އީސީޖީ ބެލޭ ހެދުމެއް އުފައްދަނީ
އީސީޖީ ބެލޭ ހެދުމެއް އުފައްދަނީ

ތިމާގެ ދުޅަހެޔޮކަން ވަގުތުން ވަޒަންކުރެވޭނެ އެކި އާލާތްތައް މިހާރު ވަރަށް ގިނައެވެ. ލޭގެ ޕްރެޝަރު ހުރި ވަރަކާއި ހަކުރު ހުރި މިންވަރެއް ގޭގައި ތިބެގެން މިހާރު ބަލައިލެވެއެވެ. އަތުގައި އަޅާ ގަޑިއަކުން ނުވަތަ އަޅުވާލާ ކަމަރަކުން މިކަންކަން ފުއްދާލެވެއެވެ.

ޔޫރަޕްގައި އުފެދި، މިހާރު އެމެރިކާގެ ކެލިފޯނިއާގައި މައި އޮފީސް ގާއިމުކޮށްފައިވާ އެމްގްލެއާ ކުންފުނި އުޅެނީ އެއަށްވުރެ ކުރީގައެވެ. އެ ކުންފުނިން މިހާރު ތައްޔާރުވަމުން އަންނަނީ އީސީޖީ އާއި ހިތުގެ ހިނގުން ބަލައިދޭ ސެންސަރުތަކާއެކު އާ ހެދުމެއް ބާޒާރަށް ނެރުމަށެވެ.

ފިރިހެނުންނަށާއި އަންހެނުންނަށް ތަފާތު ފަރުމާތަކާއެކު ނެރެން ތައްޔާރުކުރާ ސްމާޓް ހެދުންތަކުގެ ތެރޭގައި، ކުޅިވަރު ކުޅޭއިރު އެތެރެއިން ލުމަށް ހާއްސަ އުފެއްދުންތައް ވެސް ހިމެނެއެވެ. މި އަންނައުނު ފަރުމާކުރުމުގައި ސިއްހީ ދާއިރާ އާއި އިންފޯމެޓިކްސް އާއި ފެޝަން އިންޑަސްޓްރީގެ ތަޖުރިބާކާރުން މަސައްކަތްކުރެއެވެ. އެމްގްލެއާ ޓީމްގެ އަމާޒަކީ ސްމާޓްވުމުގެ އިތުރުން މިއީ ގިނައިރު ލައިގެން އުޅެން އުނދަގޫނުވާނެ ހެދުންތަކަކަށް ހެދުމެވެ.

އެމްގްލެއާ އަންނައުނުގައިވާ ސެންސަރުތައް މަސައްކަތްކުރާނީ ސީދާ ސްމާޓްފޯނު އެޕްގެ އެހީގައެވެ. ހިތުގެ ސިއްހަތާ ގުޅޭ ގޮތުން އެނގެން ބޭނުންވާ ގިނަ ކަންކަން މި އެޕް ބޭނުންކޮށްގެން އޮޅުންފިލުވޭނެއެވެ.