09 އެޕްރީލް 2018 - 09:59

"ކީއްވެ ރާއްޖޭގެ ކުޅުންތެރިން އޭޝިއާގެ ލީގު ތަކުގައި ނުކުޅެނީ؟ ތިން ދުވަހުން އަހަންނަށް ފެނިއްޖެ މިތަނުގައި ހުނަރު އޮތްވަރު. އެއީ އަދި އެންމެ ހިސާބަކުން،"

ބ. އަތޮޅުގައި ހިންގާ އަމިއްލަފުށި ރިޒޯޓުގައި ބޭއްވި ފުޓްބޯޅަ ތަމްރީން ޕްރޮގްރާމުގެ ތެރެއިން އޮސްޓްރޭލިއާގެ ފުޓްބޯލްޓެކްގެ ޓްރެއިނަރު ގްލެން ޓްރިފީރޯ އަހަރެން ގާތު އެހި އެވެ.
ފުޓްބޯލްޓެކް ފެށުނީ 2009 ވަނަ އަހަރެވެ. އެއީ ގްލެން އާއި އޭނާގެ ބޭބެ ޖޭސަން ޓްރިފީރޯ އަމިއްލަ ހަރަދުގައި ބޮޑު ސްޕޮންސާއެއް ނެތި ފެށި މަސައްކަތެކެވެ. މި ދެބެން މި އެކަޑަމީ މަސައްކަތް ކުރިއަށްގެންދާއިރު، އަދިވެސް އަންނަނީ އޮސްޓްރޭލިއާގެ އެކި ލީގުތަކުގައި ކުޅެމުންނެވެ.
މިދިޔަ އަހަރު ގްލެން އޭނާގެ ހަނީމޫނަށް ރާއްޖެ އައިސް އަމިއްލަފުށީގައި ހުއްޓައި އެ ރިޒޯޓުގެ ސްޓާފުން އެ ތަނުގައި އޮތް ހިތްގައިމު ޓާފް ދަނޑުގައި މެޗެއް ކުޅެނިކޮށް ފެނުނެވެ. އެ ދުވަހު އޭނާ ޝައުގުވެރިކަން އުފެދުނީ ރާއްޖޭގައި އެކެޑަމީ ޓްރެއިނިން ކޭމްޕެއް ހިންގުމަށެވެ. އެ ގޮތުން އަމިއްލަފުށީގެ ރިޒޯޓް ހިންގާ ސްމޯލް މޯލްޑިވްސް އައިލެންޑް ކޯގެ ސީއީއޯ އަދި ކިއުރޭޓާ މާކް ހެހީރްއާ މަޝްވަރާތަކެއް ބޭއްވި އެވެ. އުމުރުން 28 އަހަރުގެ ގްލެން ހިޔާލަށް މާކް މަރުހަބާ ކިޔެ އެވެ.
ގްލެންގެ އެ ހިޔާލަށް މާކް އެންމެ ބޮޑަށް ޝައުގުވެރިވީ އޭގައި ދިވެހި ކުދިންނަށް ވެސް ފުރުސަތު ލިބޭގޮތްވާތީ އެވެ. އަމިއްލަފުށީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެ ފަދަ ކަމެއް ކޮށްދޭން މާކް އޮތީ މާ ކުރިން ބޭނުންވެފަ އެވެ.
މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ފުޓްބޯލްޓެކުން ދިން ޓްރެއިނިންގައި އެ އެކަޑަމީގެ ހަތަރު ކޯޗުން ގެނެސްގެން ކުރިއަށް ގެންދިޔަ މި ކޭމްޕަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުން ކޮންމެ ދުވަހަކު 30 އަށް ވުރެ ގިނަ ކުދިން މި ކޭމްޕުގައި ބައިވެރިވާން އައިއިރު، އެ ރިޒޯޓުގެ ގެސްޓުންގެ ކުދިންނާ އެކު ޖުމްލަ 50 އަށް ވުރެ ގިނަ ކުދިން މި ކޭމްޕްގައި ފުރިހަމަކުރި އެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު އޮތީ އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ ޖޫނިއާ ކޭމްޕެވެ. މެންދުރުފަހު ކުރިއަށްދިޔައީ އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ބާއްވާ ސީނިއާ ކޭމްޕެވެ. މި ޓްރެއިނިން ކޭމްޕަށް ކުދިންގެ ޓްރާންސްފާ ހަމަޖައްސައިދިނީ އަމިއްލަފުށިންނެވެ.
"އަހަރެން އަހާލިން ކުޅުންތެރިން ގާތު އެ ރަށްރަށުގެ ފުޓްބޯޅައިގެ ހާލަތު. އެ ކުދިން ބުނީ ޓްރެެއިނިން ވަސީލަތްތައް ނުހުންނަކަމަށް. ރަނގަޅު ދަނޑެއްގައި ކުޅެލަން ވެސް ނުލިބޭ ކަަމަށް. އަހަންނަށް ހިއެއްނުވޭ ދުނިޔޭގައި ހުރިހާ ކަމެއް ފުރިހަަމަކޮށް އޮތް އެއްވެސް ތަނެއް (ގައުމެއް) އޮންނާނެހެން. ލިބިފައިހުރި ވަސީލަތެއްގެ ބޭނުންކުރުން އޮތީ،" ގްލެން ބުންޏެވެ.
