އަހަރުތަކަކަށް ފަހު ޒިމްބާބުވޭ ކޮމަންވެލްތަށް
އަހަރުތަކަކަށް ފަހު ޒިމްބާބުވޭ ކޮމަންވެލްތަށް

ލަންޑަން (އެޕްރީލް 17) - ލަންޑަންގައި މި ހަފުތާގައި ފަށާ ކޮމަންވެލްތު ސަމިޓުގައި ޒިމްބާވުވޭގެ ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ވެރިކަމުގައި 2003 ވަނަ އަހަރު ކޮމަންވެލްތުން ވަކިވި ނަމަވެސް ޒިމްބާބުވޭގެ އާ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މުޖްތަމައާ ގުޅުން ބަދަހި ކުރަން ފަށައިފަ އެވެ. ކޮމަންވެލްތުން ވަކިވާން މުގާބޭ ނިންމީ އެ ގައުމުގައި 2002 ވަނަ އަހަރު ބޭއްވި އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ކޮމަންވެލްތުން ޒިމްބާބުވޭ ސަސްޕެންޑް ކުރުމާ ގުޅިގެން އެކަމުގެ ހިތްހަމަނުޖެހުމުގަ އެވެ. މުގާބޭގެ ވެރިކަމުގައި ހުޅަނގުގެ ގައުމުތަކާ އެކު ވެސް މާބޮޑު ގުޅުމެއް ބާއްވައިފައެއް ނުވެ އެވެ.

ޒިމްބާބުވޭގެ ފޮރިން ސެކްރެޓަރީ ވިދާޅުވީ އެ ގައުމުގެ ޚާރިޖީ ވަޒީރު ސިބުސިސޯ މޮޔޯ ބައިވެރިވެވަޑައިގަންނަވާނީ ދެ ދުވަހުގެ މުއްދަތަށް ބާއްވާ ވެރިންގެ ސަމިޓުގެ އަރިމަތީ ބައްދަލުވުންތަކުގައި ކަމަށެވެ. ޒިމްބާބުވޭ އަށް ދައުވަތު ދީފައި ވަނީ އިނގިރޭސި ވިލާތުންނެވެ.

ކޮމަންވެލްތާ ޒިމްބާބުވޭ ރަސްމީކޮށް އަދި ގުޅިފައި ނުވާތީ ސަމިޓުގެ ބައްދަލުވުންތަކުގައި އެ ގައުމުން ބައިވެރިއެއް ނުވާނެ އެވެ. ނަމަވެސް އާ ސަރުކާރުން މިހާރު ވަނީ ކޮމަންވެލްތާ އަލުން ގުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ކޮމަންވެލްތުން ކުރިން ވަކިވި ގައުމެއް ކަމަށްވާ ގެމްބިއާ ވެސް އާ ސަރުކާރު ވެރިކަމަށް އައުމާ އެކު، މި އަހަރު ވަނީ އަލުން އެ ޖަމާއަތާ ގުޅިފަ އެވެ.