27 އެޕްރީލް 2018 - 07:25

މުސްލިމުން އެއްބައިވަންތަވެ އެކަކު އަނެކަކާ ގުޅިގެން އުޅުމަށް އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅަ އެވެ. ހަމަ މިއާ އެކު އަނެއްކޮޅުން، ދެކޮޅުވެރިވެ ބައިބައިވެގެން އުޅެން އިސްލާމް ދީން ނަފްރަތު ކުރެ އެވެ. މީގެ ބޭނުމަކީ އެކުވެރިކަމާއި އެއްބާރުލުމުގެ ސަބަބުން ދިރިއުޅުމުގެ ހަޔާތުގައި ލިބިގެންދާ އެތައް މަންފާތަކެއް ހާސިލު ކުރުމެވެ.
ހަމައެފަދައިން ދެކޮޅުވެރިކަމާއި ބައިބައިވުމުގެ ސަބަބުން ދިރިއުޅުމުގެ ހަޔާތުގައި ލިބިގެންދާ އެތައް ގެއްލުންތަކަކުން ސަލާމަތްވުމެވެ. އެހެންކަމުން މި މަންފާތަކާއި ގެއްލުންތަކަށް މުސްލިމުން ހޭލުންތެރިވާން ޖެހެއެވެ. އަދި އެކުވެރިކަން ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަންވެސް ދެނެގަންނަން ޖެހެ އެވެ.
މުޖުތަމައުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ އެއް ފައިދާއަކީ މުޖުތަމައުގެ ނިކަމެތިންނަށް ވަރުގަދަކަން ލިބި ވަރުގަދަކަން ލިބިގެންވާ މީހުންނަށް އިތުރު ވަރުގަދަކަން ލިބުމެވެ. މިކަން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ސިފަ ކުރައްވާފައި ވަނީ މުއުމިނުން އެކަކު އަނެކަކަށްޓަކައި ތިބުމަކީ އެ އެންމެން އެއް ބިނާއެއް ފަދައިން ވެގެންދާނެ ކަމެއް ކަމަށެވެ.
އެހެނީ ބިނާއެއްގައި ވެސް ވަރުގަދަކަން ލިބެނީ އޭގެ އެއް ބަޔާއި އަނެއްބައި ގުޅި އެކުވެގެން ކަމަށްވާތީ އެވެ. ބިނާއެއްގެ ވަކިވަކި އެތިކޮޅުތައް ކިތަންމެ ބައިވަރު ހުއްޓަސް އަދި އެއިން ކޮންމެ އެތިކޮޅެއް ކިތަންމެ ވަރުގަދަ ވިޔަސް އެއިން މުޅި ބިނާ ވަރުގަދައެއް ނުކުރެވެ އެވެ. އެކަމަކު އެ ވަރުގަދަކަން ލިބެނީ ހުރިހާ އެތިކޮޅުތައް ގުޅުވާލެވި އެކަތި ގަނޑަކަށް ހެދުނީމަ އެވެ.
އެހެންވެ މުސްލިމުން ހަނގުރާމަ ކުރާއިރުވެސް "ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، ހަމަކަށަވަރުން ﷲ ލޯބިވެވޮޑިގެންވާނެ" ކަން ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައި ވެއެވެ. (އައްޞައްފު 4). ޙިކުމަތްތެރި ބައްޕަޔަކު އޭނާގެ ދަރިންނަށް އެކުވެރިކަމުގެ މަންފާ އާއި ވަކިވަކި ވުމުގެ ގެއްލުން ބަޔާންކޮށްދޭން އަމަލީގޮތުން ދަސްކޮށްދިން ފިލާވަޅު އެއީ އެންމެން ދަންނަ މަޝްހޫރު ވާހަކަ އެކެވެ.
އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ ދެވަނަ ފައިދާ އަކީ ވަކިވަކި ފަރުދުން ގެއްލި ހަލާކުވުމުން ސަލާމަތް ކޮށްދިނުމެވެ. ޖަމާއަތާ ވަކިވެގެން އެކަނި އުޅުމަކީ މަގު ގެއްލި ނުރައްކާތަކަށް ހުށަހެޅުން ފަސޭހަވެގެންދާނެ ކަމެކެވެ. ވަލު ކުއްތާ އަށް ވެސް، އައިނުން ވަކިވެގެން އުޅޭ ކަންބަޅިއެއް ނަމަ ޖަހައިގަނެ ޝިކާރަކޮށްލަން ފަސޭހަވެފައި އައިނުގެ ތެރެއަށް ވަދެ ކަންބަޅިއެއް ޖަހައިގަނެގެން ގެންދަން އުނދަގޫވާ ފަދައިންނެވެ.
މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީފުޅު ކުރައްވަނީ "ތިޔަބައިމީހުން ޖަމާއަތެއްގެ ގޮތުގައި ވާށެވެ. ހަމަކަށަވަރުން ﷲގެ ބާރު ލިބިގެންވަނީ ޖަމާއަތާ އެކުގައެވެ. ވަކިވެ އެކަހެރިވާ މީހާ އެ އެކަހެރި ވަނީ ނަރަކައިގަ އެވެ."