ގްލެންގެ ދެކޭގޮތުގައި އެންމެ ބޮޑު މައްސަލަ އަކީ ވަސީލަތެއް ނޫނެވެ. ބަދަލުކުރަން ޖެހެނީ ވިސްނުމެެވެ.
"މިސާލަކަށް އަހަރެމެން މީގެ ނުވަ އަހަރު ކުރިން ޕްރޮފެޝަނަލް ޓްރެއިނިން ދޭން ވެގެން އެކެޑަމީ ޕްލޭނެއް ހެދިއިރު ނެތް އަހަރެމެން އަތުގައި ވެސް ބޮޑު ވަސީލަތްތަކެއް. ބޮޑު ސްޕޮންސަރެއް ނޫނީ ފައިނޭންޝިއަލް އެންމެ ފުރިހަމަ ބެކިން އެއް ވެސް ނެތް. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްދިޔައީ. އެގޮތަށް ބަލާއިރު މި ކަމުގައި ވެސް ފުރަތަމަ ބަދަލު ކުރަންވީ ވިސްނުން،" އޭނާ ބުންޏެވެ.
އެކެޑަމީއެއްގެ ނަތީޖާ އަކީ އެހެން ހުރެފައި ފެންނާނެ އެއްޗެއް ނޫނެވެ. އޭގެ ނަތީޖާ ފެންނާނީ އަހަރުތަކެއް ފަހުންނެވެ. ގްލެންގެ ނަޒަރުގައި އޭނާ އަށް ރާއްޖޭގައި ކުރެވުނު ކުޑަ ތަޖުރިބާ އިން ވެސް ރަނގަޅު ކަމެއް ދަސްވި އެވެ.
"މި ޓްރެއިނިން ކޭމްޕްގައި އަހަރެން ދުށިން ތަފާތު ގައުމުތަކުގެ ކުދިން. ބުނެވިދާނެ ގާތްގަނޑަކަށް 20 ވަރަކަށް ގައުމޭ ވެސް. އެއިން ފެނުނު ދިވެހި ކުދިންގެ ތަފާތަކީ މިކަންކުރަން ހުރި ޝައުގުވެރިކަން. ފުޓްބޯޅަ އަށް އެހާ ކުޑައިރު ވެސް ހުންނަ ފޯކަސް. އަސްލު ކުޅެން ބޭނުންވެފައި ހުރި މިންވަރު. އެ ފުރުސަތުތަށް މި ކުދިންނަށް ހޯދައިދިނަސް އެއް އަހަރު ދެ އަހަރުން ތަފާތު ނުދައްކަފާނެ. އެކަމަކު ފަސް އަހަރު ފަހުން ކިހިނެއް އެނގެނީ މީގެ ތެރެއިން އެލީޓް ގްރޫޕެއް ނުނިކުންނާނެކަން،" ގްލެން ބުންޏެވެ.
އަރަމުން އަންނަ ކުޅުންތެރިއަކަށް އެކެޑަމީއެއްގެ ތެރެއިން ކިތަންމެ ވަރަކަށް ވެސް ޓްރެއިނިން ދެވިދާނެ އެވެ. އެކަމު ކުޅުންތެރިއެއް ތައްޔާރުކުރާނަމަ ޕްރޮފެޝަނަލް ލެވެލަކަށް ދިއުމުގެ ކުރިން ޓްރެއިނިންގެ އިތުރުން ގިނަ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހެ އެެވެ.
"ކުޅުންތެރިއަކު މެންޓަލީ އެންމެ ރަނގަޅަށް ތައްޔާރުކުރުމަކީ އެންމެ ފުރަތަމަ ވިސްނުން. ދެން އަހަރެމެން ހެދިން ގައިޑްލައިނެއް. އެއީ ޔޫރަޕްގެ ޕްރޮފެޝަނަލް އެކެޑަމީ ތަކުގައި މަސައްކަތްކުރާ ގޮތް ވެސް ބަލައިގެން. މިސާލަކަށް އަހަރެމެންގެ އެކެޑަމީގައި ބަލަނީ ވީހާވެސް ބޮޑަށް ކުޅުންތެރިންނަށް މެޗުތަކެއްދޭން. ޕްރޮފެޝަނަލް ލެވެލެއްގެ މެޗަކަށްދާއިރު މަދުވެގެން އެ ކުޅުންތެރިއަކު 100 ވަރަކަށް މެޗު ކުޅުމަކީ މަޖުބޫރު ކަމެއް،" ގްލެން ބުންޏެވެ.
