ސައުދީ އަރަބިއްޔާގައި އަޅުވާ ފުރަތަމަ ފިލްމަކަށް "ބްލެކްޕެންތާ"
ސައުދީ އަރަބިއްޔާގައި އަޅުވާ ފުރަތަމަ ފިލްމަކަށް "ބްލެކްޕެންތާ"

ސައުދީ އަރަބިއްޔާގައި ފިލްމް ދެއްކުން މަނާކޮށްފައިވާ އޮންނަތާ 35 އަހަރު ފަހުން، މި މަހުގެ 18 އިން ފެށިގެން އެ ގައުމުގެ ސިނަމާތައް އަލުން ހުޅުވަން ނިންމުމާ އެކު އަޅުވާ ފުރަތަމަ ފިލްމަކަށް، ދާދި ފަހުން ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ހޮލީވުޑްގެ ފިލްމް "ބްލެކްޕެންތާ" ވެއްޖެ އެވެ.

މި ޝަރަފާ އެކު މިއީ އަނެއްކާ ވެސް "ބްކެލްޕެންތާ" ގެ ރެކޯޑްތަކުގެ ތެރެއަށް އިތުރުވެގެން ދާ ކަމަކަމަށް ވާނެ އެވެ. މިދިޔަ ފެބުއަރީ މަހުގެ 16 ގައި ރިލީޒް ކުރި ފިލްމަށް ބޮކްސް އޮފީހުގައި މިހާތަނަށް 1.281 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. ރަޔަން ކޫގްލާ ޑައިރެކްޓް ކުރި "ބްލެކްޕެންތާ" އަކީ އެމެރިކާގެ ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ސުޕަހީރޯ ފިލްމް ވެސް މެ އެވެ.

"ބެލެކްޕެންތާ" އާ އެކު ސައުދީގެ ސިނަމާތަކުގެ ދޮރު ހުޅުވިގެންދާ އިރު، މި ފިލްމް އެ ގައުމުގައި އެޅުވުމުގެ މަސައްކަތާ ހަވާލުވެފައި ވަނީ ފިލްމް ޑިސްޓްރިބިއުޓް ކުރި ޑިޒްނީގެ މެދުއިރުމަތީގެ އެޖެންޓް އިޓާލިއާ ފިލްމްސް އިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި މަހުގެ 18 ވަނަ ދުވަހު ސައުދީގެ ރިޔާދްގައި، އޭއެމްސީ ނެޓްވާކުގެ ދަށުން ހިންގާ ސިނަމާއި "ބްލެކްޕެންތާ" ވަރަށް ކުލަގަދަކޮށް ޕްރިމިއާ ކުރާނެ އެވެ.

ހަސަތޭކަ ވިހި މީހުންގެ ޖާގައިގެ އެ އެ ސިނަމާގައި ފިލްމްގެ ފަސް ޝޯ ދެއްކުމަށް ފަހު، ސައުދީގައި އަޅުވާ ދެވަނަ ފިލްމަކަށް ވާނީ މި މަހުގެ 26 ގައި އަޅުވާ "އެވެންޖާޒް: އިންފިނިޓީ ވޯ" އެވެ. އެއީ މި މަހުގެ 25 ގައި ޕްރިމިއާ ކުރާ ފިލްމެކެވެ.

ސައުދީގައި ސިނަމާތައް ބަންދުކޮށްފައި ހުންނަތާ 35 އަހަރު ފަހުން، އެ ނިންމުން ބަދަލުކޮށް، ސިނަމާތައް އަލުން ހުޅުވަން ސައުދީގެ ޒުވާން ވަލީ އަހުމަދު މުހައްމަދު ބިން ސަލްމާން ނިންމެވީ ޑިސެމްބަރު، 11، 2017 ގަ އެވެ.