އެމެޒޯން ޕްރައިމްގެ މެމްބަރުންގެ އަދަދު 100 މިލިއަނަށް އަރައިފި
އެމެޒޯން ޕްރައިމްގެ މެމްބަރުންގެ އަދަދު 100 މިލިއަނަށް އަރައިފި

އޮންލައިން ވިޔަފާރި އާއި ސްޓްރީމިން ފަދަ ހިދުމަތްތަކުގެ ތެރޭގައި އެމެޒޯންގެ ނުފޫޒު މިހާރު ވަރަށް ގަދަ އެވެ. އެކަމަކު މިހާތަނަށް ކަށަވަރުވެފައި ނެތް އެއްޗަކީ އެމެޒޯންގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދެވެ. މިއީ ވަރަށް ގިނަ ބަޔަކު ބަލައިލަން ވެސް ބޭނުންވެފައި އޮތް ކަމެއްގެ އިތުރަށް، އެމެޒޯން ކަހަލަ އެހެން ކުންފުނިތަކުން ވެސް ފާރަވެރިވަމުން ދިޔަ ކަމެކެވެ.

އެމެޒޯން ޕްރައިމްގެ މެމްބަރުންގެ އަދަދު 100 މިލިއަނަށް އަރައިފި
އެމެޒޯން ޕްރައިމްގެ މެމްބަރުންގެ އަދަދު 100 މިލިއަނަށް އަރައިފި

މިހާރު އެންމެ ގިނަ ބަޔަކު ޑިޖިޓަލްކޮށް ހޯދާ ހިދުމަތަކީ ނެޓްފްލިކްސް އެވެ. އޭގެ ސަބްސްކްރައިބަރުންގެ އަދަދު 125 މިލިއަނަށް އަރަ އެވެ.

އެމެޒޯން އިން މި ބުދަ ދުވަހު މި ވަނީ އެ މީހުންގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު އަލަށް ހާމަކޮށްފަ އެވެ. އެމެޒޯން ހިންގައިގެން ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ލިސްޓުން ޖާގަ ހޯދާފައިވާ ޖެފް ބެޒޯ ބުދަ އާންމުކުރި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި އެމެޒޯން ޕްރައިމްގެ ސާވިސްގެ މެމްބަރުންގެ އަދަދު ވަނީ 100 މިލިއަނަށް އަރައިފަ އެވެ. އެއީ ނެޓްފްލިކްސް އަށް ވުރެ 25 މިލިއަން ދަށް އަދަދެކެވެ.

އެމެޒޯންގެ މި އަދަދު ހާމަކުރުމާ ހަމައަށް ޑިޖިޓަލް ޑާޓާގެ ތަފާސްހިސާބުތައް އެއްކުރާ ޖީބީއެޗުން އަންދާޒާކޮށްފައިވާ ގޮތުގައި އެމެޒޯންގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު އުޅޭނީ 92 މިލިއަންގަ އެވެ.

އެކަމަކު އެ އަންދާޒާ އަށް ވުރެ 8 މިލިއަން އިތުރަށް އެމެޒޯން ބޭނުން ކުރާކަން ހާމަވުމަކީ 99 ޑޮލަރު އަހަރަކަށް ހަރަދުކޮށްގެން ވެސް، އެމެޒޯންގެ ހިދުމަތް ހޯދަން ކަސްޓަމަރުން މިހާރު ފަސްނުޖެހޭ ކަމެވެ.

"އެމެޒޯންގެ ހިދުމަތް ބޭނުން ކުރާ މީހުންގެ އަދަދު ސަތޭކަ މިލިއަނަށް އެރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް. މިއިން ދައްކުވައި ދެނީ އެ ކުންފުނީގެ ނުފޫޒު މުޅި ދުނިޔޭގައި ވެސް މިހާރު ވަރަށް ގަދަވަމުން އަންނަކަން،" ޖީބީއެޗްގެ ޗީފް ސްޓްރެޓެޖީ އޮފިސަރު (ސީއެސްއޯ) ޑެނިއެލް އިވެޒް ބުންޏެވެ.

އެމެޒޯން ޕްރައިމް ސާވިސްއަކީ މީގެ 13 އަހަރު ކުރިން ތައާރަފު ކުރި ހިދުމަތެކެވެ.

އެ ކުންފުނީގެ ނުފޫޒު ގަދަވަމުން އަންނަ އިރު، މިއީ އެމެޒޯން ކަހަލަ އެހެން ކުންފުނިތަކަށް އޮތް ބިރެއް ވެސް މެ އެވެ. ޑެނިއަލް ސިފަ ކުރި ގޮތުގައި އެ ކުންފުންޏަށް 100 މިލިއަން މެމްބަރުން ހަމަވުމަކީ ވަރުގަދަ އެހެން ކުންފުނިތައް ފަހަތަށް ޖައްސާލަން އެމެޒޯން އަށް ލިބުނު "ރަން ޓިކެޓް" އެކެވެ. އަދި މިއީ އެމެޒޯންގެ މާކެޓް ވެލިއު، އެޕަލް އާއި ގޫގްލް ފަދަ ކުންފުނިތަކާ ވާދަކޮށްލަން އެޅޭ ފާލަމެކެވެ.

އެމެޒޯންގެ މިހާރުގެ މާކެޓް ވެލިއުއަކީ 740 ބިލިއަން ޑޮލަރެވެ. އެޕަލްގެ މާކެޓް ވެލިއު 900 ބިލިއަން ޑޮލަރުގައި ހުރި އިރު، ގޫގުލްގެ މާކެޓް ވެލިއު 745 ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ.