަ ބުޅާ ގެންގުޅޭ މީހުން އަހުމަދުގެ ހޮޓަލްގައި ބުކިންސް ހަދާފައި ބުޅާ ގެންދަންވީ އެވެ.
ދެން ބުޅަލަށް ލިބެން ޖެހޭ ހުރިހާ ހިދުމަތްތަކެއް ހޮޓަލުން ފޯރުކޮށް ދޭނެ އެވެ. އޭގެ ތެރޭގައި ފެންވަރުވައި "ތިއްތި"ކޮށް ދިނުމާއި ކާން ދިނުމާއި އަރާމު ތަންމެއްޗެއްގައި ނިންދެވުމާއި ފަރުވާއެއް ކުރަން ޖެހޭ ނަމަ ފަރުވާ ވެސް ދިނުން ހިމެނެ އެވެ.
މި ހޮޓަލުގައި ބުޅާތަކަށް ކުޅެ، ސަކާރާތް ޖަހައި، ވަރަށް މިނިވަންކޮށް އުޅެލެވޭނެ އެވެ. ހިދުމަތް ތަޖުރިބާ ކުރި ބައެއް މީހުން ބުނެފައި ވަނީ އަހުމަދުހެ ބުޅާ ހޮޓަލްގެ ހިދުމަތްތައް ހަމަ ވަރަށް ރަނގަޅު ކަމަށެވެ.