06 އެޕްރީލް 2018 - 19:43

ޖަލުގައި ހައްޔަރުކޮށްފައިވާ އޭނާގެ ކޮއްކޮގެ ކުށަކީ ގާސިމް އިބްރާހިމްގެ ދަރިކަލަކަށް ވުން ކަމަށާއި ބައްޕަގެ ކުށަކީ ސަރުކާރަށް ތާއީނުކުރެއްވުން ކަމަށް، ގާސިމްގެ ދަރިކަނބަލުން ހަދީޖާ ސަނާ މިއަދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ އެއްވުމެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން، އެމްޑީޕީ ހަރުގެ ކުރިމަތީގައި ހުންނަވާ، ސަނާ ވިދާޅުވީ ކޮއްކޮ ސިޔާދު ގާސިމް، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުގެ ކޮއްކޮގެ ހަމައެކަނި ކުށަކީ އޭނާއަކީ ގާސިމް އިބްރާހިމްގެ ދަރިއަކަށް ވުން،" ސަނާ ވިދާޅުވި އެވެ.
"އަދި އަޅުގަނޑުގެ ބައްޕަގެ ކުށަކީ ރައީސް ޔާމީންގެ ސަރުކާރަށް ތާއީދުނުކުރުން. ބައްޕަ މި ސަރުކާރަށް ތާއީދުނުކުރުމުގެ ނަތީޖާއަކަށް ވީ އަޅުގަނޑުގެ ބައްޕަ ބޭއިންސާފުން ޖަލަށް ލައި އަދި ބައްޕަގެ ވިޔަފާރިތައް ބަނގުރޫޓުކުރުން."
ސަނާ ވިދާޅުވި ގޮތުގައި ސިޔާދު ހައްޔަރުކޮށްގެން އުޅެނީ ސަރުކާރަށް ދިމާވެފައިވާ ޕްރެޝަރުތަކާ އެކު އޭނާގެ ބައްޕަ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން މަޖުބޫރުވުމުން އޭގެ އަދަބެއްގެ ގޮތުގަ އެވެ.
"އަޅުގަނޑުގެ ކޮއްކޮ މިވަނީ ވަރަށް ބޭއިންސާފުން ރަހުމްކުޑަ ގޮތަކަށް ޖަލަށް ލާފައި،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ކޮއްކޮ އިބްރާހިމް ސިޔާދު ގާސިމް ޖަލުގައި ހުންނަތާ މިއަދަށް 60 ދުވަސް. ކޮއްކޮ ޖަލުގައި ހުންނަ ކޮންމެ ދުވަހަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތާމައެއް."
ސިޔާދު ވެސް ހައްޔަރުކުރީ، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައި، އިސް އެތައް ބަޔަކު ހައްޔަރުކުރުމުގެ ތެރޭގަ އެވެ.
ރިޝްވަތު ދިނުމުގެ ދައުވާ ސިޔާދުގެ މައްޗަށް އުފުލައި، އޭނާ ވެސް ޖަލުގައި ބަހައްޓާފައި ވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފަދައިން، ޝަރީއަތް ނިމެންދެނެވެ.