22 ޖުލައި 2016 - 20:08

ޕޯކެމޮން ހިފަން ރަށުތެރޭ ދުއްވާ މީހުންނަށް މިއަދު ލިބުނީ ވަރަށް ބޮޑު މާޔޫސްކަމެކެވެ. ގޭމް ކުޅުމަށް ލޮގިން ނުވެވެން ފެށީ އެވެ. މީގެ ކުރިން ވެސް މި މައްސަލަ ދިމާވެ އެވެ. އެކަމަކު މިއަދު އެއްބަޔަކު ބުނަން ފެށީ ރާއްޖެ ސަރަހައްދަށް ގޭމް އެޕްލިކޭޝަން ބްލޮކް ކުރީ ކަމަށެވެ. އެހެންވެ މި ހިސާބުން ޕޯކެމޮން އަށް އަލްވަދާއު ކިޔަން ޖެހުނީ ކަމަށް ހީވި އެވެ.
ވީ އެހެންނެއް ނޫނެވެ. ޕޯކެމޮން ގޯ ޖަޕާނަށް މިއަދު ދޫކުރުމާ އެކު ސާވާތަކަށް ބާރުބޮޑުވެ ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުގައި ވެސް މި ގޭމު ކުޅުމަށް ލޮގިން ނުވެވުމުގެ މައްސަަލަ އެތައް ގަޑިއިރަކަށް ކުރިމަތިވީ އެވެ.
ޕޯކެމޮންގެ "އުފަން ގައުމު" ކަމަށްވާ ޖަޕާނުން މި ގޭމް އެޕްލިކޭޝަން ޑައުންލޯޑްކުރެވޭ ގޮތް މިއަދު ހެދި އިރު ވެސް ގޭމުގެ މަގުބޫލުކަމާ ހެދި ސާވާތަކަށް ދަނީ މައްސަލަތައް ކުރިމަތިވަމުންނެވެ. ޕޯކެމޮން ސާވާތަކުގެ ހާލަތު އަންގައިދޭ ސައިޓުތަކުން ދައްކާ ގޮތުން ވަރަށް ގިނަ ސާވާތައް މިއަދު ވަނީ "ކްރިޓިކަލް" ވެފަ އެވެ. އަދި އެހާ ގިނަ ސާވާ އޯފްލައިން ވެސް ވެފައިވެ އެވެ. އަދި މި ގޮތުގައި އެތައް ގަޑިއިރެއް ހޭދަވެފައިވެ އެވެ.
ޕޯކެމޮން އިން މީގެ ބައި ގަޑިއެއްހާއިރު ކުރިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ސާވާތަކަށް ކުރިމަތިވި މައްސަލަ މިހާރު ހައްލުކުރަމުން އަންނަ ކަމަށާއި ވަރަށް މަދު ސާވާއެއް ނޫނީ މިހާރު ރަނގަޅަށް މަސައްކަތްކުރާ ކަމަށެވެ. އެކަމަކު ދުނިޔޭގެ އެކި ހިސާބުތަކުން "ޓްރެއިނަރުން" ދަނީ އަދިވެސް ލޮގިން ނުވެވޭ ކަމުގެ ޝަކުވާ ކުރަމުންނެވެ.
މިދިޔަ ހަފުތާގައި ވެސް އެމެރިކާ އާއި އިނގިރޭސި ވިލާތުގައި އެތައް ގަޑިއިރަކަށް ޕޯކެމޮން އަށް ލޮގިން ނުވެވޭ ގޮތް ދިމާވެ ޝަކުވާ ބޮޑުވި އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިއަދު ދުނިޔޭގެ އެކި ހިސާބުތަކަށް މި ގޭމުގެ މައްސަލަ ކުރިމަތިވީ ޖަޕާނަށް ގޭމު ތައާރަފުކުރުމުން ކަމެއް ވެސް ޔަގީނެއް ނޫނެވެ. މީގެ ކުރިން ލޮގިން ނުވެވޭ މައްސަލަ ދިމާވުމުން ލޮގިން ކުރަން ބޭނުންކޮށް އުޅޭ ބައެއް އުކުޅުތައް ވެސް މިހާރު މަސައްކަތެއް ނުކުރެ އެވެ.