ފުޓްބޯޅައިގައި ކާމިޔާބު ހޯދުމުގެ މަސައްކަތް ގްރާސްރޫޓުން ފަށަން ޖެހެ އެވެ. ރަނގަޅު އެކެޑަމީ ޕްލޭންތަކެއް ކުރިއަށްދާންވީ އެވެ. އެކަމަކު އޭގެ ތެރެއިން އެންމެ ބޮޑަށް ކުރަން ޖެހޭ މަސައްކަތްތައް އޮތީ ކުޅުންތެރިންނަށް މެޗުތަކެއްދީގެން ތަޖުރިބާދީ ޕްރޮފެޝަނަލް ލެވެލަށް ކުޅުންތެރިން ހޭނުމެވެ.
"މި އަވީގައި އަހަރެން ކުޅުންތެރިންނަށް ބުނެދޭން މި ހުންނަނީ ކުޅުންތެރިން ކުޅޭހިތުން ތިބި މިންވަރު ފެނުމުން. ހާއްސަކޮށް ދިވެހި ކުޅުންތެރިންގެ އެ ރޫހު އަހަރެން ފާހަގަކުރަން،" ގްލެން ބުންޏެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މިހާރު އެކެޑަމީ ހިންގަމުން އަންނަނީ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) އެވެ. ތަޖުރިބާކާރު ކޯޗު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) މީގެ 12 އަހަރު ކުރިން ފެށި އެކެޑަމީގެ މަސައްކަތަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވަސީލަތްތައް މަދުވުމެވެ. ކުޅުންތެރިންގެ ޓްރެއިނިން ކުރިއަށްގެންދަން ލިބޭ ވަގުތު ވެސް މަދެވެ. އެކަމަކު ބޮޑުހީނާ މި ކަމަށް ހުރި ޝައުގުވެރިކަމަށް ކުޑަވެސް ބަދަލެއް ނާދެ އެވެ. އޭގެ ނަތީޖާ ވެސް ރަނގަޅެވެ. އުއްމީދީ ބަދަލުތަކެއް މިހާރު އެބަފެނެ އެވެ.
އީޓީއެފްއޭ އިން ވަނީ މިދިޔަ އަހަރު މާލޭގައި ބޭއްވި 14 އަހަރުން ދަށުގެ މައިލޯ ހުޅުމާލޭ ސްޕޯޓްސް ސްކޫލް އިންވިޓޭޝަން ސޮކާ ކަޕާއި ދާދި ފަހުން ސްރީ ލަންކާގައި ބޭއްވި މެންޗެސްޓާ އިންޓަނޭޝަނަލް އިންޑިޕެންޑެންސް ޖޫނިއާ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ބޮޑުހީނާގެ އެކެޑަމީގައި ތަމްރީން ހެދި ކުޅުންތެރިން ޖޫނިއާ ގައުމީ ޓީމަށް ވެސް ދެ އެވެ. އެކަމަކު އަދި ވެސް އޭނާ ބޭނުން ލެވެލަށް ގެންދަން ގިނަ ކަންތައްތަކެއް ފުރިހަމަވާން ޖެހެ އެވެ.
"ވަރަށް ގިނަ ބަޔަކު އަހާ މި ގަޑީގައި ޕްރެކްޓިސް ކުރާތީ އެ ވާހަކަ. އެކަމަކު މި ވަގުތުގައި ވެސް މިކަން މި ކުރަނީ ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ފަހިކޮށްދޭން. މީގެ ނަތީޖާ މަޑުމަޑުން ނަމަވެސް އެބަ ފެންނަމުންދޭ،" ބޮޑުހީނާ ބުންޏެވެ.
އޭނާ ބުނީ ވަރަށް ގިނަ ބަޔަކު މިހާރު އެކެޑަމީ މަސައްކަތްތަށް އެކި ލެވެލްގައި ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް މީގެ އެންމެ ފުރިހަމަ ނަތީޖާއެއް ނެރެވޭނީ އެކެޑަމީތަކުގެ ކުޅުންތެރިންނަށް ހަަމައެކަނި ޓްރެއިނިން ނުދީ ވާދަވެރި މެޗުތަކެއް ކުޅޭނެ ފުރުސަތުތަކެއް ފަހިކޮށްދީގެން ކަމަށެވެ.
"މިހާރު މި އޮންނަނީ އިންޓަ ސްކޫލް. ދެ މަސް ނޫނީ ތިން މަހަށް ފަހު މި ކުޅުންތެރިން ދެން މުޅި އަހަރު ކުރާނީ ޓްރެއިނިން. އޭގެން ބޭނުންވާ ނަތީޖާ ނެރެވޭނެތަނެއް ނުފެނޭ،" ބޮޑު ހީނާ ބުންޏެވެ.
ރާއްޖޭގެ ކުޅުންތެރިއަކު ފުރަތަމަ ޑިވިޝަނުގެ ޓީމަކަށްދާއިރު، ގިނަ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ނުލިބެ އެވެ. އެފްއޭއެމުން ޓުވާޑްސް ފިއުޗާ ޕްރޮގްރާމެއް ފަށައި ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުސަަތުކެއް ފަހިކޮށްދިނުމަށް މަސައްކަތްކުރާއިރު، އުމުރުފުރާ ޓީމުތަކަށް ކުޅެން ލިބޭ މެޗުގެ އިތުރު ކުރުމަކީ މިހާރު ކުރަން ޖެހޭ އެއް ކަމެވެ.