18 އެޕްރީލް 2018 - 06:11

ކައިވެނި ކުރާ ދުވަހަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަންނާނެ އެންމެ ހާއްސަ އެއް ދުވަހެވެ. އެހެންވެ ޕާކިސްތާންގެ މި ވިޔަފާވެރިޔާ ވެސް ބޭނުންވީ ކައިވެނި ކުރާ ދުވަސް ހާއްސަ ކުރާށެވެ. އެކަމަކު އޭނާގެ ކައިވެނީގެ ހެދުމުގެ އަގު އުފުލައިލީ ތަފާތު މެސެޖެއް ފޯރުކޮށް ދިނުމުގެ ގޮތުންނެވެ.
ލާހޯރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ސަލްމާން ޝާހިދުގެ ކައިވެނީގެ ހަފުލާގެ ވާހަކަ މީޑިއާތަކަށް އެރީ އޭނާ އެ ހަފުލާ އަށް ހެދުން އެޅި ގޮތުންނެވެ. އޭނާގެ ސޫޓާއި ބޫޓްގެ ވާހަކަ ވަކިން ގަދަވީ ރަން ބޭނުންކޮށްފައިވާތީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކައިވެނީގެ ހަފުލާގައި ސަލްމާން ލައިގެން ހުރި ސޫޓްގެ އަގު 63،000 ރުޕީސް އަށް އަރަ އެވެ. އެ ފަރުމާކޮށްފައި ވަނީ ޖަވާހިރު ބޭނުންކޮށްގެންނެވެ. އެގޮތުން ސޫޓާއި އަޅާފައިވާ ޓައި ވެސް ހަދާފައި އޮތީ ރަނުންނެވެ.
ކައިވެނީގެ ހަފުލާގައި ސަލްމާން އަރައިގެން އިން ރަން ބޫޓްގެ އަގު 17 ލައްކަ ރުޕީސް އަށް އަރަ އެވެ. ކައިވެންޏަށް ޒީނަތްތެރިވާން އޭނާ ކުރި ހަރަދަށް އެކަނި 25 ލައްކަ ރުޕީސް އަރާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
މިކަމާ ބެހޭ ގޮތުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސަލްމާން ބުނީ ކައިވެނީގައި ރަނުގެ ބޫޓެއް ބޭނުންކޮށްލީ ތަފާތު ކަމެއް ކޮށްލުމުގެ ގޮތުން ކަމަށެވެ. އަދި މިކަމުން ދައްކުވައި ދޭން ބޭނުންވި އެންމެ މުހިއްމު މެސެޖަކީ މި ދުނިޔޭގައި ތަނަވަސް ކަމަކީ "މާ ރީތި ކަމެއް ނޫން" ކަމުގެ މެސެޖު ކަމަށް ބުންޏެވެ.
"އާންމުކޮށް ރަން ބޭނުން ކުރަނީ ގަހަނާގެ ގޮތުގައި އަޅަން ކަމަށް ވިޔަސް، އަހަރެން ބޭނުންވީ ރަން ތަފާތު ގޮތަކަށް ވެސް ބޭނުން ކުރެވިދާނެ ކަން ދައްކައި ދޭން،" އޭނާ ބުންޏެވެ. "ތަނަވަސް ކަމަކީ މާ ބޮޑު މޮޅެއް ނޫން. އެހެންވެ ރަން ވެސް ހުންނަން ވަނީ އެ ހުންނަންވާ ހިސާބުގައި."
ތަނަވަސް ކަމަކީ އެހާ މުހިއްމު ކަމެއް ނޫންކަން ތަފާތު ގޮތަކަށް ވިސްނައި ދޭން ސަލްމާން މި ކުރި ކަމަކުން ވަރަށް ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑު ވެސް ކިޔައިފަ އެވެ. އެއް ބަޔަކު ބުނެފައި ވަނީ ޕާކިސްތާނުގައި ވެސް އެހީ އަށް ބޭނުންވާ އެތައް ބަޔަކު ތިއްބައި، ރަން ބޫޓަކަށް ހަރަދުކޮށްލުމުގެ ބަދަލުގައި އެ ފައިސާ، ބޭނުން ޖެހިފައިވާ މީހަކަށް ހަދިޔާ ކުރި ނަމަ މާ ރަނގަޅުވީސް ކަމަށެވެ.