14 އެޕްރީލް 2018 - 07:55

މިދިޔަ އަހަރު ރިލީޒް ކުރި "ބޭވޮޗް" އަށް ފަހު، ޕްރިޔަންކާ ޗޯޕްޅާ ކުޅުނު ހޮލީވުޑްގެ ދެވަނަ ފިލްމް "އަ ކިޑް ލައިކް ޖޭކް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމްގައި އޭނާ ފެންނާނީ ސަޕޯޓިން ރޯލަކުންނެވެ. ޓްރެއިލާގައި ވެސް އޭނާ ހިމަނާފައި ވަނީ ވަރަށް ކުޑަކޮށެވެ.
ސިލަސް ހަވަޑް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޖިންސް ކަށަވަރު ނުވާ 4 އަހަރުގެ ކުއްޖެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމްގެ މުހިއްމު ކެރެކްޓާއަކީ ކުޑަކުއްޖާގެ ރޯލް ކުޅޭ ލިއޯ ޖޭމްސް ޑޭވިސް އެވެ. ދެން ފިލްމްގެ އެންމެ މުހިއްމު ތަރިންނަކީ ޖިމް ޕާޒަން އާއި ކްލެއާ ޑޭންސް އެވެ.
ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އޮކްޓޭވިއާ ސްޕެންސާ، އެމީ ލެންޑެކާ އަދި އޭން ޑޯޑް އާއި އާސިފް މަންދްވީ ހިމެނެ އެވެ.
މިދިޔަ ޖެނުއަރީ މަހު ބޭއްވި ސަން ޑާންސް ފިލްމް ފެސްޓިވަލްގައި ޕްރިމިއާކުރި "އަ ކިޑް ލައިކް ޖޭކް" ސިނަމާތަކަށް އަންނާނީ ޖޫން 8 ގަ އެވެ.
"އަ ކިޑް ލައިޖް ޖޭކް" ގެ އިތުރުން ޕްރިޔަންކާ ވަނީ "އިޒިންޓް އިޓް ރޮމޭންޓިކް ކިޔާ" ފިލްމެއް ވެސް ކުޅެފަ އެވެ. އަންނަ އަހަރުގެ ފެބްރުއަރީ 14 އަށް ތާވަލުކޮށްފައިވާ ފިލްމްގެ ކާސްޓުންގެ ތެރޭގައި އެޑަމް ލެވިން، ކްރިސް ހެމްސްވޯތު، ރެބެލް ވިލްސަން އަދި ބެޓީ ގިލްޕިން ހިމެނެ އެވެ. އެ ފިލްމްގައި ޕްރިޔަންކާ ފެނިގެން ދާނީ ސަޕޯޓިން ރޯލަކުންނެވެ.
އޭނާ ކުޅޭ އޭބީސީގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަން މި މަހުގެ 26 އިން ފެށިގެން ދައްކަން ފަށާނެ އެވެ.