ބަތަލާ ޒޯއީ ސަލްދަނާގެ ފިރިމީހާ މާކޯ އެމެރިކާ ރައްޔިތަކަށް
ބަތަލާ ޒޯއީ ސަލްދަނާގެ ފިރިމީހާ މާކޯ އެމެރިކާ ރައްޔިތަކަށް

އެމެރިކާ އަށް މިހާރު ދިމާވަމުންދާ މައްސަލަތަކުގެ އެއް އަސްލަކީ އެ ގައުމަށް ހިޖުރަ ކުރާ މީހުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ކަމަށް ވިދާޅުވެ، އެމެރިކާގެ ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވަރަށް ހަރުކަށި ސިޔާސަތެއް ގެންގުޅުއްވަމުން ގެންދަވަނިކޮށް، ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޒޯއީ ސަލްދަނާގެ ފިރިމީހާ މާކޯ [ސަލްދަނާ] ޕެރެގޯ އެމެރިކާގެ ރައްވެއްސަކަށް ވެއްޖެ އެވެ.

ބަތަލާ ޒޯއީ ސަލްދަނާގެ ފިރިމީހާ މާކޯ އެމެރިކާ ރައްޔިތަކަށް
ބަތަލާ ޒޯއީ ސަލްދަނާގެ ފިރިމީހާ މާކޯ އެމެރިކާ ރައްޔިތަކަށް

އެކަން ޒޯއީ ވަނީ އިސްޓަގްރާމްގައި ވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ. "އެވެޓާ" ފަދަ ފިލްމުތައް ކުޅެފައިވާ ޒޯއީގެ ފިރިމީހާ މާކޯއަކީ އިޓަލީ ރައްޔިތެކެވެ.

އެ ދެ މީހުން ކައިވެނި ކުރީ 2013 ގަ އެވެ. އަދި ދެ މީހުންނަށް ލިބުނު އެއްމާބަނޑު ދެ ފިރިހެން ކުދިންނަށް އަންނަ ނޮވެމްބަރު މަހު ދެ އަހަރު ފުރޭނެ އެވެ.

ޒޯއީ ބުނީ ފިރިމީހާ އާއި ދެ ކުދިންނަކީ ވެސް މިހާރު އެމެރިކާގެ ރަށްވެހިން ކަމަށެވެ.

އޭނާ ބުނީ މި އަހަރަކީ ވަރަށް ހާއްސަ އަދި އެހާމެ އުފާވެރި އަހަރެއް ކަމަށެވެ. އަދި ފިރިމީހާ އާއި ދެ ކުދިން އެމެރިކާގެ ރައްޔިތުންނަށް ވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޒޯއީ ބުންޏެވެ.

"ހުދު އަހަންނަކީ ވެސް އެމެރިކާ އަށް ހިޖުރަ ކުރި އާއިލާއަކަށް ނިސްބަތްވާ މީހެއް. އަހަރެން ބުނާނީ އެމެރިކާގެ ރައްޔިތަކަށް ވާން ބޭނުންވާ މީހުން ހިތްވަރު ދޫކޮށް ނުލާ އެކަން ހާސިލްވަންދެން މަސައްކަތް ކުރާށޭ،" އާ ފިލްމް "ސްޓާ ޓްރެކް ބިޔޯންޑް" ގެ ޕްރިމިއާގެ ރެޑް ކާޕެޓަށް ދަމުން ޒޯއީ ބުންޏެވެ. "އަހަރެންގެ ފިރިމީހާ އަށް އެމެރިކާ ރައްޔިތަކަށް ވެވުނީ އާއިލާ އާއި އެ ނޫން ވެސް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން. އަދި މިއީ އެމެރިކާގެ ރައްޔިތަކަށް ވާން ބޭނުން މީހުންނަށް ލިބުނު ހިތްވަރެއްގެ ގޮތުގައި އަހަރެން ދެކެނީ."

ރިޔާސީ ބަހުސްތަކުގައި އެމެރިކާ އަށް ހިޖުރަ ކުރާ މީހުންނާ ބެހޭ ގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކަކީ "އޮއްޓަރެއް ނެތް" ވާހަކަތަކެއް ކަމަށް ވެސް ޒޯއީ، 38، ބުންޏެވެ.

ޒޯއީއަކީ ވަރަށް ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ބަތަލާއެކެވެ.

އޭނާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ގާޑިއަން އޮފް ދަ ގެލެކްސީ"، "ޕައިރޭޓްސް އޮފް ދަ ކެރީބިއަން: ދަ ކާޒް އޮފް ދަ ބްލަކް ޕާލްސް" އަދި "އިންފިނިޓްލީ ޕޯލާ ބެއާ" ހިމެނެ އެވެ.