އަނުޝްކާ އަށް ދާދާސާހެބް އެކްސެލެންސް އެވޯޑް ދޭން ނިންމައިފި
އަނުޝްކާ އަށް ދާދާސާހެބް އެކްސެލެންސް އެވޯޑް ދޭން ނިންމައިފި

ބަތަލާއެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ އިންޑިއާގެ ފިލްމް އިންޑަސްޓްރީ އަށް ކޮށް ދެމުން އަންނަ ހިދުމަތްތަކުގެ އަގު ވަޒަންކޮށް އޭނާ އަށް ދާދާސާހެބް އެކްސެލެންސް އެވޯޑް ދޭން ނިންމައިފި އެވެ.

ދާދާސާހެބް ޕާލްކޭ ފިލްމް ފައުންޑޭޝަނުން ވަނީ އެވޯޑް 29 އަހަރުގެ ބަތަލާ އަށް ދޭން ނިންމާފައިވާކަން އިއުލާން ވެސް ކޮށްފަ އެވެ. ދާދާސާހެބް އެވޯޑަކީ މުނިފޫހި ފިލުވުމުގެ ދާއިރާ އިން އިންޑިއާގައި ދެވޭ އެންމެ ޝަފަރުވެރި އެއް އެވޯޑެވެ.

މި އަހަރުގެ ދާދާސާހެބް އެކްސެލެންސް އެވޯޑް ހަފުލާ އޮންނާނީ މި މަހުގެ 29 ގަ އެވެ.

ފިލްމް "ރަބް ނެ ބަނާދީ ޖޯޅީ" އިން 2008 ވަނަ އަހަރު ބޮލީވުޑަށް ނުކުތް އަނުޝްކާއަކީ މިހާރު ބޮލީވުޑްގައި ތިބި އެންމެ ކުޅަދާނަ އަދި ޑިމާންޑް ބޮޑު ބަތަލާއިންގެ ތެރެއިން އެކެކެވެ.

"އޭ ދިލް ހޭ މުޝްކިލް" އާއި "ބޭންޑް ބާޖާ ބާރާތު" އަދި "ޖަބް ތަކް ހެ" ޖާން ފަދަ ކާމިޔާބު ފިލްމްތައް ކުޅެފައިވާ އަނުޝްކާ އަމިއްލަ އަށް ފިލްމް ޕްރޮޑިއުސް ކުރަން ފެށީ 2015 ގައި އޭނާ ބަތަލާގެ ރޯލް ވެސް ކުޅުނު ފިލްމް "އެންއެޗް 10" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ތިން ފިލްމެއް ޕްރޮޑިއުސްކޮށް، ބެލުންތެރިންނަށް ގެނެސް ދީފަ އެވެ.

އަނުޝްކާ އާއި އޭނާގެ ކޮއްކޮ ކަރްނޭޝް ޝަރްމާ ހިއްސާވާ ކުންފުނި ކްލީން ސްލޭޓް ފިލްމްސް އިން އެންމެ ފަހުން ގެނެސް ދިނީ ފެބްރުއަރީ މަހު ރިލީޒް ކުރި ބިރުވެރި ފިލްމް "ޕަރީ" އެވެ. އެ ފިލްމްގެ ތަމަޅަ ވާޝަނެއް ހެދުމަށް ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މިދިޔަ އަހަރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާ ކައިވެނި ކުރި އަނުޝްކާ މިހާރު އަންނަނީ އޭނާ ޕްރޮޑިއުސް ކުރާ އިތުރު ތިން ފިލްމެއް ވެސް ލޯންޗް ކުރަން ވެސް ތައްޔާރުވަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އޭނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެން ދާނީ ޖޫން 29 ގައި ރިލީޒް ކުރާ ސަންޖޭ ދަތުގެ ބައޮޕިކުންނެވެ. އަނުޝްކާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ސެޕްޓެމްބަރު 28 ގައި ރިލީޒް ކުރާ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އަދި ޑިސެމްބަރު 21 ގައި ރިލީޒް ކުރާ "ޒީރޯ" ހިމެނެ އެވެ.