އާދެ، އެހެންކަމުން ޖަމާއަތުގެ އެއްބައިވަންތަކަން ހިފެހެއްޓުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް މުސްލިމުން ކުރަން ޖެހެ އެވެ. މިގޮތުން ކީރިތި ޤުރްއާނުގައިވާ "ތިޔަބައިމީހުން އެންމެން ﷲ ގެ ދީނުގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން ޢަދާވާތްތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ." (އާލް ޢިމްރާން 112).
މި އަމުރުފުޅު އަބަދުވެސް ހަނދާނުގައި ބެހެއްޓުމަކީ އެންމެ ފުރަތަމަވެސް ކުރަން ޖެހޭ ކަމެކެވެ. ހަމަ މިއާ އެކު "މުއުމިނުންނަކީ ހަމަކަށަވަރުންވެސް އަޚުންތަކެއް" (އަލްޙުޖްރާތު 10) ކަމަށް ބަޔާން ކުރައްވާފައިވާ ބަސްފުޅު ހަނދާން ކުރަން ޖެހެ އެވެ. އަދި މި ދެ އިރުޝާދުގެ މައްޗަށް ބިނާކޮށް މުސްލިމުންގެ ހިތްތައް އެކުވެރި ކުރަން މަސައްކަތް ކުރަން ޖެހެ އެވެ.
ދެވަނަ ކަމަކަށް މުސްލިމުން ކުރަން ޖެހޭނެ ކަމަކީ އެކުވެރިކަމާއި އެއްބައިވަންތަ ކުރުމަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ކުރެއްވެވި މަސައްކަތްޕުޅު ދެނެގަނެ އެއިން އިބުރަތް ހާސިލު ކުރުމެވެ. މަދީނާގައި އިސްލާމީ ދައުލަތެއް އުފެއްދެވި ހިނދު އެކަލޭގެފާނު ކުރެއްވެވި މައިގަނޑު ތިން ކަންތަކުގެ ތެރެއިން އެއް ކަމަކީ މުހާޖިރުންނާއި އަންޞާރުން އަޚް ކުރެއްވުމެވެ.
މި އަޚް ކުރެއްވުމުގައި މުސްލިމުންގެ އުޚުއްވަތްތެރިކަން ވަރުގަދަ ވުމުގެ އިތުރަށް އީޘާރު (އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އެހެންމީހުންނަށް އިސްކަންދިނުން) ގެ ސިފަ ވެސް ވަރުގަދަވެގެން ދިޔައެވެ. އީޘާރަކީ ވެސް އެކުވެރިކަމާއި އެއްބައިވަންތަ ކުރުމަށް ނުހަނު މުހިންމު ސިފައެކެވެ.
ތިންވަނަ ކަމަކީ، އިސްލާމީ ޝަރިޢަތުގައި ހިމެނޭ އަޅުކަންތަކާއި މުއާމަލާތާއި ރިވެތި އަޚްލާޤު ގެ ތެރެއިން އެކުވެރިކަމާއި އެއްބައިވަންތަކަމަށް ބާރު ލިބޭ އެންމެހާ ކަންކަން އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ. މިގޮތުން ދެނެގަންނަން ޖެހޭ ކަންކަމުގެ ތެރޭގައި މުސްލިމުންގެ ގިބުލައަކީ އެއް ގިބުލައެއް ކަމާއި އަޅުކަމުގެ ގޮތުގައި ކުރަނީ އެއް ކަންކަންތައްތަކެއް ކަމާއި ދިރިއުޅުމުގެ ދުސްތޫރަކީ އަދި ތަބާވާ މަންހަޖަކީ ޤުރްއާނާއި ސުންނަތްކަން ދެނެގަންނަން ޖެހެ އެވެ.
މިކަންކަން ހަނދާނުގައި ބަހައްޓައިގެން އަޅުކަންތައް އަދާކުރާނަމަ ޖަމާއަތުގައި ބައިވެރިވުމާއި އެކަކުއަނެކަކަށް އެހީވުމާއި އެންމެން އެއްގޮތަކަށް އެއްސިފައެއްގައި ތިބެ އެއްވަގުތެއްގައި ކަންކަން ކުރުމަށް އާދަވާ އިރު މުސްލިމުންގެ އެއްބައިވަންތަކަމުގެ އިހުސާސް ވަރުގަދަވެގެން ދާނެ އެވެ.
