ޒުވާން އުމުރުގައި ލޮނު މަދުކުރަންޖެހޭ
ޒުވާން އުމުރުގައި ލޮނު މަދުކުރަންޖެހޭ

ލޮނާ ނުލައި ކާއެއްޗެހީގެ ރަހަ ހެޔޮވަރު ނުވިޔަސް، ލޮނަށް ސަމާލު ވާން ޖެހެ އެވެ. އާންމުކޮށް ބޭނުންކުރެވޭ ޖަންކް ފުޑްތަކުގައި ލޮނު އެކުލެވޭ މިންވަރު އިތުރެވެ. އެހެންވެ އެފަދަ ބާވަތްތައް ކެއުމުގައި ސަމާލުވާން ޖެހެ އެވެ.

ޒުވާން އުމުރުގައި ލޮނު މަދުކުރަންޖެހޭ
ޒުވާން އުމުރުގައި ލޮނު މަދުކުރަންޖެހޭ

ދިރާސާއެއްގައި ބުނާ ގޮތުން ޒުވާން އުމުރުގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރެވޭ ނަމަ، ކިޑްނީގެ ބަލިތަކުން ރައްކާތެރިކޮށް ދޭނެ އެވެ. ފަހަކަށް އައިސް ޒުވާން އުމުރުގައި ކިޑްނީގެ މައްސަލަތައް ދިމާވާ މީހުން ގިނަކަން ފާހަގަކުރެވޭ އިރ،ު މައްސަލަތައް ދިމާވާ ސަބަބުތަކުގެ ތެރޭގައި، ލޮނު ބޭނުން ކުރެވޭ މިންވަރު އިތުރުވުން ހިމެނެ އެވެ.

އެހެންވެ ގޭގައި ކައްކާއިރު ވެސް ލޮނު މަޑުކޮށް ކައްކަން އިސްކަން ދިނުމާއި ބޭރުން ކާއިރު ވެސް، ލޮނު މަދުން އެކުލެވޭ ބާވަތްތަކަށް ފަރުވާތެރިވުމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ އިރުޝާދު ދެމުންނެވެ.

"މިކަމަށް އޮތް އެންމެ ރައްކާތެރި އެއް ގޮތަކީ ގޭގައި ކައްކައިގެން ކެއުން،" މުމްބާއީގެ ސައިފީ ހޮސްޕިޓަލްގެ ނެފްރޮލިޖިސްޓް ޑ. އަރޫން ޕީ. ދޯޝީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޮނު ބޭނުންކުރާ މިންވަރު އިތުރުވެގެން، ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ 25-30 ދެމެދުގެ ޒުވާނުންގެ އަދަދު އިންޑިއާގައި ވެސް ދަނީ އިތުރުވަމުންނެވެ.

"ލޮނު ބޭނުން ކުރެވޭ މިންވަރު އިތުރުވާ ނަމަ ލޭ މައްޗަށް ދިއުމުގެ ފުރުސަތު އެބަ އޮތް. އެހެންވެ ލޭ ކޮންޓްރޯލް ކުރެވޭ ނަމަ، ކިޑްނީގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ވެސް ކުޑަކޮށް ދޭނެ،" އަރޫން ވިދާޅުވި އެވެ. "މީގައި އެންމެ މުހިއްމު ކަމަކީ ޒުވާން އުމުރުގައި ކެއުމަށް ރައްކާތެރިވުން. ކެއުމުގެ ވައްޓަފާޅި އަށް ގެންނަ ބަދަލާ އެކު، ލޮނު ހަށިގަނޑަށް އެތެރޭ ކުރެވޭ މިންވަރު ދަށް ކުރުން."