29 އެޕްރީލް 2018 - 16:42

ވޮޝިންޓަން (އެޕްރީލް 29) - ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު ހަފުތާ ތެރޭ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ބައްދަލު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"އެއީ ވަރަށް މުހިންމު ބައްދަލުވުމަކަށް ވާނެ. ބޭނުމަކީ ކޮރެއާ ޕެނިންސުލާ އަކީ ނިއުކްލިއާ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުން،" ވޮޝިންޓަނުގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
ނޯތު ކޮރެއާގެ ލީޑަރާ އެކު ބާއްވާ ބައްދަލުވުމުން ނަތީޖާއެއް ނުނެރެވޭ ނަމަ ބައްދަލުވުން ދޫކުރައްވާ ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް އަނެއްކާވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ.
ކިމް އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ވަނީ ހުކުރު ދުވަހު ބައްދަލު ކުރައްވައިފަ އެވެ. ކިމް އަކީ 1953 ވަނަ އަހަރު ކޮރެއާ ހަނގުރާމަ ނިމުނު ފަހުން ސައުތު ކޮރެއާ އަށް ވަޑައިގެންނެވި ނޯތު ކޮރެއާގެ ފުރަތަަމަ ލީޑަރެވެ. ޓްރަމްޕް ވަނީ ދެ ލީޑަރުންގެ ސަމިޓަށް މަރުހަބާ ވިދާޅުވެފަ އެވެ. ދެ ކޮރެއާގެ ވެރިންގެ ސަމިޓުގައި ވަނީ ކޮރެއަން ޕެނިންސުލާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލަން އެއްބަސްވެފަ އެވެ.
އަނެއްކޮޅުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ވިދާޅުވީ ކިމްއާ އެކު ޕިއޮންޔޮންގައި ދާދި ފަހުން ބޭއްވި ބައްދަލުވުމުގައި "ރަނގަޅު މަޝްވަރާތަކެއް" ކުރެވުނު ކަމަށެވެ. އަދި ކިމް ހުންނެވީ އެ ބައްދަލުވުމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕާއި ކިމްގެ ބައްދަލުވުން ބާއްވާނެ ތަނެއް އަދި ނުނިންމަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ސަމިޓް ބާއްވަން ދެ ތަނެއް ޝޯޓްލިސްޓްކޮށްފައިވާ ކަމަށެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެއީ ސިންގަޕޫރު ނުވަތަ މޮންގޯލިއާ އެވެ.