އިސް ވަކީލް ސަސްޕެންޑް ކުރުމުން ވަކީލަކާ ނުލައި ކުރިއަށް ވަޑައިގަންނަވަން މަހުލޫފް ނިންމަވައިފި
އިސް ވަކީލް ސަސްޕެންޑް ކުރުމުން ވަކީލަކާ ނުލައި ކުރިއަށް ވަޑައިގަންނަވަން މަހުލޫފް ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ ވަކީލުންގެ ޓީމުގެ އިސް ވަކީލް، ނާޒިމް ސައްތާރު މައްސަލައަކުން ސަސްޕެންޑް ކުރުމުން ވަކީލަކާ ނުލައި ކުރިއަށް ވަޑައިގަންނަވަން މަހުލޫފް ނިންމަވައިފި އެވެ.

ކުރި ޓްވީޓަކާ ގުޅިގެން ކްރިމިނަލް ކޯޓުން، ނާޒިމް ސަސްޕެންޑްކޮށްފައި ވަނީ މަހުލޫފުގެ މައްޗަށް އުފުލާފައިވާ، ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާ އަކަށް ދިނުމުގެ ކުށުގެ ދައުވާގެ ދިފާއީ ވަކީލު ކަމުންނެވެ.

އެނގިފައިވާ ގޮތުގައި ނާޒިމް ސަސްޕެންޑް ކުރުމާއެކު މަހުލޫފް ވަނީ އޭނާގެ ގާނޫނީ ޓީމުގައި ހިމެނޭ، އަހްމަދު އަބްދުﷲ އަފީފާއި މުހައްމަދު ހައްސާން އޭނާގެ ވަކީލު ކަމުން ވަކިކުރައްވައިފަ އެވެ. އެގޮތަށް ނިންމެވީ އެ ދެ ވަކީލުންނަށް ގެއްލުމެއް ލިބިދާނެތީ އެވެ.

މަހުލޫފްގެ ވަކީލެއްގެ ގޮތުގައި 2016 ވަނަ އަހަރު މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ވެސް ކްރިމިނަލް ކޯޓުން ނާޒިމް ސަސްޕެންޑް ކޮށްފައިވެ އެވެ.

ގާޒީ އަލީ އާދަމް ސޮއިކުރައްވައި ނާޒިމަށް މިއަދު ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެ މައްސަލާގެ ޝަރީއަތަށް ފަހު އިއްޔެ ނާޒިމްކޮށްފައިވާ ޓުވީޓެއްގެ ސަބަބުން އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފެދޭ ކަމަށެވެ. އަދި އެއީ އެ މައްސަލައަށް ނުފޫޒު ފޯރުވައި ކޯޓުގެ ހުރުމަތް ގެއްލޭގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ނާޒިމް ޓުވީޓުގައި ބުނެފައިވަނީ "މިއަދު އިނގުނީ މަދަނީ މިންގަނޑުން ދައުވާ ކޯޓަށް ބަލައިގަތުމަކީ އަމާ ހަނދާންކުރުން ކަން" ކަމަށެވެ.

މަހުލޫފްގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ މި އަހަރުގެ ޖެނުއަރީ 20 ގައި މަހުލޫފް ކުރެއްވި ޓްވީޓުގައި މަހުލޫފް ވަނީ މާފުށީ ޖަލުގައި ގައިދީން މަރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭގެ އިތުރުން މަހުލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ.