19 އެޕްރީލް 2018 - 14:20

ތެހެރާން (އޭޕްރީލް 19) - އީރާނުގެ ދިފާއީ ކަންކަމަށް ބޭނުން ކޮންމެ ހަތިޔާރެއް އުފައްދާނެ ކަމަށާއި ނަމަވެސް އަވަށްޓެރި ގައުމަކަށް އަރައިގަތުމުގެ ނިޔަތެއް ނެތް ކަމަށް އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
"ދުނިޔެ އަށް ދަންނަވަން އޮތީ، އީރާނުން ބޭނުން ކޮންމެ ހަތިޔާރެއް އުފައްދާނެކަން. އަދި އީރާނުން ބޭނުން ހަތިޔާރެއް އުފެއްދުމަށް ދުނިޔޭގެ ވަކި ބައެއްގެ ހުއްދަ ހޯދާކަށް ވެސް ނުޖެހޭނެ،" އީރާން ސިފައިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތެހެރާނުގައި ބޭއްވި އަސްކަރީ ޕެރޭޑެއްގައި ވާހަކަ ދައްކަވަމުން ރޫހާނީ ވިދާޅުވި އެވެ. "ހަމަ އެގޮތަށް އަވަށްޓެރި ގައުމުތަކަށް ޔަގީންކަން ދެން އެ ގައުމުތަކަށް އީރާނުން އަރައިނުގަންނާނެކަން."
އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ދަނީ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލުމަށް ޑިމާންޑް ކުރަމުންނެވެ. އެކަމަކު އީރާނުން ބުނަމުން ދަނީ އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ އެ ގައުމުގެ ދިފާއީ ބޭނުންތަކަށް އެކަނި ކަމަށެވެ.
"އީރާނުގެ އަވަށްޓެރި ގައުމުތަކަކީ އީރާނުގެ ރަހުމަތްތެރިން. އެ ގައުމުތަކަށް ދަންނަވަން އޮތީ އީރާނުގެ މިސައިލްތަކާއި ހަނގުރާމަމަތީ ބޯޓުތަކާއި ޓޭންކްތަކާ އަދި އެނޫން ވެސް ހަތިޔާރަކީ އެ ގައުމުތަކަށް ނުރައްކާވާނެ އެއްޗެއް ނޫން ކަމަށް،" ރޫހާނީ ވިދާޅުވި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއި ދުނިޔޭގެ ބޮޑެތި ގައުމުތަކުން 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުން އުވާލައްވާނެ ކަމަށް އިންޒާރު ދެއްވައިފަ އެވެ.