ރެފްރީގެ ހިތެއް ނެތް: ބުފޮން
ރެފްރީގެ ހިތެއް ނެތް: ބުފޮން

މެޑްރިޑް (އޭޕްރިލް 12) – ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔުވެންޓަސްއާ ދެކޮޅަށް ފަހު ވަގުތު ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ދިން އިނގިރޭސި ރެފްރީ މައިކަލް އޮލިވާގެ ހިތެއް ނެތް ކަމަށް ބުނެ ޔުވެންޓަސްގެ ކެޕްޓަން ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

ފުރަތަމަ ލެގުން 3-0 އިން ރެއާލް މެޑްރިޑް މޮޅުވެފައި އޮއްވާ ރޭ ޔުވެންޓަސް އިން ތިން ލަނޑު ޖަހައި 3-3 އިން އެގްރިގޭޓުން އެއްވަރުކުރި އެވެ. ނަތީޖާ ނެރެން އިތުރު ވަގުތަށް ގޮސްގޮސް އޮއްވާ ރެއާލް މެޑްރިޑަށް ކުރި ލިބުނީ އޮލިވާ ދިން ޕެނަލްޓީ ރޮނާލްޑޯ ކާމިޔާބުކުރުމުންނެވެ. މެޑްރިޑުގެ ލޫކަސް ވަސްކުއޭޒަށް ގޯލްކުރިމަތިން ޔުވެންޓަސްގެ މެހްދީ ބެނާޝިއާ ފައުލްކުރުމުން ދިން ޕެނަލްޓީއާ މެދު ބުފޮން ހިތްހަމަނުޖެހުން ފާޅުކުރި ވަގުތު އޭނާ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.

"މި ރެފްރީގެ ހިތެއް ނެތް، ހިތެއްގެ ބަދަލުގައި އޮތީ ކުނި ކޮތަޅެއް،" ބުފޮން ބުންޏެވެ.

ބުފޮން ބުނީ އެއީ ޔަގީނުން ވެސް ޝައްކު އުފެދޭ ފަދަ ދަނޑިވަޅެއް ކަމަށާއި އެއީ ސާފު ޕެނަލްޓީއެއް ނޫން ކަމަށެވެ. އަދި ފުރަތަމަ ލެގުގައި ޔުވެންޓަސް އަށް ސާފު ޕެނަލްޓީއެއް ނުދީ، ޝައްކު އުފެދޭ ފަދަ ޕެނަލްޓީއެއް މެޗުގެ އެ ވަގުތު ނުދެވޭނެ ކަމަށް އޭނާ ބުންޏެވެ.

"ޓީމުން ކުރެވުނު ހުރިހާ މަސައްކަތެއް ކުރި. އެކަމަކު އާދަޔާހިލާފު އެނބުރި އައުމެއްގެ ފަހު ވަގުތު މީހަކަށް ބަޔެއްގެ ހުވަފެންތަކެއް އެގޮތަކަށް ދުއްވައެއްނުލެވޭނެ ޝައްކު އުފެދޭ ހާލަތެއްގައި ހުރެ،" ބުފޮން ބުންޏެވެ.

ބުފޮން ބުނީ އެ ވަގުތު އޭނާ އަށް ރެފްރީއާ ދިމާލަށް ކޮންމެފަދަ އެއްވެސް ބުނެވިދާނެ ކަމަށާއި، އެކަމަކު ރެފްރީ އެ އުފައްދާ ތޫފާނޫގެ ބޮޑުމިން ރެފްރީ އަށް އެނގެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"(މިފަދަ މެޗެއްގެ) ޕްރެޝަރު ނުނެގެންޏާ ނުވަތަ ނިންމުމެއް ނިންމުމުގެ ހިތްވަރު ނެތިއްޔާ، ކުޅިބަލަން ހުންނަންވީ ޗިޕްސް ހިފައިގެން،" ބުފޮން ބުންޏެވެ.

ރޭ ޕެނަލްޓީ ވައްދާލި ރޮނާލްޑޯ ބުނީ ޕެނަލްޓީއާ މެދު ޔުވެންޓަސްގެ ކުޅުންތެރިން ނުރުހުން ފާޅުކުރީ ކީއްވެކަމެއް އޭނާ އަށް ނުވިސްނޭ ކަމަށެވެ.

"އޭނާ އެ ފައުލް ނުކުރި ނަމަ ލޫކަސް ގޯލް ޖަހާނެ. މެޗުގެ ތެރޭގައި ބެނާޝިއާ އާއި ދެން ތިބި ކުޅުންތެރިން ދިޔައީ ފަހަތުން އަހަރެމެން ގައިގައި ޖަހަމުން. އެކަމަކު އަހަރެމެން މިތިބީ އުފަލުން އަދި އަހަރެމެން މިއޮތީ ސެމީ ފައިނަލުގައި،" ރޮނާލްޑޯ ބުންޏެވެ.

ރޭގެ މެޗާ އެކު ޔޫރަޕުގައި ބުފޮންގެ ކެރިއަރު ނިމުނީ ކަމަށް ބެލެވެ އެވެ. މި ސީޒަނަށް ފަހު އޭނާ ރިޓަޔާކުރާއިރު މިހާތަނަށް ޗެމްޕިއަންސް ލީގުގައި އަތްލެވިފައެއް ނުވެ އެވެ. މެޑްރިޑުގެ ކޯޗު އަދި ޔުވެންޓަސްގެ ކުރީގެ ކުޅުންތެރިޔާ ޒައިނުއްދީން ޒިދާން ވަނީ ބުފޮން އަށް ހަމްދަރުދީ ފާޅުކޮށްފަ އެވެ.

"އޭނާ އަށް އެކަން ހައްގެއް ނޫން. އެކަމަކު އަހަރެމެންނަށް އެކަން ބަދަލެއް ނުކުރެވޭނެ. އޭނާގެ ޗެމްޕިއަންސް ލީގު ކެރިއަރު މިގޮތަށް ނިންމާލަން ޖެހުމަކީ ދެރައަކަށްވީ ނަމަވެސް އޭނާ ކޮށްފައިވާ ކަންކަން މީގެ ސަބަބުން ގެއްލިގެން ނުދާނެ،" ފުޓްބޯޅަ ކެރިއަރު 2006 ވަނަ އަހަރު ރަތްކާޑަކާ އެކު ނިންމާލަން ޖެހުނު ޒިދާން ބުންޏެވެ.