ސިންގަޕޫރުގެ ސީޑީއެލް އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުން ލިބޭ ފައިދާ ދަށް ވަނީ
ސިންގަޕޫރުގެ ސީޑީއެލް އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުން ލިބޭ ފައިދާ ދަށް ވަނީ

ސިންގަޕޫރުގެ މަޝްހޫރު ހޮޓެލް ޗެއިން، ސީޑީއެލް ހޮސްޕިޓަލިޓީ ޓްރަސްޓުން ރާއްޖޭގައި ހިންގާ ރިސޯޓްތަކުން ލިބޭ ފައިދާ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ބުނެފި އެވެ.

ސީޑިއެލް ހޮސްޕިޓަލިޓީއާ ހަވާލާދީ ސިންގަޕޯ ބިޒްނަސް ރިވިއުގައި ބުނެފައި ވަނީ އެ ކުންފުނިން ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ ފައިދާ ދަށްވާ މައިގަނޑު ސަބަބަކީ ޔޫއެސް ޑޮލަރާ އަޅާބަލާއިރު ޔޫރޯ އާއި ޔުއާން އަދި ރަޝިއާގެ ރޫބެލްގެ އަގު ދަށްވަމުންދިއުމާއި އެނދު ވިއްކާ އަގުތައް ދަށްކުރަން ޖެހުމުން ކަމަށެވެ.

"އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ލަގްޒަރީ މާކެޓްތަކުން އަންނަ މީހުން މަދުވުމުން. އަދި ގެއްލުންވި އެއް ސަބަބު މުހިންމު ޓޫރިސްޓުން އަންނަ އެންމެ ބޮޑު މާކެޓުތަކުގެ ފައިސާގެ އަގު ދަށްވުމަކީ ވެސް،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ބިޒްނަސް ރިވިއުގައި ބުނެފައި ވަނީ ސީޑީއެލްއިން ރާއްޖޭގައި ހިންގާ ރިސޯޓްތަކުން ލިބުނު ފައިދާ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 29 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ ހުރިހާ ޕްރޮޕަޓީއަކުން ލިބުނު ޖުމްލަ ފައިދާ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ނުވަ ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.

ރާއްޖޭގެ ފަސްތަރީގެ ފެންވަރުގެ ދެ ރިސޯޓެއް އެ ކުންފުނިން 2013ގައި ގަނެފައިވެ އެވެ. އެއީ ދ. އަތޮޅުގައި އޮންނަ 113 ކޮޓަރީގެ އަންގްސާނާ ވެލާވަރާއި ގއ. މެރަދޫގައި ހިންގާ ޖުމައިރާ ދެވަނަ ފުއްޓެވެ. އެ ކުންފުނިން ވެލާވަރު ޖެނުއަރީ 31، 2013ގައި ގަނެފައި ވަނީ 78 މިލިއަން ޑޮލަރަށެވެ. އަދި 37 ވިލާ ހިމެނޭ މެރަދޫ ސީޑީއެލް އިން ޑިސެމްބަރު 31، 2013ގައި ގަނެފައި ވަނީ 61 މިލިއަން ޑޮލަރަށެވެ.

އެ ނޫހުގައި ބުނެފައި ވަނީ ރާއްޖެއިން ލިބޭ ފައިދާ ދަށްވި ނަމަވެސް އިނގިރޭސިވިލާތުގައި ހިންގާ ހިލްޓަން ކެމްބްރިޖް ސިޓީ ސެންޓާއިން ލިބޭ ފައިދާ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަހަރުން އަހަރަށް ބަލާއިރު މިއަހަރު ނިމޭއިރު އެ ކުންފުންޏަށް ލިބޭ ފައިދާ 18 ޕަސެންޓް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ރިޕޯޓާ ހަވާލާދީ ބިޒްނަސް ރިވިއުގައި ބުނެފައިވެ އެވެ.

ސީޑީއެލްގެ ހޮޓާތައް ރާއްޖޭގެ އިތުރުން ސިންގަޕޫރު، އޮސްޓްރޭލިއާ، ނިއުޒީލަންޑް، އިނގިރޭސިވިލާތް އަދި ޖަޕާނުގައި ހުރެ އެވެ.