23 އެޕްރީލް 2018 - 13:09

ރިޔާޒް (އެޕްރީލް 23) - ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގައި ހުންނަ ޝާހީ ގަނޑުވަރެއްގެ ކައިރިން ވައްޓާލި ކުޅޭކުޅޭ ޑްރޯނުގެ ހާދިސާ އަށް ފަހު އެ ގައުމުގައި ޑްރޯން ދުއްވުމާ ބެހޭ ގަވާއިދެއް ހަދައިފި އެވެ.
ދާޚިލީ ވުޒާރާގެ އޮފިޝަލުންނާ ހަވާލާދީ ރަސްމީ ނޫސް އެޖެންސީން ބުނީ އެންމެ ފަހުގެ ގަވާއިދު މިހާރު ވަނީ ފަހު މަރުހަލާގައި ކަމަށްވީ ނަމަވެސް ޑްރޯން ދުއްވުމާ ބެހޭ އުސޫލެއް މިހާރުން މިހާރަށް ވެސް ތައާރަފްކޮށްފައިވާ ކަމަށެވެ. އާ ގަވާއިދު ފާސްވަންދެން ވެސް ޑްރޯން ދުއްވޭނީ ފުލުހުންގެ ހުއްދަ ކުރިން ހޯދައިގެން، ހުއްދަ އޮންނަ ސަރަހައްދުތަކެއްގައި ކަމަށް ވަނީ ހަމަޖައްސައިފި އެވެ.
ސައުދީ ސަރުކާރުން މި ބަޔާން ނެރުނީ ކުޅޭކުޅޭ ޑްރޯނެއް ގަނޑުވަރެއްގެ ކައިރިން ވައްޓާލިތާ އެއް ދުވަސް ފަހުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަ ގޮތުގައި ޑްރޯން ވައްޓާލުމަށް ވަނީ ބަޑީގެ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގެ އަޑާ އެކު ބައެއް މީހުން ވަނީ ޝާހީ ގަނޑުވަރުގެ ތެރޭގައި ބަޣާވާތެއް ކުރާ ކަމަށް އަޑު ފަތުރައިފަ އެވެ.
ސައުދީ ސަރުކާރުން ބުނީ އެންމެ ފަހުން ވައްޓާލި ޑްރޯންގެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ސައުދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން 2015 ވަނަ އަހަރު ވަނީ އެއްވެސް ބާވަތެއްގެ ރިމޯޓް ކޮންޓްރޯލް ޑްރޯނެއް ކުރިން ހުއްދަ ހޯދައިގެން ނޫނީ ބޭނުން ކުރުން މަނާކޮށްފަ އެވެ.
ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ސައުދީ އަށް ދާދި ފަހުން ގެންނަން ފެށި ބަދަލުތަކާ އެކު ޝާހީ ގަނޑުވަރުތަކުގެ ކައިރީ ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ. މުހައްމަދު ދާދި ފަހުން ވަނީ ސައުދީގެ އަސްކަރިއްޔާ އަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އަދި ކޮރަޕްޝަނުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ގިނަ އަދަދެއްގެ ބިލިއަނަރުން ހައްޔަރުކޮށް، އެ މީހުންގެ އަތުން އެތައް ބިލިއަން ޑޮލަރެއްގެ ފައިސާ ހޯދައިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ޖިއްދާގައި ހުންނަ ސައުދީގެ ގަނޑުވަރެއްގެ މައި ގޭޓު ކައިރި އަށް ހަތިޔާރު އަޅައިގެން ހުރި މީހަކު ދަތުރުކޮށް ހަމަލާދީ ދެ ގާޑުން މަރާލައިފަ އެވެ. އެ ފަހަރު ހަމަލާދިނީ އުމުރުން 28 އަހަރުގެ ސައުދީގެ ރައްޔިތެކެވެ.