މި ހުރިހާ ކަމެއް މިގޮތަށް ހުރުމާ އެކު ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ގެ ޒަމާނުން ފެށިގެން ޚަލީފާއިންގެ ދުވަސްވަރުގައި ވެސް މުސްލިމުންގެ ތެރެއިން އެއްބައިވަންތަކަމާއި އަޚްވަންތަކަން ފެނިގެން ދިޔައެވެ. ނަމަވެސް މުނާފިގުންނާއި އަދުއްވުންގެ މަކަރުވެރި ރޭވުންތަކާއި މުސްލިމުން އިސްލާމީ އުސޫލުތަކުގައި ހިފެހެއްޓުން ދުރުވެގެން ދިއުމާއި މާއްދިއްޔަތަށް އޮންނަ ލޯބި ވަރުގަދަ ވުމުގެ ސަބަބުން ބައިބައިވުންތައް އުފެދެން ފެށީ އެވެ.
މި ޒަމާނުގައި ވެސް ތަފާތު ސަބަބުތަކާ ހުރެ މުސްލިމުންގެ ތެރޭގައި ދެކޮޅުވެރިކަމާއި ބައިބައިވުން އުފެދެމުންދާތަން ފެންނަމުން ދެއެވެ. މިކަންކަމުން ސަލާމަތް ވެވޭނީ ކުރިން މި އިޝާރާތްކުރި ކަންކަމަށް ރިއާޔަތްކޮށް އެކުވެރިވެ އެއްބައިވަންތަވާން ކޮންމެ މުސްލިމަކުވެސް މަސައްކަތް ކޮށްގެންނެވެ. އަދި މިގޮތަށް މަސައްކަތް ކުރާ އިރު ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިވެގެން ވެސްމެއެވެ. ދޫ ދޭން ޖެހޭ ތަންތަނުގައި ދޫ ދީގެންނެވެ.
އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގައި ދޫ ދޭން ޖެހޭ މިންވަރު ހާމަވާ ވަރަށް ރީތި މިސާލެއް ހާރޫނުގެފާނުގެ ވާހަކައިން ފެނިގެން ދެ އެވެ. މޫސާގެފާނު ﷲގެ މީޤާތަށް ވަޑައިގަންނަވަމުން ގައުމުގެ ކަންކަން ބެލެހެއްޓެވުމަށް ހާރޫނުގެފާނާ ހަވާލު ކުރެއްވި އެވެ. އެ ދުވަސްވަރު މީސްތަކުންގެ މެދުގައި ވަރަށްބޮޑު ފިތުނައެއް އުފެދޭ ފަދަ ނުރައްކާތެރި ކަމެއް ބަނީ އިސްރާއީލުންގެ ތެރެއިން ސާމިރީ ކިޔާ މީހަކު ކުޅައެވެ.
މީސްތަކުންގެ ޢަޤީދާ ހަލާކުކޮށްލާ ފަދަ ކަމެކެވެ. އެހެން ނަމަވެސް މިކަމުގައި ފިޔަވަޅެއް ނާޅުއްވައި ހުންނެވި އެވެ. އޭގެ ސަބަބެއް ކަމުގައި ހާރޫނުގެފާނު ވިދާޅުވީ "ހަމަކަށަވަރުން، އިސްރާއީލުގެ ދަރިން ބައިބައިކުރިކަމަށް ކަލޭގެފާނު ވިދާޅުވާނެތީ، ތިމަން ބިރުގަތީއެވެ." (ޠަހާ 94). މިފަދައިންނެވެ.
މިތަނުގައި ސާމިރީގެ އެ ނުބައި ފިތުނަވެރި ޢަމަލު ނުހުއްޓަވައި ހާރޫނުގެފާނު މަޑު ކުރެއްވީ މީސްތަކުންގެ މެދުގައި ބައިބައިވުން އުފެދިދާނެތީ އެވެ. ސާމިރީ ގެ އެ ނުބައި އަމަލަށް އަޅާނުލައްވައި ދޫކޮށްލެއްވުމަކަށް ނޫނެވެ. އެއީ ހަމައެކަނި ވަގުތީ ގޮތުން ދިން ދޫ ދިނުމެކެވެ. މޫސާގެފާނު ވަޑައިގަތުމުން އެކަމާ މަޝްވަރާ ކުރައްވައި އެ ފިތުނައިން ގައުމު ސަލާމަތްކުރާނެ ބުއްދިވެރި ހިކުމަތްތެރި ފިޔަވަޅުތަކެއް އެޅުން އެއީ ގައުމު ބައިބައި ކުރުމަށް ވުރެ މާ ބުއްދިވެރި ގޮތެއް ކަމުގައި ވާނެތީ އެވެ.
ވީމާ މުސްލިމުން ފަރުދީ ގޮތުން ވިއަސް އަދި ޖަމާއީ ގޮތުންވިއަސް ހިތްތައް އެކުވެރިވާނެ ފަދަ ކަންކަން ކުރަން ޖެހެއެވެ. އިސްލާމީ އުޚުއްވަތްތެރިކަން ދަމަހައްޓަން ޖެހެއެވެ. އަދި އިންސާނިއްޔަވަންތަ ގުޅުން ގާއިމު ކުރަން ޖެހެއެވެ. ޖަމާއަތްތަކަށް ކުރިއެރުމާއި ފާގަތިކަން ލިބުމުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަން ޔަގީނެވެ.