26 އެޕްރީލް 2018 - 10:38

ހުޅުމާލޭގައި ހުންނަ އޮފީހެއްގެ ތިޖޫރި ފަޅާލަން މަސައްކަތް ކުރި ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރޭ ދަންވަރު ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރީ އުމުރުން 23 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދިއެއް ނުދެ އެވެ.
ފުލުހުން އެ އޮފީހަށް ދިޔައިރު، އެ ދެ މީހުން ތިބީ ތިޖޫރި ހަލާކުކޮށްލުމުގެ މަސައްކަތުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި ތިޖޫރި ހަލާކު ކޮށްލުމަށްޓަކައި ބޭނުން ކުރަމުން ދިޔަ ބައެއް އާލާތްތައް ވެސް އެ ތަނުން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ތިޖޫރީގެ ދޮރުފަތަށް ގެއްލުންތަކެއް ދީފައިވީ ނަމަވެސް ތިޖޫރީއެއް ނުހުޅުވަ އެވެ.
ހުޅުމާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުން ދާތީ، ހުޅުމާލޭގައި ތިބޭ ފުލުހުން މި ދުވަސްވަރު އަންނަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
ވައްކަމާއި ފޭރުން މި ދުވަސްވަރު އިތުރުވެފައިވާއިރު، އިއްޔެ ވެސް މާލޭގައި ވަނީ މީހެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައި މިލިއަނެއްހާ ރުފިޔާ ފޭރިގެންފަ އެވެ.