ރާޒީ: އަނެއްކާ ވެސް އާލިއާ ބަޓްގެ މޮޅު ފިލްމަކަށް ވާނެ
ރާޒީ: އަނެއްކާ ވެސް އާލިއާ ބަޓްގެ މޮޅު ފިލްމަކަށް ވާނެ

ޒުވާން ބަތަލާ އާލިއާ ބަޓް މިހާތަނަށް ކުޅުނު ފިލްމްތަކުގެ ތެރެއިން، އޭނާގެ އެންމެ ތަފާތު ރޯލެއް ފެނިގެން ދިޔަ ފިލްމަކީ 2016 ގައި ރިލީޒް ކުރި "އުޅްތާ ޕަންޖާބް" އެވެ. އޭގެ ފަހުން މިއޮތީ އަނެއްކާ ވެސް އާލިއާގެ މޮޅު އެކްޓިން ފެނިގެން ދާނެ، ވަރަށް ތަފާތު ފިލްމެކެވެ. މިއީ "ރާޒީ" އެވެ.

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނާއި ޖަންގްލީ ޕިކްޗާޒް އިން ޕްރޮޑިއުސްކޮށް، މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ޓްރެއިލާ ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. "ރާޒީ" ގެ ޓްރެއިލާ އަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އަންނަ އިރު، ބައެއް މީހުން ބުނެފައި ވަނީ މިއީ އަނެއްކާ ވެސް އާލިއާގެ ވަަރަށް މޮޅު އެކްޓިންއެއް ފެނިގެން ދާނެ ފިލްމެއްކަން ޔަގީންވާ ކަމަށެވެ.

އާލިއާ އެކު ބަތަލެއްގެ ގޮތުން "ރާޒީ" ގައި ފެނިގެން ދާނީ ވިކީ ކޯޝަލް އެވެ. އަންނަ މަހުގެ 11 ގައި ރިލީޒް ކުރާ މިއީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ތެރެއަށް ބިނާކޮށްފައިވާ ފިލްމެކެވެ. ފިލްމްގައި އާލިއާ ކުޅޭނީ ޕާކިސްތާންގެ އަސްކަރިއްޔާގެ އޮފިސަރަކާ ކައިވެނިކޮށްގެން އުޅޭ އިންޑިއާގެ ޖާސޫސެއްގެ ރޯލެވެ.

"ރާޒީ" ބިނާކޮށްފައި ވަނީ އިންޑިއާގެ ލިޔުންތެރިޔާ ހަރިންދްރަ އެސް. ސިންގް 2008 ގައި ނެރުނު ވާހަކަ "ކޯލިން ސެހެމަތު" އަށެވެ. އަދި މިއީ 2015 ގައި ރިލީޒް ކުރި "ތަވްލާރް" އަށް ފަހު، މެގްނާ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމް ވެސް މެ އެވެ. މެގްނާއަކީ ކުރީގެ މަޝްހޫރު ބަތަލާ ރާކީ އާއި މަޝްހޫރު ޅެންވެރިޔާ ގުލްޒާރުގެ ދަރިފުޅެވެ.

"ރާޒީ" އަކީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ބަދްރީނާތު ކީ ދުލްހަނިޔާ" އަށް ފަހު، އާލިއާ ފެނިގެންދާ ފުރަތަމަ ފިލްމެވެ.

މި ފިލްމްގެ އެންމެ ހާއްސަ އެއް ކަމަކީ އާލިއާގެ މަންމަ ސޯނީ ރާާޒްދާން ވެސް "ރާޒީ" އިން ފެނިގެން ދާނެތީ އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ރަޖިތު ކަޕޫރާއި ޖެއިދީޕް އަހްލަވާތު ވެސް ހިމެނެ އެވެ.