ދެ ވަނައިގައި ޔުނައިޓެޑަށް ހަތަރު ޕޮއިންޓުގެ ލީޑެއް
ދެ ވަނައިގައި ޔުނައިޓެޑަށް ހަތަރު ޕޮއިންޓުގެ ލީޑެއް

ބޯންމައުތު، އިންގްލެންޑް (އޭޕްރީލް 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި 2-0 އިން ބޯންމައުތު ބަލިކޮށް ލީގުގެ ދެ ވަނައިގައި މެންޗެސްޓާ ޔުނައިޓެޑުން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ޔުނައިޓެޑް ދެ ވަނައިގައި އޮތީ ކުޅުނު 34 މެޗުން 74 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިން ވަނައިގައި އޮތް ލިވަޕޫލަށް 34 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ލީގުގެ އެންމެ ފުލުގައި އޮތް ވެސްޓް ބްރޮމް އަތުން 1-0 އިން ބަލިވުމުން ރޭގެ މެޗަށް ނުކުތްއިރު ޔުނައިޓެޑުން ވަނީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ނިމެންޔާ މަޓިޗް އާއި ރޮމެލޫ ލުކާކޫ އަދި އަލެކްސިސް ސަންޗޭޒަށް ރޭގެ މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުދެ އެވެ.

މި މެޗުގައި ޔުނައިޓެޑަށް ލީޑުނަަގައިދިނީ 28 ވަނަ މިނިޓްގައި ކްރިސް ސްމޯލިން އެވެ. ސްމޯލިން ވަނީ ރަށުންބޭރުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. ރޭގެ މެޗުގައި އޭނާ ގޯލު ޖެހީ ހެސޭ ލިންގާޑް ދިން ބޯޅައަކުންނެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅުގައި އޭރިއާ ތެރެއިން ޔުނައިޓެޑްގެ ލޫކް ޝޯ ބޯންމައުތުގެ ކަލުމް ވިލްސަން އަށް ފައުލުކުރުމުން އެ ޓީމުގެ ކުޅުންތެރިންނައި ބެންޗުން ވަނީ ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ.

ޔުނައިޓެޑްގެ ދެ ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ލުކާކޫ އެވެ. އޭނާ މި ލަނޑު ޖެހީ ޕައުލް ޕޮގްބާ ދިން ބޯޅައަކުންނެވެ. މި ލަނޑާ އެކު ލުކާކޫ ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 27 ލަނޑު ހަމަކޮށްފަ އެވެ. މިއީ އޭނާ ކެރިއަރުގައި އެންމެ ގިނަ ލަނޑު ޖެހި ސީޒަނެވެ.

ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ކުޅުންތެރިންގެ ފަރާތުން ފެނުނު ޕްރޮފެޝަނަލްކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"ވަރަށް ޕްރޮފެޝަނަލް އެޓިޓިއުޑެއް ކުޅުންތެރިންގެ ފަރާތުން ފެނިއްޖެ. މި ތިން ޕޮއިންޓަކީ އޭގެ ނަތީޖާ. މިއީ އެންމެ ބޮޑު ހިތްހަމަ ޖެހުން،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ހޮނިހިރު ދުވަހު ޓޮޓެންހަމާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް ސެމީ ފައިނަލް މެޗުގައި ކުޅޭ ހިތުން ތިބިކަން ހުރިހާ ކުޅުންތެރިން ވެސް މި މެޗުން ދައްކުވައިދީފި ކަމަށެވެ.

ރޭގެ މެޗުން ޕޮއިންޓެއް ނުލިބި ނިންމާލަން ޖެހުނު ބޯންމައުތު އޮތީ ލީގުގެ 11 ވަނައިގަ އެވެ. އެ ޓީމަށް 35 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. އެ ޓީމުގެ ކޯޗު އެޑީ ހޯވް ބުނީ ރެލިގޭޝަން ޒޯނާ މަގާމުގެ ގޮތުން ދުރުގައި އޮތް ނަމަވެސް އަދި އެ ޓީމަށް އެއްކޮށް ސަލާމަތްވެވުނު ކަމަށް ގަބޫލުކުރަން އުނދަގޫ ކަމަށެވެ.