21 އެޕްރީލް 2018 - 21:50

އައްޑޫގައި މިއަދު މޫދަށް އެރިގެން އުޅެނިކޮށް ގެއްލިގެން އުޅޭ ދެ ކުދިން ހޯދުމަށް ނައިޓް ވިޝަން ކެމެރާ ބޭނުންކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުގައި އޮންނަ މޫދުގެ އޮއިވަރު ބާރު ސަރަހައްދަށް އެރިއުޅެނިކޮށް ތިން ކުދިން ގެއްލުނު އިރު އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ ފެނިފަ އެވެ. ގެއްލިގެން ހޯދާ ދެ ކުދިންނަކީ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ އާއި ޓޮޕާޒް މަޔާމީން އަލީ އެވެ. އެއީ 14 އަހަރުގެ ދެ ކުދިންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ނައިޓް ވިޝަން ޑިވައިސްތައް ބޭނުންކޮށްގެން އެމްއެންޑީއެފްގެ ލޯންޗުތައް އެ ދެ ކުދިން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
އާންމު އޮޕަރޭޝަންތަކުގައި ރޭގަނޑު ވަގުތުތަކަށް ހޯދުމުގެ މަސައްކަތް މެދުކަނޑާލަ އެވެ. ނަމަވެސް މިރޭ ނިންމާފައިވަނީ ކުރިއަށް ގެންދިއުމަށެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އެ ކުދިން ހޯދުމަށް މަސައްކަތް ކުރާ ސަރަހައްދު އަލިކުރުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ކުދިން ހޯދުމަށް އެމްއެންޑީއެފްގެ ލޯންޗުގެ އިތުރުން ހެލިކޮޕްޓަރު ވެސް މިއަދު ވަނީ ބޭނުންކޮށްފަ އެވެ. އާޒިމް ވިދާޅުވީ މިހާތަނަށް ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށެވެ.