22 އެޕްރީލް 2018 - 06:08

އަންނަ އަހަރު ރިލީޒްކުރާ ފިލްމް "ކަލަންކް" އަކީ ތަފާތު ތިން ޖޯޑެއް ފެނިގެން ދާނެ ފިލްމެކެވެ. އޭގެ ތެރޭގައި ސަންޖޭ ދަތާއި މަދޫރީ ޑިކްސިޓްގެ ޖޯޑާއި ވަރުން ދަވަން އާއި އާލިއާ ބަޓްގެ ޒުވާން ޖޯޑު ހިމެނެ އެވެ.

ޔަގީނުން ވެސް މި ފިލްމަކީ އެ ޖޯޑުތަކުގެ ކެމިސްޓްރީ އިތުރަށް ވަރުގަދަކޮށްލާނެ ފިލްމެކެވެ. މި ލިސްޓަށް ދެން އިތުރު ވަނީ ސޮނާކްޝީ ސިންހާ އާއި އަދިތިޔާ ރޯއި ކަޕޫރެވެ. "ކަލަންކް" ވެގެން ދާނީ މި ދެ ތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.
މިއާ އެކު ގިނަ ބަޔަކު މިހާރު އުފައްދާ ސުވާލަކީ 1990 ގެ އަހަރުތަކުއި އެންމެ ކާމިޔާބު އެއް ޖޯޑު ކަމަށްވާ މަދޫރީ އާއި ސަންޖޭ އާއި މިހާރު ބޮލީވުޑްގައި އެންމެ ފާހަގަކޮށްލެވޭ ޖޯޑު ކަމަށްވާ އާލިއާ އާއި ވަރުންގެ ކެމިސްޓްރީއާ އެއްވަރުގެ، ކެމިސްޓްރީއެއް ސޮނާކްޝީ އާއި އަދިތިޔާ އަށް ދެއްކިދާނެތޯ އެވެ؟
ސޮނާކްޝީ ބުނަނީ އެކަން ވާނެ ކަމަށެވެ. އޭނާ ހުރީ އަދިތިޔާއާ އެކު ސްކްރީން ހިއްސާކޮށްލަން ލިބުމުން ވަރަށް އުފަލުންނެވެ.
"މިއީ އަހަރެމެން ދެ މީހުން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމް ވެސް މެ. އެހެންވެ ވަރަށް އެގްޒައިޓިން. އަނެއްކާ މަދޫރީމެން ކަހަލަ ތަރިން ފިލްމްގައި ހިމެނުމަކީ ވަރަށް ބޮޑު މޯޓިވޭޝަނެއް،" އާންމުކޮށް ސަލްމާނާއި އަކްޝޭ ކުމާރް ފަދަ ތަރިންނާ އެކު ފިލްމް ކުޅޭ ބަތަލާ ބުންޏެވެ. "ފިލްމްގެ ކާސްޓް ވަރަށް ވަރުގަދަ. އެހެންވެ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރަން."
ސޮނާކްޝީ ބުނި ގޮތުގައި 2012 ގައި ރިލީޒް ކުރި "ސަން އޮފް ސަރްދާ" އަށް ފަހު އަލުން، އަނެއްކާ ވެސް ސަންޖޭއާ އެކު ފިލްމެއްގެ މަސައްކަތްކޮށްލަން ލިބުމަކީ އާ ތަޖުރިބާއަކަށް ވާނެ އެވެ. އަޖޭ ދޭވްގަންއާ އެކު ކުޅުނު ފިލްމްގައި ސޮނާކްޝީއަކީ ސަންޖޭގެ ކޮއްކޮއެކެވެ.
"މަދޫރީއަކީ އަބަދު ވެސް އަހަރެންގެ އެންމެ ފެވަރިޓް އެއް ބަތަލާ. އޭނާގެ މަސައްކަތް ވަރަށް ގާތުން މި ފަހަރު ބަލާލަން ފުރުސަތު ލިބުމަކީ ވެސް ކުޑަ ކަމެއް ނޫން،" މަދޫރީއާ އެކު، ކަރަން ޖޯހަރްގެ "ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއްގައި ވެސް ބައިވެރިވި ސޮނާކްޝީ ބުންޏެވެ.
ފިލްމަށް ހާއްސަކޮށް ހަދާފައިވާ އަގު ބޮޑު ބިޔަ ސެޓެއްގައި "ކަލަންކް" މިހާރު ޝޫޓް ކުރަމުން އަންނަ އިރު، މި ފިލްމަކީ ކަރަން ޕްރޮޑިއުސްކޮށް، އަބިޝެކް ވަރްމަން ޑައިރެކްޓް ކުރާ ޕީރިއަޑް ޑްރާމާއެކެވެ. މިއީ "2 ސްޓޭޓްސް" އަށް ފަހު އޭނާ ގެނެސްދޭ ފުރަތަމަ ފިލްމެވެ.
"ކަލަންކް" ސިނަމާތަކަށް އަންނާނީ އެޕްރީލް، 19، 2019 ގަ އެވެ.