08 އެޕްރީލް 2018 - 12:18

ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަންތައް މި އަހަރު ފަހުކޮޅު ރާއްޖޭގައި ފެށުމަށް އައިޖީއެމްއެޗުން ނިންމައިފި އެވެ.

ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ފަރުވާ ހޯދާ އައިޖީއެމްއެޗްގެ ޚިދުމަތްތައް ތަރައްގީ ކުރަމުން އަންނައިރު، ކިޑްނީގެ ބަލިތަކަށް ވެސް މި ސަރަހައްދުގެ އެންމެ ފުރިހަމަ ފަރުވާ އައިޖީއެމްއެޗްގައި ދިނުމަކީ އެ ހޮސްޕިޓަލުގެ އަމާޒެކެވެ. އެހެންވެ، ކިޑްނީ ބަލިތަކުގެ ފަރުވާ ފުޅާކުރަމުން އައިސް، މިހާރު މަސައްކަތް ފަށާފައި ވަނީ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންތައް ފެށުމަށެވެ. ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންތައް ކުރުމަށް ނިންމާފައި ވަނީ މިހާރު އިމާރާތް ކުރަމުން އަންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ތިއޭޓަރުތަކުގަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ފުރަތަމަ ހަ ފްލޯ މި އަހަރުގެ ޖުލައި 26 އިން ފެށިގެން ބޭނުން ކުރާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ ކިޑްނީ ޓްރާންސްޕްލާންޓް ނުވަތަ ބަދަލު ކުރުމުގެ އޮޕަރޭޝަން ފެށުމަށް ވަސީލަތްތަކުގެ ގޮތުން ތައްޔާރުވެފައިވާ ކަމަށެވެ. އެކަމަކު، ރާއްޖޭގައި އެކަން ފަށާއިރު ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކިޑްނީ ޓްރާންސްޕްލާންޓް ފެށޭތޯ މަސައްކަތް ކުރަނީ. އަޅުގަނޑުމެންގެ [ދިވެހި] ނެފްރޮލޮޖިސްޓާއި ޓީމު ރެޑީ. [އޮޕަރޭޝަން] ތިއޭޓަ ވެސް ރެޑީ،" ރިޝްވާން ވިދާޅުވި އެވެ.
ނޮވެމްބަރު، 2016، ގައި އައިޖީއެމްއެޗްގައި ކިޑްނީގެ ބަލިތަކާ ބެހޭ ސެންޓަރެއް ހުޅުވާފައިވާ އިރު، އެ ތަނުގައި އިސްކޮށް ފަރުވާ ދެއްވަނީ، ސުޕަ ސްޕެޝަލިސްޓް، ޑރ. އިބްރާހިމް ޝިހާމެވެ.
ކިޑްނީގެ ބަލިތަކަށް ގިނަ އަދަދެއްގެ ދިވެހިން ފަރުވާ ހޯދަމުން އަންނަ އިރު، ދެ ކިޑްނީ ފެއިލްވެ އޮޕަރޭޝަނެއް ކުރަން ވެއްޖެ ނަމަ، ދާން ޖެހެނީ ރާއްޖޭން ބޭރަށެވެ. އެންމެ އާއްމުކޮށް، ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންތައް ދިވެހިން ކުރަނީ، އަވައްޓެރި ސްރީ ލަންކާ އާއި އިންޑިއާ އިންނެވެ.
އެހެންކަމުން، އެ ގައުމުތަކުގައި މިހާރު އަމަލުކުރަމުން އަންނަ އުސޫލުން ރާއްޖެ އަށް ވެސް އެފަދަ ގާނޫނެއް މުހިއްމު ކަމަށް ރިޝްވާން ވިދާޅުވި އެވެ.
ކިޑްނީ ބަދަލު ކުރުން ފިޔަވައި ގާތްގަނޑަކަށް ހުރިހާ ފަރުވާތަކެއް އައިޖީއެމްއެޗުން ލިބޭ އިރު، ދާދި ފަހުން ވަނީ ކިޑްނީގައި އުފެދޭ ހިލަ، ލޭޒާ ބޭނުންކޮށްގެން ގޮއްވުމަށް ކުރާ އޮޕަރޭޝަނެއް ވެސް އެ ތަނުގައި ކޮށްފަ އެވެ. މިއީ، ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ފަޅާލައިގެން، ކިޑްނީގައިވާ ހިލަ ލޭޒާ ޓްރީޓްމެންޓުގެ އެހީގައި ގޮއްވާލައި، އެ ނެގުމަށް ކުރާ ކުޑަ އޮޕަރޭޝަނެކެވެ.
އާސަންދައިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ސިއްހީ ޚިދުމަތުގެ އެންމެ ބޮޑު ހޭދައެއް ކުރަން ޖެހޭ ބަލިތަކުގެ ތެރޭގައި ކިޑްނީ ބަލިތައް ހިމެނެ އެވެ.