އިންޑިއާގެ ޓީވީ ތަރި ޝަލީން އަށް ހޮލީވުޑް ފިލްމަކުން ފުރުސަތެއް
އިންޑިއާގެ ޓީވީ ތަރި ޝަލީން އަށް ހޮލީވުޑް ފިލްމަކުން ފުރުސަތެއް

"ޕިޔާރޭ މޯހަން" ފަދަ ބޮލީވުޑްގެ ބައެއް ފިލްމްތަކުގައި ސަޕޯޓިން ރޯލްތަކެއް ވެސް ކުޅެފައިވާ އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ޝަލީން ބެނޮޓް ހޮލީވުޑް ފިލްމަކަށް ސޮއިކޮށްފި އެވެ.

އިންޑިއާގެ ޓީވީ ތަރި ޝަލީން އަށް ހޮލީވުޑް ފިލްމަކުން ފުރުސަތެއް
އިންޑިއާގެ ޓީވީ ތަރި ޝަލީން އަށް ހޮލީވުޑް ފިލްމަކުން ފުރުސަތެއް

އެކަން 34 އަހަރުގެ އެކްޓަރު ކަށަވަރުކޮށްދިން ނަމަވެސް، އޭނާ ވަނީ ފިލްމާ ބެހޭ ގޮތުން އަދި ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ.

"އަހަރެން މިހުރީ ހޮލީވުޑުން އޮފާއެއް ލިބުނީމަ ވަރަށް އުފަލުން. އެކަމަކު އަދި ނެތް އެ ޕްރޮޖެކްޓާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކޭކަށް،" ޝަލީން ބުންޏެވެ. "އަހަރެން މި އުޅެނީ ފިލްމް ހުށަހެޅި ސްޓޫޑިއޯއާ އެކު މަޝްވަރާކުރުމުގެ ތެރޭގައި."

ޝަލީން އަށް ހޮލީވުޑްގެ ފިލްމަކުން ހުށަހެޅުމެއް ލިބިފައި މި ވަނީ ހޮލީވުޑްގެ ވަރަށް ގިނަ ތަރިންނަށް ކޯޗްކޮށްދީފައިވާ މިޝެލް ޑެނާގެ ފަރާތުން އޭނާ އެކްޓިން ޓްރޭނިންތަކެއް ވެސް ހޯދައިފައި ވަނިކޮށެވެ. މިޝެލް ތަމްރީންކޮށްދީފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި ޕެނެލޮޕް ކްރޫޒް، ކްރިސް މާޓިން، ޖޭމްސް ފްރާންކޯ، ސަލްމާ ހަޔެކް، ހެންރީ ކެވިލް، ޖެރަޑް ބަޓްލާ އަދި ސެތު މެކްފާލެން ފަދަ ތަރިން ހިމެނެ އެވެ.

"މިޝެލްގެ ފަރާތުން ޓްރެއިންވުމަކީ އެކްޓިންގެ މުޅިން އާ މަރުހަލާއަކަށް ދާން އަހަންނަށް ލިބުނު ފުރުސަތެއް. މި ތަޖުރިބާ ވަރަށް ފުރިހަމަ،" ޝަލީން ބުންޏެވެ. "ފިލްމްތަކުން ފުރުސަތު ލިބުނަސް އަހަރެން އަބަދު ވެސް ވަރަށް ބޮޑު އިސްކަމެއް ދޭނަން އިންޑިއާގެ ޓީވީ އަށް."

އޭނާ ކުޅެފައިވާ ޓީވީ ސިލްސިލާތަކުގެ ތެރޭގައި "ސާތު ޕޭރޭ"، "ކުލްވަދޫ"، "ނާގިން" އަދި "ބާތު ހަމާރީ ޕައްކީ ހޭ" ފަދަ ސިލްސިލާތައް ފާހަގަކޮށްލެވެ އެވެ.

ޝަލީން ވަނީ އޭނާއާ އެކު ބައެއް ސިލްސިލާތައް ކުޅުނު ބަތަލާ ދަލްޖެތު ކޯރްއާ 2009 ގައި ކައިވެނި ވެސްކޮށްފަ އެވެ. އެކަމަކު ޝަލީންގެ ފަރާތުން ގެވެށި އަނިޔާ ލިބޭ ކަމަށް ބުނެ، ދަލްޖެތު ވަނީ 2015 ގައި ޝަލީންގެ ކައިރިން ވަރިވެފަ އެވެ. އެ ކައިވެންޏަށް ފިރިހެން ދަރިއަކު ވެސް ލިބިފައިވެ އެވެ.