06 އެޕްރީލް 2018 - 09:18

މެޑްރިޑް (އޭޕްރިލް 6) – ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން އާއި ވިންގާ ގަރެތު ބޭލްއާ އޮތް ގުޅުން އިތުރަށް ގޯސްވެފައިވާ ކަމަށާއި މި ސީޒަނަށް ފަހު ބޭލް މެޑްރިޑް ދޫކޮށްލާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެގޮތުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެރޭ ޔުވެންޓަސް އަތުން 3-0 އިން މެޑްރިޑް މޮޅުވި މެޗުގައި ބޭލް އަށް އެއްގޮތަކަށް ވެސް ފުރުސަތު ނުދިނުމަކީ، އޭނާ އަށް އެނބުރި އައުމެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން މިއީ އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ މުޅިން ފިޓްކޮށް ހުއްޓާ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ބޭނުންނުކުރި ފުރަތަމަ ފަހަރު ކަމަށް ވެސް ބުނެފައިވެ އެވެ.
ދުނިޔޭގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް ވިންގާ ކަމަށްވާ ބޭލްގެ ކެރިއަރަށް އެޅިފައިވާ ހުރަހަކީ އަނިޔާ އެވެ. އޭނާ ފިޓްކޮށް ހުރެއްޖެ ނަމަ އަބަދުވެސް ތަފާތު ދައްކަ އެވެ.
ބޭލް އަށް ޝައުގެރިވާ ކްލަބްތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް ހިމެނޭ ކަމަށްވެ އެވެ. އަދި އެ ޓީމުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ހޯދުމަށް މެޑްރިޑުން ކުރާ މަސައްކަތުގެ ތެރެއިން ޔުނައިޓެޑަށް ބޭލް ގެނެސްފާނެ ކަމަށް ވެސް ވާހަކަދެކެވެ އެވެ.
އެކަމަކު ވޭލްސް ގައުމީ ޓީމުގައި ބޭލް އަށް ކޯޗުކޮށްދޭ ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ރިޔާން ގިގްސް ދާދި ފަހުން ބުނީ ބޭލްއާ އެންމެ އެކަށީގެންވާ ކްލަބަކީ މެޑްރިޑް ކަމަށާއި އެ ޓީމުގައި އޭނާ މަޑުކުރަން ޖެހޭ ކަމަށެވެ.