17 އެޕްރީލް 2018 - 14:59

ކޮލަމްބޯ (އެޕްރީލް 17) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)އާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއި ކުރަން ނިންމައިފި އެވެ.
އެސްއެލްއެފްޕީގެ ތަރުޖަމާން ދުމިންދާ ޑިސަނައިކަ ވިދާޅުވީ ކޯލިޝަން ސަރުކާރުގައި ބާކީ އޮތް 18 މަސް ދުވަހު ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ދެ ޕާޓީގެ މިނިސްޓަރުން އެއްބަސްވެފައިވާ ކަމަށެވެ. އަދި އަންނަ މަހު 8 ވަނަ ދުވަހު ޕާލަމެންޓުގެ އާ ދައުރު ފެށުމުން އެ ޕްރޮގްރާމް އިއުލާން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ގައުމަށާއި ރައްޔިތުންނަށް ފައިދާ ހުރި ޕްރޮގްރާމަކަށް ވާނެ،" ޑިސަނައިކަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން އެކުލަވާލުމަށް އެސްއެލްއެފްޕީން ފަސް މެންބަރުންގެ ކޮމިޓީއެއް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.
ލަންކާގައި ސިޔާސީ ކޯޅުންތައް ބޮޑުވުމުން ރައީސް ސިރިސޭނާ ވަނީ މެއި މަހު 8 ވަނަ ދުވަހާ ހަމައަށް ޕާލަމެންޓް ސަސްޕެންޑްކޮށްފަ އެވެ. ސްރީ ލަންކާގައި ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ލިބުނު ކާމިޔާބީއާ ގުޅިގެން ސިރިސޭނާ އާއި ރަނިލްގެ ޕާޓީގެ މެދުގައި ވަނީ ވަރަށް ބޮޑަށް މައްސަލަތައް ޖެހިފަ އެވެ.
ސިރިސޭނާ ދާދި ފަހުން ވަނީ ރަނިލްގެ ބާރުތައް ކުޑަ ކުރައްވާ އިގްތިސާދީ ކަންކަން ބެލެހެއްޓުން ރަނިލްގެ އަތްޕުޅުން ނަންގަވައިފަ އެވެ. ކޮމަންވެލްތު ސަމިޓުން ވަޑައިގެން ލަންކާގެ ކެބިނެޓަށް ސިރިސޭނާ ބަދަލުތަކެއް ގެންނަވާނެ ކަމަށް ބެލެވެ އެވެ.