ނޫސްވެރިޔާ ކިމް މަރާލިކަމުގެ ކުށުގައި ސަބްމެރިން އުފައްދާ މީހާ އުމުރަށް ޖަލަށް
ނޫސްވެރިޔާ ކިމް މަރާލިކަމުގެ ކުށުގައި ސަބްމެރިން އުފައްދާ މީހާ އުމުރަށް ޖަލަށް

ކޯޕެންހޭގަން (އެޕްރީލް 25) - ސްވިޑަންގެ ނޫސްވެރިޔާ ކިމް ވޯލް މަރާލި ކަމުގެ ކުށް، ސަބްމެރިން އުފައްދާ ޑެންމާކުގެ ޕީޓާ މެޑްސަންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ އުމުރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.

ނޫސްވެރިޔާ ކިމް މަރާލިކަމުގެ ކުށުގައި ސަބްމެރިން އުފައްދާ މީހާ އުމުރަށް ޖަލަށް
ނޫސްވެރިޔާ ކިމް މަރާލިކަމުގެ ކުށުގައި ސަބްމެރިން އުފައްދާ މީހާ އުމުރަށް ޖަލަށް

ޕްރޮސެކިއުޓަރުން ބުނެފައި ވަނީ މެޑްސަން ވަނީ ކިމް، 30، ގެ ކަރުގައި ހިފާ ހާސްކޮށްލައިގެން ނުވަތަ އޭނާގެ ކަރު ބުރިކޮށްލައިގެން މަރާލަން ރާވައިފައި ކަމަށެވެ. ކިމް މަރާލާފައި ވަނީ މެޑްސަންގެ ސަބްމެރިންގައި ކަމަށް ވަނީ ސާބިތުވެފަ އެވެ.

ކިމްގެ ހަށިގަނޑުގެ ބައިތައް ޑެންމާކް ފުލުހުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ކަނޑު އަޑިން ހޯދައިފަ އެވެ. އެއީ ސަބްމެރިންގައި މެޑްސަންއާ ކިމް އިންޓަވިއު ކުރިތާ 11 ދުވަސް ފަހުންނެވެ.

މެޑްސަން، 47، ގެ މައްޗަށް ވަނީ މީހަކު މެރުމާއި ޖިންސީ ހަމަލާ ދިންކަމުގެ ކުށް ސާބިތުވެފަ އެވެ. މެޑްސަން ކުރިން ބުނެފައި ވަނީ ކިމްގެ މަރަކީ އެކްސިޑެންޓެއް ކަމަށެވެ. އެކަމަކު ކޯޓުން އެކަން ގަބޫލްކޮށްފައެއް ނުވެ އެވެ.

ކިމް ގެންދިޔައީ މެޑްސަންގެ އުފެއްދުންތަކާ ބެހޭ ގޮތުން ލިޔުމެއް ތައްޔާރު ކުރަމުންނެވެ. ކިމް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު މެޑްސަންއާ އެކު ކޯޕެންހެގަންގެ ބޭރަށް ސަބްމެރިންގައި ދަތުރެއް ކުރުމުގެ ކުރިންނެވެ. އެ ދަތުރަށް ފަހު ކިމްގެ ޚަބަރެއް ނުވުމުން އޭނާގެ ލޯބިވެރިޔާ ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ. ސަބްމެރިން ފެތުމުން މެޑްސަން ވަނީ ކަނޑުމަތިން ސަލާމަތްކޮށްފަ އެވެ. ފުލުހުން ގަބޫލް ކުރަނީ މެޑްސަން ގަސްދުގައި ސަބްމެރިން ފައްތާލީ ކަމަށެވެ.

ކިމްގެ މައި ހަށިގަނޑު ފެނިފައި ވަނީ އޮގަސްޓް 21 ވަނަ ދުވަހު އެވެ. އޭނާގެ ބޮލާއި ފައި އަދި ހެދުން ކޮތަޅަކަށްލުމަށް ފަހު ކަނޑު ފައްތާފައި ވަނިކޮށް ފުލުހުންގެ ޑައިވަރުން ހޯދީ އޮކްޓޯބަރު 6 ވަނަ ދުވަހު އެވެ.

މެޑްސަން ހައްޔަރުކޮށް ބަޔާން ނެގުމުން އޭނާ އެކި ފަހަރު ދައްކާފައި ވަނީ އެކި ވާހަކަ އެވެ. އޭނާ އެންމެ ފުރަތަމަ ބުނެފައި ވަނީ ސަބްމެރިންގެ ދަތުރަށް ފަހު އެރޭ މެޑްސަން ހޮޓަލަށް ގެންދިޔަ ފަހުން ނުފެންނަ ކަަމަށެވެ. ޖެހިގެން އައި ދުވަހު އޭނާ ބުނެފައި ވަނީ ސަބްމެރިން އެކްސިޑެންޓްވެ ކިމްގެ ބޯ ސަބްމެރިންގެ 70 ކިލޯގެ ހެޗުގައި ޖެހި މަރުވީ ކަމަށެވެ. އެހެންވެ ކިމްގެ ހަށިގަނޑު މޫދަށް އެއްލާލީ ކަމަށް ބުންޏެވެ. އެކަމަކު އޮކްޓޯބަރު 30 ވަނަ ދުވަހު ދިން ބަޔާނުގައި އޭނާ ބުނެފައި ވަނީ ކިމް މަރުވީ ސަބްމެރިންގެ ތެރޭގައި ކާބަންޑައި އޮކްސައިޑުގެ ވިހައިގެ އަސަރުކޮށްގެން ކަމަށެވެ. އޭރު އޭނާ ހުރީ ސަބްމެރިންގެ ޑެކުގައި ކަމަށް ބުންޏެވެ.

ކިމް ވަނީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް އިން ޑިގްރީ ނަގައިފަ އެވެ. އަދި އޭނާ ދިޔައީ ކޮލަމްބިއާ ޔުނިވާސިޓީން މާސްޓާސް ޕްރޮގްރާމަކަށް ކިޔަވަން ތައްޔާރުވަމުންނެވެ.