26 އެޕްރީލް 2018 - 06:24

ރާނީ މުކަރްޖީގެ އެންމެ ފަހުގެ ފިލްމް "ހިޗްކީ" އަށް ބެލުންތެރިން ދިން ތަރުހީބާ ދޭތެރޭ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. އެހެންވެ ރާނީ މިހާރު ނިންމައިގެން ހުރީ ދެން އެހާ ދިގު މުއްދަތެއް ނުނަގައި އަނެއްކާ ވެސް އިތުރު ފިލްމެއްގެ މަސައްކަތް ފަށާށެވެ.
އެކަމަކު އޭނާ ހުރީ ދެން ކުޅޭނީ ކޮން ކަހަލަ ފިލްމެއްކަން ނިންމަން އުނދަގޫވެފަ އެވެ. ރާނީ ބުނަނީ ލޯބީގެ ފިލްމެއް ކުޅޭނީތޯ ނުވަތަ 2014 ގައި ރިލީޒް ކުރި "މަރްދާނީ" ގެ ދެވަނަ ބައެއް ހަދާނީތޯ ވިސްނުމުގައި އެބަހުރި ކަމަށެވެ.
އޭނާ ފުލުހެއްގެ ރޯލް ކުޅުނު "މަރްދާނީ" އަކީ އެ ފިލްމް ގެނެސް ދިން ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ އަދި މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާއާ ކައިވެނި ކުރުމަށް ފަހު، ރާނީ ކުޅުނު ފުރަތަމަ ފިލްމެވެ. މިދިޔަ މަހުގެ 23 ގައި ރިލީޒް ކުރި "ހިޗްކީ" އަކީ ދަރިފުޅު އަދީރާ ވިހެއުމަށް ފަހު، ރާނީ ކުޅުނު ފުރަތަމަ ފިލްމެވެ.
"އެބަހުރި ފިލްމްތަކަކުން އޮފާ ލިބިފައި. އެކަމަކު އަހަރެން މި ހުންނަނީ ދެން ކުޅޭނެ ފިލްމެއް ނިންމަން ދަތިވެފައި. ހިތަށް އެބަ އަރާ ލޯބީގެ ފިލްމެކޭ ދެން ކުޅޭނީ،" ކުޗް ކުޗް ހޯތާ ހޭ އާއި ހަރް ދިލް ޖޯ ޕިޔާރް ކަރޭގާ ފަދަ ލޯބީގެ ކާމިޔާބު ފިލްމްތަކެއް ކުޅުނު ބަތަލާ ބުންޏެވެ. "އެކަމަކު އެބަ ހިތަށް އަރާ މަރްދާނީގެ ދެވަނަ ބައޭ ދެން ކުޅެންވީ."
ރާނީގެ ވާހަކަތަކުން ސާބިތުވި ކަމަކީ "މަރްދާނީ" ގެ ދެވަނަ ބައެއް ހަދަން ވައިއާރްއެފްގެ ޝައުގުވެރިކަން ހުރި ކަމެވެ. އޭނާ ބުނި ގޮތުގައި ފިލްމްގެ ވާހަކަ ކުރިއަށް ގެންދެވޭނެ ކަހަލަ ވަރުގަދަ ހިޔާލެއް ލިބުމުން އޭގެ ސްކްރިޕްޓް އެކުލަވައިލާނެ އެވެ.
ވަރަށް ޖެހިލުން ކުޑަ އަދި އެހާމެ ހިތްވަރު ގަދަ ފުލުހެއްގެ ރޯލުން ރާނީ ފެނުނު "މަރްދާނީ" އަކީ ޕްރަދީޕް ސަރްކާރް ޑައިރެކްޓް ކުރި ފިލްމެކެވެ.
"ވަރުގަދަ އަންހެން ކެރެކްޓާއެއް ދައްކުވައިދޭ ފިލްމަކަށް މަރްދާނީ ވިޔަސް، މީގެ ދެވަނަ ބައެއް ކޮންމެހެން ހަދާކަށް ބޭނުމެއް ނޫން ހަމަ އެއްޗަކަށް އެއްޗެއް ހަދާލާ ކަހަލަ ގޮތަކަށް. ވަރުގަދަ އައިޑިއާއަކަށް ފިލްމް ގެނެސް ދޭން ބޭނުން ވަނީ،" އޭނާ ބުންޏެވެ.