21 ޖުލައި 2016 - 14:28

ޑާކާ (ޖުލައި 21) - ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާގެ ދޮށީ ދަރިކަލުން ތޯރިގު ރަހުމާން ހަތް އަހަރަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
ލަންޑަނުގައި ދިރިއުޅުއްވާ ތޯރިގު ކުށްވެރި ނުވާ ކަމަށް 2013 ވަނަ އަހަރު ވަނީ ދަށު ކޯޓުން ނިންމައިފަ އެވެ. އިސްތިއުނާފް ކޯޓުގެ ނިންމުމާ ގުޅިގެން ތޯރިގު ރަހުމާނުގެ ސިޔާސީ ހަޔާތަށް ނިމުން އަންނާނެ އެވެ. ހަތް އަހަރުގެ ޖަލު ހުކުމުގެ އިތުރުން 200 މިލިއަން ޓާކާ (2.5 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފައިވާ ކަަމަށް ވެސް އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.
އުމުރުން 51 އަހަރުގެ ތޯރިގަކީ، ބަންގްލަދޭޝްގައި ދެ ފަހަރު ބޮޑު ވަޒީރުކަން ކުރައްވާފައިވާ ޚާލިދާ ޒިޔާ އަށް ފަހު އެކަމަނާގެ ފަރާތުން ސިޔާސީ ހަޔާތް ކުރިއަށް ގެންދަވާނެ ކަމަށް ބެލެވޭ ފަރާތެވެ. ތޯރިގަކީ ބީއެންޕީގެ ސީނިއާ ވައިސް ޗެއާމަން ވެސް މެ އެވެ.
އެޓާނީ ޖެނެރަލްގެ ނައިބް މުނީރުއްދީން ކަބީރު ވިދާޅުވީ ހައި ކޯޓުން ނިންމާފައި ވަނީ ތޯރިގު ރަހުމާންގެ ނުފޫޒު ބޭނުންކޮށްގެން އޭނާގެ ރަހުމަތްތެރިޔާ ޣިޔާސުއްދީން މަމޫން އަށް 200 މިލިއަން ޓާކާގެ މަނީ ލޯންޑްރިން އަށް އެހީވެދީފައި ކަމަށެވެ. ކުރިން ވަނީ ޣިޔާސުއްދީންގެ މައްޗަށް ވެސް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާ 400 މިލިއަން ޓާކާ އިން ޖޫރިމަނާ ކޮށްފަ އެވެ.
ތޯރިގު ރަހުމާން ކުށްވެރި ނުވާ ކަމަށް ނިންމި ފަނޑިޔާރު އޭގެ ފަހުން ވަނީ ގައުމު ދޫކޮށް ގޮހެވެ. އޭނާ މިހާރު ދިރިއުޅޭ ކަމަށް ވަނީ މެލޭޝިއާގަ އެވެ.
ޕްރޮސެކިއުޓަރުން ބުނަނީ ތޯރިގުގެ މައްސަލަ އިސްތިއުނާފް ކުރުމުގެ ކުރިން އޭނާ ކޯޓަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. އަދި ސްޕްރީމް ކޯޓުން މި ހުކުމް ބާތިލް ނުކުރާހާ ހިނދު ތޯރިގަށް ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރި ނުވެވޭނެ ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުނެ އެވެ. ތޯރިގުގެ ވަކީލް މަހްބޫބުއްދީން ވިދާޅުވީ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ.