މިލާނުގެ ދާއިމީ ކޯޗަކަށް ގަޓޫސޯ
މިލާނުގެ ދާއިމީ ކޯޗަކަށް ގަޓޫސޯ

މިލާން (އޭޕްރިލް 6) – އޭސީ މިލާނުގެ ވަގުތީ ކޯޗު ޖެނާރޫ ގަޓޫސޯ އަށް އެ ކްލަބުގެ ދާއިމީ ކޯޗުކަންދީ 2021 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓް އާކޮށްފި އެވެ.

މިލާނުގެ ޔޫތު ޓީމުގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވި ކުރީގެ ކުޅުންތެރިޔާ ގަޓޫސޯ އަށް ސީނިއާ ޓީމުގެ ކޯޗުކަން ވަގުތީ ގޮތުން ލިބުނީ ނޮވެމްބަރު މަހު ވިންޗެންޒޯ މޮންޓެލާ ވަކިކުރުމުންނެވެ.

ގަޓޫސޯ ވަނީ ހަވާލުވެ މިލާނަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިދިނެވެ. އެގޮތުން މި އަހަރު ލީގުގައި ކުޅުނު 11 މެޗުން އަށް މޮޅު ހޯދައިދިނެވެ. މީގެ އިތުރުން ވާދަވެރި އިންޓަ މިލާން އަދި ލާޒިއޯ ކަޓުވާލުމަށް ފަހު އިޓާލިއަން ކަޕުގެ ފައިނަލުން ފުރުސަތު ހޯދައިދިނެވެ.

އޭނާއާ އެކު ކުޅުންތެރިންނަށް އައި އެންމެ ބޮޑު ބަދަލަކީ ޓީމު ރޫހު ރަނގަޅުވެ މަސައްކަތުގެ ރޭޓް މަތިވުމެވެ.

"ފުރަތަމަ ހަތަރު މަސް ދުވަހު މަސައްކަތްކުރި ގޮތަށް ކުރިއަށްދާނެ ކަމަށް އުއްމީދުކުރަން. އަހަރެން އުއްމީދުކުރަނީ މިލާން ކުރިން އޮތް މަގާމަށް ގެނައުމަށް ރަނގަޅުކުރަން ޖެހޭ ކަންކަން ކުރުން،" ގަޓޫސޯ ބުންޏެވެ.

އުމުރުން 39 އަހަރުގެ ގަޓޫސޯ ވަނީ 1999 އިން 2012 ގެ ދެމެދު މިލާނަށް 450 އަށް ވުރެން ގިނަ މެޗު ކުޅެދީފަ އެވެ. އަދި އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދި އެވެ. އޭގެ ތެރޭގައި ދެ ލީގު ތަށްޓާއި ދެ ޗެމްޕިއަންސް ލީގު ހިމެނެ އެވެ.

ދަނޑުމަތީގައި ރުޅިގަދަ ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ގަޓޫސޯ ވަނީ ސްވިޒަލެންޑުގެ ކްލަބެއް ކަމަށްވާ ސިއޯންގެ އިތުރުން ޕަލާމޯ ބީ ޓީމަށް ވެސް މީގެ ކުރިން ކޯޗުކޮށްދީފަ އެވެ. އަދި އޭގެ ފަހުން ގަޓޫސޯ ވަނީ އިޓަލީގެ ތިން ވަނަ ޑިވިޝަންގެ ކްލަބް ޕީސާ އަށް ކޯޗުކޮށްދީފަ އެވެ.

މިލާނުން ވަނީ ގަޓޫސޯއާ އެކު އެ ޓީމަށް ކުޅުނު ކްލަރެންސް ސީޑޯފާއި ފިލިއްޕޯ އިންޒާގީ އަށް ވެސް މިދިޔަ އަހަރުތަކުގައި ފުރުސަތު ދީފަ އެވެ. އެކަމަކު އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުނެވެ.