ބޮޑު މެޗުގެ ކުރިން ބެންގަލޫރަށް ހިތްހަމަޖެހުމެއް
ބޮޑު މެޗުގެ ކުރިން ބެންގަލޫރަށް ހިތްހަމަޖެހުމެއް

އޭއެފްސީ ކަޕްގައި މާދަމާ ހަވީރު މާލޭގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ނުކުންނައިރު، ބެންގަލޫރު މި ވަގުތު އޮތީ ގްރޫޕް އީގެ އެއް ވަނައިގަ އެވެ. މީގެ އިތުރުން އެ ޓީމަށް އޮތް އަނެއް ހިތްހަމަ ޖެހުމަކީ ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް އެ ޓީމުން ދަމަހައްޓަމުން އަންނަ 100 ޕަސެންޓްގެ ރެކޯޑެވެ.

ބޮޑު މެޗުގެ ކުރިން ބެންގަލޫރަށް ހިތްހަމަޖެހުމެއް
ބޮޑު މެޗުގެ ކުރިން ބެންގަލޫރަށް ހިތްހަމަޖެހުމެއް

އޭއެފްސީ ކަޕްގައި މި މަހު 10 ވަނަ ދުވަހު އިންޑިއާގައި ކުޅުނު މެޗުގައި ބެންގަލޫރުގެ ކޯޗު އަލްބާޓް ރޮކާ އެ މެޗުގެ ރެފްރީގެ ނިންމުންތަކާ ތަކުރާރުކޮށް ފާޑުކިޔުމާ ގުޅިގެން އޭނާ ވަނީ ބެންޗުން ފޮނުވާލައިފަ އެވެ. އެހެން ކަމުން އޭނާ ވަނީ މާދަމާގެ މެޗަށް ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޑްވެފަ އެވެ.

ސަސްޕެންޝަނުގެ ސަބަބުން ރޮކާ އަށް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވެވޭތީ ޓީމުގެ ފަރާތުން ބައިވެރިވީ އެ ޓީމުގެ ގޯލްކީޕިން ކޯޗު ސްޕެއިނުގެ އެޑޫ ގޭސޯލް އެވެ. އޭނާ ބުނީ ނިއު އޮތީ އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮންއާ އެކު ރަނގަޅު ފޯމެއްގައި ކަމަށެވެ.

"މިއީ އާ މެޗެއް އެކަމު އުނދަގޫވާނެ މެޗެއް. އަހަރެމެންނަށް އެނގޭ އެ ޓީމު (ނިއު) އޮތީ ސްޕެއިނުގެ ކޯޗެއް (އޮސްކާ) އާ އެކު ވަރަށް ވަރުގަދަކޮށްކަން. އަދި އަމިއްލަ ދަނޑުގައި ކުޅޭއިރު އެ ޓީމަށް އެޑްވާންޓޭޖް އޮންނާނެ އަމިއްލަ ސަޕޯޓަރުން ވެސް ތިބޭނެ،" އެޑޫ ބުންޏެވެ.

އެންމެ ފަހުން ކުޅުނު މެޗުގައި ނިއު އަތުން 1-0 އިން ބެންގަލޫރު މޮޅުވިއިރު، ތަފާތު ދެއްކީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އެވެ. މެޗުގެ އިތުރު ވަގުތުގައި ޗެތުރީ ދިން ބޯޅައަކުން ލަނޑު ޖެހީ ނިޝޫ ކުމާރް އެވެ.

މާދަމާގެ މެޗުގެ ފުރަތަމަ އެގާރައިގައި ޗެތުރީ ފެނުމުގެ ފުރުސަތެއް އެބައޮތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އެކަމަށް އެޑޫ ސީދާ ޖަވާބެއް ނުދެ އެވެ.

"އަހަރެމެން އަތުގައި މި ވަރުގެ ސްކޮޑެއް އޮތުމަކީ ނަސީބެއް. އެއީ ކޮންމެ މެޗަކަށް އެހާ ބުރަކޮށް އެހާ ރަނގަޅަށް މަސައްކަތްކުރާތީ. އަހަރެމެން މާދަމާ މެޗަށް މި ތިބީ ތައްޔާރަށް. އަހަރެމެންގެ ކޯޗިން ސްޓާފުން ނިންމާނެ މެޗުގައި ކުޅޭނެ އެންމެ ރަނގަޅު ކުޅުންތެރިން،" އެޑޫ ބުންޏެވެ.

އޭއެފްސީ ކަޕްގެ ގަވާއިދު މި ފަހަރު އޮތް ގޮތުން ދެކުނު އޭޝިއާގެ ކްލަބްތަކަށް ހާއްސަކޮށްފައި އޮތް ގްރޫޕް އީ އިން ދެ ވަނަ ބުރަށްދާނީ އެއް ވަނަ ޓީމެވެ. އެ މަގާމަށް މި ވަގުތު ވާދަކުރަނީ ބެންގަލޫރާއި ނިއު އެވެ. ގްރޫޕް އެއް ވަނައިގައި ބެންގަލޫރު މި ވަގުތު އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިއު އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ.

ނިއުގެ ކޯޗު އޮސްކާ މި މެޗު ނަގަނީ ފައިނަލެއްގެ ގޮތުގަ އެވެ. އެޑޫ ބުނީ އެ ޓީމުގެ އަމާޒަކީ ރަނގަޅު ނަތީޖާއެއް ކަމަށެވެ.

"އަމާޒަކީ ދެން އޮތް ބުރަށް ދަތުރުކުރުން. އޭގެ އަށް މަސައްކަތް މި ކުރަނީ. މި ހާލަތުގައި ވެެވެން އޮތް އެންމެ ރަނގަޅަށް މި ތައްޔާރުވަނީ. އެއް ޕޮއިންޓުން ވެސް ނޫނީ ތިން ޕޮއިންޓުން ވެސް އަހަރެމެންނަށް ބޭނުންވާ ޓާގެޓާ ގާތަށް ދެވޭނެ،" އެޑޫ ބުންޏެވެ.

ބެންގަލޫރު ވަނީ އެންމެ ފަހުން ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ކުޅުނު ހަތް މެޗުން ވެސް މޮޅުވެފަ އެވެ. މިއީ މި މެޗަށް ނުކުންނައިރު އެ ޓީމަށް އޮތް އެޑްވާންޓޭޖަކަށްވެދާނެ ކަމަށް އެޑޫ ގަބޫލުކުރެ އެވެ.

"އެއީ ކޮންފިޑެންސަށް ރަނގަޅު ކަމެއް. އެކަމަކު އަހަރެމެން ހަނދާނުގައި އެބަހުރި އެންމެ ފަހުން މި ދަނޑުގައި ކުޅުނު މެޗު (ޓީސީ މެޗު) އަހަރަމެންނަށް ވަރަށް އުނދަގޫވި މެޗެއް އެއީ،" އެޑޫ ބުންޏެވެ.

ބެންގަލޫރު ވަނީ މިދިޔަ ހުކުރު ދުވަހު އީސްޓް ބެންގޯލް ބަލިކޮށް އިންޑިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. ބެންގަލޫރުގެ ޑިފެންޑަރު ޖޮއިނެއާ ލޮރެންކޯ ބުނީ ސުޕަ ކަޕްގެ ކާމިޔާބީއާ އެކު މާދަމާގެ މެޗަށް ނުކުންނައިރު ކުޅުންތެރިންގެ ރޫހު ރަނގަޅުވާނެ ކަމަށެވެ.

"ވަރަށް ރަނގަޅު ޓީމުގެ ރޫހު. މާދަމާގެ މެޗުގައި އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދައްކަން ތައްޔާރު،" ޖޮއިނެއާ ބުންޏެވެ.

މާދަމާގެ މެޗަށް ބެންގަލޫރުން ކޭމްޕް ކޮށްފައިތިބީ ކ. ތުލުސްދޫގައި ހުންނަ ސީޒަން ޕެރަޑައިސްގަ އެވެ. ބެންގަލޫރުން މެޗުގެ ކުރިން ބާއްވާ އެންމެ ފަހުގެ ޓްރެއިނިން ސެޝަން ކުރިއަށްގެންދާނީ އެ ރަށުގަ އެވެ.

ބެންގަލޫރާއި ނިއު ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.