13 އެޕްރީލް 2018 - 14:15

ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
އެމަސައްކަތް ކުރަން ހަމަޖެހިފައިވަނީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ލޯން އެހީގަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރުމަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 180,000.00 ޑޮލަރު ހުށަހަޅަން ޖެހެ އެވެ.
ޕްރީބިޑް މީޓިން އަންނަ މަހުގެ ދެ ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު ބީލަން ހުޅުވަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން މިހާތަނަށް ހަދާ އެންމެ ބޮޑު ބަނދަރަކަށް ވާނީ ހދ. ކުޅުދުއްފުށީ ބަނދަރެވެ. އެއީ 1100 ފޫޓު ދިގު، 500 ފުޅާ ބަނދަރެކެވެ.
"މިއީ ހަމައެކަނި އާދައިގެ ބަނދަރެއް ނޫން. ބޭރުގައި ވެސް އޮޑިދޯނިފަހަރު އެޅޭ ގޮތަށް، ވަރަށް ފުރިހަމަ އަށް އަރިމަތީ ތޮށީގައި ޖެޓީތަކެއް ލެވޭނެ،" ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވެ އެވެ.
އަދި ބަނދަރު ތަރައްގީގެ މަޝްރޫއުގެ އިތުރުން ފެރީ ޓަމިނަލަކާއި ފިހާރަތަކާއި އެކިއެކި ވިޔަފާރި ކުރެވޭ ތަންތަން ވެސް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެ ބަނދަރުން ނަފާ ހޯދާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމްތަކެއް ކުޅުދުއްފުށީގެ މީހުންނަށް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާއިރު މިހާރު އެރަށުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިއަހަރުގެ ތެރޭގައި އެ އެއާޕޯޓަށް ފުލައިޓް ޖައްސަން ފަށާނެ ކަމަށް ސަރުކާރުން ބުނެ އެވެ.