08 އެޕްރީލް 2018 - 07:14

ބޮލީވުޑްގެ މަޝްހޫރު ބަތަލާއިންގެ ތެރެއިން އެކްޓް ކުރަމުން، ފިލްމް އުފެއްދުމުގެ މަސައްކަތް މިހާރު އެންމެ ކާމިޔާބުކަމާ އެކު ކުރާ ދެ ބަތަލާއިންނަކީ ޕްރިޔަންކާ ޗޯޕްޅާ އާއި އަނުޝްކާ ޝަރްމާ އެވެ. މީގެ އިތުރުން ސަނީ ލިއޯން ވެސް ދާދި ފަހުން ފިލްމް ކުންފުންޏެއް ލޯންޗްކޮށްފައިވާ އިރު، ބަތަލާ މަދޫރީ ޑިިކްސިޓް ވެސް ވަނީ މަރާޓީ ފިލްމް ހަދަން ހާއްސަ ކުންފުންޏެއް އުފައްދައިފަ އެވެ.
ބޮލީވުޑްގެ މިހާރު އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ ދީޕިކާ ޕަދްކޯން ވެސް މިހާރު ބުނަނީ ފިލްމްގެ އުފެއްދުމުގެ މަސައްކަތުގެ ތެރެއަށް ވަންނަން ބޭނުންވާ ކަމަށެވެ.
"އަހަރެން ބޭނުން ޕްރޮޑަކްޝަން ހައުސްއެއް ހަދައިގެން، ފިލްމްގެ އުފެއްދުމުގެ މަސައްކަތް ތަޖުރިބާ ކުރަން،" ދާދި ފަހުން ރިލީޒް ކުރި "ޕަދްމާވަތު" ގައި މޮޅު އެކްޓިންއެއް ދެއްކި ދީޕިކާ ބުންޏެވެ.
މިދިޔަ އަހަރު ހޮލީވުޑް ފިލްމް "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަކޭޖް" ވެސް ކުޅުނު ބަތަލާ ބުނި ގޮތުގައި ފިލްމް އުފެއްދުމުގެ މަސައްކަތަކީ ވަރަށް ޝައުގުވެރި ދާއިރާއެކެވެ. އެހެންވެ ކުރިމަގުގައި ފިލްމް އުފެއްދުމުގެ މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ.
މި އަހަރު މިހާތަނަށް ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން 100 ކްރޯޑް ކުލަބަށް ވަން "ޕަދްމާވަތު" އަށް ފަހު، ދީޕިކާގެ އެެއްވެސް ފިލްމެއް ރިލީޒްވާކަށް ނެތެވެ. އޭނާ ސޮއިކޮށްފައި ވެސް އޮތީ އެންމެ ފިލްމެކެވެ. އެއީ އަދި ވަކި ނަމެއް ދީފައި ނުވާ މާފިއާ ކްއީން ރަހީމާ ހާން (ސަޕްދާ ދީދީ) ގެ މައްޗަށް ބިނާކޮށް ހަދާ ވިޝާލް ބަރަދްވާޖްގެ ފިލްމެކެވެ.
ނަމަވެސް އެ ފިލްމްގައި ދީޕިކާއާ އެކު ބަތަލުގެ ރޯލް ކުޅޭ އިރްފާން ހާނަށް ބޮޑު ބައްޔެއް ޖެހިގެން ފަރުވާ އަށް ގައުމުން ބޭރަށް ދިގު މުއްދަތަކަށް ދާން ޖެހިގެން ފިލްމްގެ މަސައްކަތް ވަނީ ވަކި ތާރީހެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
ދީޕިކާ، 32، ބޮލީވުޑަށް ތައާރަފުވީ ޝާހްރުކް ހާނާ އެކު 2007 ގައި ފިލްމް "އޯމް ޝާންތީ އޯމް" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި ރާމް-ލީލާ، ބަޖިރާއޯ މަސްތާނީ، ޔެ ޖަވާނީ ހޭ ދިވާނީ، ޕީކޫ، ލަވް އާޖް ކަލް އަދި ކޮކްޓެއިލް ފާހަގަކޮށްލެވެ އެވެ.